ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 03:51
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި ސަލާމް ކުރައްވަނީ
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި ސަލާމް ކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ ވިދާޅުވަނީ ހުރިހާ ކުދިންނަށް ހިލޭ މަތީ ތައުލީމު ހާސިލްކުރެވޭނެ ކަމަށް!
ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ކުދިންނަށް ލުއި ލޯނު ލިބޭނެ
މިހާރު ލޯނު ނަގައިގެން ކިޔަވަމުން އަންނަ ކުދިންނަށްވެސް ލުއި ލޯނު ސްކީމްގައި ބައިވެރި ވެވޭނެ
ލުއި ލޯން ދެއްކުން ތައުލީމް ހާސިލްކުރާ ކުއްޖާއަށް ބުރައަކަށް ނުވާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ހުރިހާ ކުދިންނަން ރާއްޖޭގައި ތިބެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާލޭގައި ގުޅިފައިވާ ޕާޓީތަކުގެ "ފުވައްމުލަކު ޖަގަހަ" ހުޅުވައިދެއްވުމަށް ފަހު އިބޫ ވިދާޅުވީ އޯލެވެލް ނިންމާލުމަށްފަހު މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް ރާއްޖޭގައި ހުރެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް ބޭނުން ގައުމަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ލުއި ލޯނު ލިބޭނެ ފުރުސަތު ހޯދައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ހުރިހާ ކުދިންނަށް ރާއްޖޭގައި ތިބެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން، އަދި ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލް ކުރަން ދާން ބޭނުންވާ ކުއްޖަކަށް ލުއި ލޯން ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައި ދޭނަން،" އިބޫ ވިދާޅުވިއެވެ.

ފުވައްމުލަކު ޖަގަހަ ހުޅުއްވާ ދެއްވުމަށްފަހު އިބޫ ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމުގައި މަތީ ތައުލީމަށް ދޫކުރާ ލުއި ލޯނުތަކަކީ މަތީ ތައުލީމު ހާސިލް ކުރުމަށްފަހު ވަޒީފާ އަދާކުރަމުން ފަސޭހައިން ދެއްކޭނެ ގޮތަށް ދޫކުރާ ލޯނުތަކަށް ވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. މަތީ ތައުލީމުގެ ލޯނު ދެއްކުން ބުރައަކަށް ވެގެން ނުދާނެކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިހާރުވެސް އެކި ގޮތްގޮތުން ލޯން ހޯދައިގެން ރާއްޖެއިން ބޭރުގައި އެތައް ކުދިންނެއް ތައުލީމު ހާސިލްކުރަމުންދާ ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ދޫކުރާ ލޯނު ސްކީމްގައި އެކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ނިމިގެން ދިޔަ އަހަރު، 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ނިމުނު ކުދިންނާއި، މިއަހަރު ފަހުކޮޅު ނިމުނު ކުދިންނަށް ލިބެންޖެހޭ ސްކޮލަރޝިޕް މި ސަރުކާރުން ދީފަ މި އޮތީ ކައިރި އަވަށްޓެރި ގައުމުތަކަށް. އެހެންމަވެސް އަޅުގަނޑުމެންގެ ވެރިކަމުގައި މިގެންނަ ބަދަލާއި އެކުގައި އެކުދިންނަން ވެސް މީގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާނަން،" އިބޫ ވިދާޅުވިއެވެ.

މާލޭގައި ފުވައްމުލަކުގެ ޖަގަހައެއް ހުޅުވިއިރު، އެ ސިޓީގެ 3000 އެއްހާ މީހުން މާލޭގައި ދިރިއުޅޭކަމަށް އިބޫ ވިދާޅުވިއެވެ. އާބާދީގައި ގާތްގަނޑަކަށް 13000 މީހުން ދިރިއުޅޭ ފުވައްމުލަކު ޖަގަހަ ހުޅުވައިދެއްވުމުގެ ރަސްމިޔާތުގައި އެ ސިޓީއަށް ނިސްބަތްވާ އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
5 ސެޕްޓެންބަރ 2018 | ބުދަ 02:11
ނާޝް
Aharamen biruganey ibu dhey thauleem hoadhan anekka dhuniyeyn beyra dharinkolhu fonuvai fihyyaa yoo