ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތް ކުރައްވައި، ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވަން ފެއްޓެވުމާ އެކު، އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.
ސޯޝަލް މީޑިޔާގައި އެވާހަކަ ދައުރުވަމުންދާއިރު ބައެއް އެހެން މަސްދަރަކުންވެސް އެ މައުލޫމާތު ރާއްޖެ އެމްވީއާ ވަނީ އެނގިފަ އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެފައިވާކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި ހާމަކޮށްފައެއް ނެތެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާކަމަށް އިލްޔާސް ވިދާޅުވުމާއެކު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައި މިވަނީ އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވާފައި ވަނިކޮށެވެ.
ގުޅިފައިވާ ޕާޓީތަކުން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އިލްޔާސް ވަނީ ޑރ. އަފްރާޝީމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން މީގެ ހަ އަހަރު ކުރިން، އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އޭނާއާ އިލްޔާސްއާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވި އެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ކަމަށް ތުހްމަތުކުރެވޭ ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަފްރާޝީމް ގަތުލުކޮށް، މި ދުނިޔޭން ނެތި ކޮށްލި ބަޔަކު އިނގޭ ކަމަށް" އިލްޔާސް ވިދާޅުވެފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައުލޫމާތު ފުލުހުން ސާފު ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
Marhoom Dr Afraasheem Ali Qathulu koh midhuniye in nethikolli bayaku @ilyaasipa ah ingey kamah rey Addu Atoll gai vaahaka dhakkamun bunefaivaathee, Ilyas fuluhunge belumuge dhashah genes emauloomaathu @PoliceMv in saafu kuran jehey kamah alhugandu dheken.
— Ahmed Nihan (@ahmed_nihan) September 2, 2018
އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ޝައިޚް އިލްޔާސް ވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން އެތައް ސުވާލެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން އެމައްސަލައިގައި ސުޕްރީމް ކޯޓުން މެރުމަށް ހުކުމްކޮށްފައިވާ ހުސައިން ހުމާމް އެކަން ކޮށްފައިވާނަމަ އެކަން ކުރި ސަބަބެއް ހޯދަން ޖެހޭނެ ކަމަށް ވެފައިވެ އެވެ.
ޝައިޚް އިލްޔާސް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި މިވަނީ މި ދެތިން ދުވަހު ކުރެއްވި ދީނީ ތަޤްރީރު ތަކަކަށް ގިނަ ރައްޔިތުން ތާއީދު ކުރާކަން ހާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ކެމްޕޭން މަޑުޖެހި ރަނިންގ މޭޓް ޑރ ޝަހީމާއި ޕީޕީއެމްގެ އެހެނިހެން ބޭފުޅުން ޝައިޚް އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެމުންދާ ދަނޑިވަޅެއްގައެވެ.
ޝައިޚް އިލްޔާސް މިވަގުތު ހުންނެވީ ފުވައްމުލަކުގައެވެ. މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.