ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 19:08
މާރިޔާ ޕްރެސް ދެއްވަނީ
މާރިޔާ ޕްރެސް ދެއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ކާނިވަލުގައި
އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމަށް ތަނެއް މިލިބުނީ 3 އަހަރު ފަހުން
ގިނަބަޔަކު ތިބީ މި ޖަލްސާގެ އިންތިޒާރުގައި
ޖަލްސާ ބޭއްވުމަށް ކާނިވާ ހަވާލު ކުރާނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ތިން އަހަރަށްފަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އަންގާރަ ދުވަހު ވިދާޅުވީ ތިން އަހަރަށް ފަހު މާލޭގައި ޖަލްސާއެއް ބެއްވުމުގެ ފުރުސަތު ސަރުކާރުން ދިނީތީ އެކަމާ ވަރަށް އުފާ ކުރާކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ފުރުސަތު ލިބުމުން އެއީ އަނިޔާވެރިކަން ހުއްޓުމަކަށް އައުމުގެ މަލަމަތި ފެނުނީ ކަމަށް ބަލައި ރައްޔިތުން ދެމުން އަންނަ ތަރުހީބާއި ފޯރިންވެސް މި ޖަލްސާގެ ބޮޑުކަން ދޭހަ ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުން ތިބީ އިއްތިހާދުގެ ޖަލްސާގެ އިންތިޒާރުގައި ކަމަށް ވުމުން ޖަލްސާގެ މާ ބޮޑު އިސްތިހާރެއް ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި މީޑިއާ ތަކުން ރައްޔިތުންނާ ހަމަޔަށް ޖަލްސާއާ ބެހޭ ސައްހަ ހަބަރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކަށް ތަންދޫކޮށްފައިވާއިރު 7 ވަނަ ދުވަހުގެރޭ ޕީޕީއެމުން ވަނީ އެސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ. އެހެންކަމުން ހޯމަ ދުވަހު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރުމަށް ނިންމާފައިވީނަމަވެސް އެތަން ހަވާލު ކުރާނެ ވަގުތެއް ނޭނގުމުގެ ކަންބޮޑުވުން އޮތެވެ. އަދި އެކަން ސާފުކުރުމަށް އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ވަގުތު ވަނީ ހައުސިންގ މިނިސްޓްރީގައި ހޭދަ ކޮށްފައެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު ތަން ހަވާލު ކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އިއްތިހާދުން ބާއްވަން ހަމަޖައްސާފައިވާ ޖަލްސާއަށް އައުމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ދަތި ކުރުމުގެ ގޮތުން މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑައި މީޑިއާތަކުންވެސް ކަވަރޭޖް ގެނެސް ނުދެވޭގޮތަށް ވަނީ ދަތިތައް ކުރިމަތިކޮށްފައި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ފަސް ނުޖެހި އިބްރާހިމް މުހައްމަދު ސޯލިހާއެކު ސާބިތުވެ ތިބި މަންޒަރު ވަނީ ފެނިފައި ކަމަށާއި ޖަލްސާއަށް ހުރަސް އެޅުމަށް ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް މި ޖަލްސާގެ އިންތިޒާރުގައި ތިބި ރައްޔިތުންތަކެއް ޖަލްސާއަށް އައުން ނުހުއްޓުވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް