ކ. މާލެ
|
5 ސެޕްޓެންބަރ 2018 | ބުދަ 01:06
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓަރސް ލިސްޓުގައި ސޮއި ކުރާނީ ސައްހަކަން ކަށަވަރު ކުރުމަށްފަހު: އިބޫ
ސަރުކާރުން ދަނީ އިންތިޚާބު އޮޅުވާލަން ނުފޫޒު ފޯރުވަމުން
ވޯޓަރސް ލިސްޓާއި ގުޅޭގޮތުން އިބޫ ކަންބޮޑުވުން ފާޅުކުރެއްވީ އަންގާރަ ދުވަހުގެރޭ ލިސްޓު އާއްމުކުރުމުގެ ކުރިން
އިންތިހާބު އޮޅުވާލަން މަސައްކަތް ކުރިނަމަވެސް ރައްޔިތުން ރައީސް ޔާމީނަން ނޫނަކޭ ބުނާނެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި ސޮއި ކުރައްވާނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާލޭގައި ގުޅިފައިވާ ޕާޓީތަކުގެ "ފުވައްމުލަކު ޖަގަހަ" ހުޅުވާދެއްވުމަށްފަހު އިބޫ ވިދާޅުވީ ފަހު ވަގުތު ވޯޓަރސް ލިސްޓު އާންމުކޮށް، އެ ލިސްޓުގައި ސޮއިކުރަން އިލެކްޝަންސް ކޮމިޝަނުން ބުނިނަމަވެސް، އެ ލިސްޓުގައި ސޮއިކުރެވެން ނޯންނާނެ ކަމަށެވެ. ވޯޓަރސް ލިސްޓުގައި ސޮއިކުރާނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

ވޯޓަރސް ލިސްޓު އާންމުކޮށްފައި ނުވާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން އިބޫ ފާޅުކުރެއްވިތާ ގާތްގަނޑަކަށް 30 މިނެޓް ފަހުން އިލެކްޝަން ކޮމިޝަނުން ވަނީ އެ ލިސްޓް އާންމުކޮށްފައެވެ. ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބަހެއް އަދި ނުލިބެއެވެ.

"ސައްހަ ވޯޓަރސް ލިސްޓެއް އެބަ ބޭނުންވޭ، މިއަދާއި ހަމައަށް އައި އިރުވެސް، ރީރަޖިސްޓަރކޮށް ނިމުމަށްފަހުގައި ވެސް ސޮއި ކުރަންޖެހޭ ލިސްޓު އަޅުގަނޑުމެންނާއި ހަމައަށް އަތްމައްޗަކަށް ނާރާ. މިއަދު ވެސް އެވާހަކަ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނާއި ދައްކައިފިން. އެންމެ ފަހު ވަގުތު އެ ދިއްކޮއްލާފަ އަޅުގަނޑުމެން ކައިރީގައި ސޮއިކުރާށޭ ބުންޏަސް އެޔަކު ސޮއިކުރެވޭކަށް ނޯންނާނެ. އަޅުގަނޑުމެންނަން އެ ބަލައި، ޗެކްކުރަން ފުރުސަތު ދެއްވަންވާނެ. އެހެން ނޫންނަމަ އޭގައި އޮޅުވާލުންތަށް ހުރެދާނެ. އަޅުގަނޑުމެން މިއަދުވެސް މިދަންނަވަނީ އެ ލިސްޓް އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވާށޭ. އެއަކަށް އަދި އިޖާބައެއް ނުދޭ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި އިންތިހާބު އޮޅުވާލަން ރައީސް ޔާމީންގެ ސަރުކާރުން ނުފޫޒުފޯރުވަން މަސައްކަތް ކުރިނަމަވެސް، ރައްޔިތުން ނުކުމެ ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ ކަމަށެވެ. އެ މަންޒަރު މިއަދު އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުން ފެނިގެންދާ ކަމަށާއި މި އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބުކުރާނީ އާބާދީ ބޮޑެތި ހުރިހާ ރަށްތަކެއްގެ އަޣުލަބިއްޔަތުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވޯޓުލާ މީހުންގެ ލިސްޓް އާއްމުކޮށްފައި މިވަނީ ރީރަޖިސްޓްރޭޝަނަށްފަހު ވޯޓަރސް ލިސްޓް އާއްމު ނުކޮށް ލަސްކުރާތީ އިދިކޮޅު ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި އައިޑީ ކާޑު ނަމްބަރާއި، ނަމާއި، އެޑްރެސް ހިމެނެއެވެ. ލިސްޓު ބުނާ ގޮތުން 262،135 މީހުންނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބެއެވެ. ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް ދާއިރާތައް ވަކިން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޝާޢިއު ކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް