ސިޔާސީ ލީޑަރުން ޖަލަށްލުމުގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ނަޝީދު ރައްދު ދެއްވައިފިއެވެ.އދ. މަހިބަދޫގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ އެއްވެސް ހަމައެއް، އުސޫލެއް، ނެތި ޝަރީއަތުން ބޭރުގައި ހުކުމްތައް އިއްވަން ކަމަށެވެ. އެ މަގުން ހިންގަވައި، ނަޝީދު ބޭނުންފުޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލާން ކަމަށެވެ.
ރައީސް ޔާމީން އެ ވިދާޅުވާ ވާހަކައަކީ އެއްބަފާ ބޭބެ ރައީސް މައުމޫނާއި ފާރިސް މައުމޫން އަދި އެތައް ބަޔަކު ހައްޔަރު ކުރުވީ ރައީސް ނަޝީދު ކަމަށްތޯ އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. އަދި ޔާމީނަކީ ނަޝީދުގެ ޕަޕެޓެއްކަމަށްތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.
"ރައީސް ޔާމީން މަނިކުފާނު ތިޔަ ވިދާޅުވަނީ މަނިކުފާނު ލައްވާ އަޅުގަނޑު މަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫނާއި ދަރިކަލުން އަދި އެތައް ބައެއް ހައްޔަރު ކުރީ ކަމަށްތޯ. މަނިކުފާނަކީ އަޅުގަނޑުގެ ޕަޕެޓެކޭތޯ. ރާއްޖޭގެ އެންމެ ބޭފުޅުން ވިސްނަވާ. އިބޫ ސޯލިހަށް ވޯޓުދެއްވާ،"ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވެ އެވެ.
ސިޔާސީ ލީޑަރުން ޖަލަށް ލުމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ހަތަރު ލީޑަރުން ވެސް ޖަލަށް ލާފައިވަނީ މި ވެރިކަމުގައެވެ. ރައީސް ނަޝީދާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.