މާލެ އާއި ހުޅުލެ ގުޅުވާލަ ދޭ ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގު، ތާރު އަޅަން ބަންދުކުރުމަށް ފަހު ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފި އެވެ. މި މަގު ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ ހޯމަ ދުވަހު އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖާއި ގުޅިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ ރޯޑްމާކިން މަސައްކަތާއި، ލައިޓް ޕޯސްޓްތަކުގެ ބުޑު އެޅުމުގެ މަސައްކަތް އަދި ހުރަސް މަގުތަކާއި ގުޅުވުމުގެ މަސައްކަތް ނިމެމުން ދަނީ ބާރު ސްޕީޑްގައި ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ފަހު ތާރު އަޅާފައި ވަނީ މެރީބްރައުން އާއި ހިސާބުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށެވެ. މީގެ އިތުރުން ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގާ ގުޅޭ ބައެއް ގޯޅިތަކާއި ފެމެލީ ކޯޓު ކުރިމަތިން އޮންނަ މަގުގައި ވެސް ވަނީ ތާރު އަޅައިފަ އެވެ.
ނަމަވެސް ތާރު އަޅާފައިވާ ފެންވަރާމެދު މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޮގަސްޓް 30 ގައި ބްރިޖް ރަސްމީކޮށް ހުޅުވާފައިވާއިރު އާންމުންނަށް ބްރިޖް ހުޅުވާލާނީ ހުކުރު ދުވަހުން ފެށިގެންނެވެ.