ޓްރީ ޓޮޕް ހޮސްޕީޓަލުން އެހެން ޕްރައިވެޓް ހޮސްޕިޓަލްތަކޭ އެއް ގޮތަށް އާސަންދަ ހިދުމަތް ދޭން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެހެން ޕްރައިވެޓް ހޮސްޕިޓަލުތަކޭ އެއްގޮތަށް އާސަންދައިން ކަވަރ ކުރާ މިންވަރު އެ ހޮސްޕިޓަލުންވެސް ލިބިގެންދާނެއެވެ.
އެގޮތުން އެހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާލުމަށްޓަކައި އާންމު ރައްޔިތުންގެ އަތުން މިހާރު ހަރަދުވާނީ 325ރ. ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ ކުރިން ޓްރީ ޓޮޕްއިން ޑޮކްޓަރަށް ދެއްކުމަށްޓަކައި 525ރ. ދައްކަންޖެހެއެވެ. އާސަންދައިން މިހާރު 200ރ. ޑޮކްޓަރަށް ދެއްކުމުގެ ކަވަރޭޖަށް ލިބިގެންދެއެވެ.
ހޮސްޕިޓަލުގެ އިތުރަށް ބޭސްފިހާރައިން ވެސް އާސަންދަ ހިދުމަތް ލިބިގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންވެސްޓްގައި ހިއްސާވަނީ ޗަމްޕާ ހުސެއިން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްޣަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާއެވެ.
ގާތްގަނޑަކަށް 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ އެ ހޮސްޕިޓަލުގައި 210 އެނދު ގާއިމް ކުރެވިފައިވާ އިރު އެ ހޮސްޕިޓަލުގެ ހިދުމަތްތަކަކީ މެލޭޝިއާގެ ސިމް ޑާބީ ހެލްތްކެއަރ އާއި އޮސްޓްރެއިލިއަރގެ ރަމްސީ ހެލްތްކެއަރއާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.