ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި މި ސަރުކާރާމެދު ހިތްހަމަ ނުޖެހޭ އެތައް ބައިވަރު މުވައްޒަފުންނެއް އެބަ ތިއްބެވެ. އެމީހުން ސަރުކާރާ މެދު ނުރުހުންވާ ސަބަބުތައް ކިޔަން ވެއްޖެނަމަ އެއީ ދިގު ލިސްޓެކެވެ. ބައެއް މީހުން ސަރުކާރާ މެދު ހިތްހަމަ ނުޖެހެނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރީ ކަމަށް ބުނެ، އެތައް އޮޅުވާލުމެއް އޮޅުވައި، ހަތަރު އަހަރުވަންދެން "ގަނެތެޅުވީތީ" އެވެ. މި ސަރުކާރުގެ ތެރޭގައި ރާއްޖޭގެ ރެކޯޑު މިންވަރަކަށް ހިޔާނާތާއި ވައްކަން ހިނގައިފި ކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވުމަށް ފަހު އާންމު ރައްޔިތުމީހާ ކާން ބޭނުން ކުރާ ކާޑުގެ އަގު ވެސް ބޮޑު ކުރީތީ އެވެ. ސިވިލް ސަރވިސްގެ މުވައްޒަފުން ތެރެއިން އެތައް މުވައްޒަފަކު އިންސާފެއް ނެތި ވަޒީފާއިން ވަކިކޮށްލީތީ އެވެ. މިހިރީ ހައްތަހާވެސް ސަރުކާރަށް އިތުރު އެންމެ ދުވަހެއް ވެސް ދޭން ބައެއް މީހުން ބޭނުން ނުވާ ސަބަބެވެ.
ރައީސް އަބްދުﷲ ޔާމިނާމެދު ނުރުހޭ އިރުވެސް ބައެއް މީހުން ތިބީ އެކަން އަދިވެސް ފާޅުގައި ހާމަކުރަން ބިރުގަނެފައި އެވެ. ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަން ތިބި ތައުލީމީ ޒުވާނުން ތިބީ ރައީސް އަބްދުﷲ ޔާމިނު އެމީހުން ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ޖެހިލުންވެފަ އެވެ. ކޯލިޝަނުގެ ޖަގަހައަށް ވަދެވުނަސް އެމީހާ "މާދަމާ ހުންނަން ޖެހޭނީ ގޭގައޭ" ހިތާ އެއިން ތަނެއްގެ ދޮރުމަތިން ހިނގާލާފައި ދާން ބިރުން އުޅޭ މީހުން ވެސް އެބަތިއްބެވެ. ނަމަވެސް އެމީހުނަށް ސިޔާސީ ކަންކަންމުގައި ބައިވެރިވުމަށް ގާނޫނުގައި އެއްވެސް ހުރަހެއް ނެތެވެ. އެހެން ކަމުން މިއީ ބިރުގަނެ ފަހަތަށް ޖެހެންވީ ވަގުތެއް ނޫނެވެ.
ރައީސް އަބްދުﷲ ޔާމިނަށް ސަނާ ކިޔައިގެން ރަށުން ވަޒީފާ ހޯދައިގެން އުޅޭ މީހާ ދެކެ ބިރުން އޭނާ ގޭގައި ރަޖާލައިގެން އޮންނަންވީ ސަބަބެއް ނެތެވެ. އަނިޔާވެރިކަމާ ބޭ އިންސާފާ ދެކޮޅަށް ނިކުންނަވީ ރަށުގެ ރައްޔިތުންގެ ހައްގުގައި އެވެ. އަދުލު އިންސާފު ހޯދަން ބަޔަކު ކުރާ މަސައްކަތުގައި ޖެހިލުމެއް ނެތި ނިކުމެ ހަރުގެތަކާއި އެހެން ތަންތަނުގައި ވެސް މަސައްކަތްކުރަންވީ އެވެ.
ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ރަށަށް ދެތިން ކްލާސްރޫމެއް އިތުރު ކުރެވުމުން އެކަމެއް ނުފުދެއެވެ. އެތައް ގުރުބާނީއެއްވެ، ކިޔަވައިދިނުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުންދިޔަ މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ނުގެނެވުނުއިރު ސްކޫލުތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުނަށް އެކަށީގެންވާވަރުގެ އުޖޫރައެއް ވެސް މި ސަރުކާރަށް ނުދެވުނެވެ. މިއަދު ސްކޫލުތަކުގެ ޓީޗަރުން ރައީސް އަބްދުﷲ ޔާމިން ދެކެ ބިރުން އިސްލާހީ މަސައްކަތުގައި ބައިވެރި ނުވާންވީ ސަބަބެއް ނެތެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ރައީސް އަބްދުﷲ ޔާމިނަށް ސަނާ ކިޔާކަށް ނުޖެހެއެވެ. ރަށުގެ ސިއްހީ ނިޒާމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ނާދެއެވެ. އެކަން ރަށުގެ އެންމެނަށް ވެސް އެނގެ އެވެ. ހެލްތު މިނިސްޓަރުގެ އަޅުންކަމަށް ދެކެ، ރައީސަށް ސަނާ ކިޔުއްވަން އުޅުމަކީ ބޭކާރު ކަމެއްކަން މުވައްޒަފުން ސަރުކާރަށް ބުނެދޭން އެބަޖެހެ އެވެ.
ހަގީގަތަކީ ސަރުކާރުގެ މުވައްޒަފުންނަކީ ސަރުކާރުން ބޭނުންގޮތަކަށް ގެންގުޅެވޭނެ ކުޅޭ އެއްޗިހިތަކެއް ކަމަށް ދެކޭ މީހުން މި ސަރުކާރުގައި އެބަ ތިއްބެވެ. އެ ސަބަބަށްޓަކައި އެކަނި ވެސް ސަރުކާރުގެ މުވައްޒަފުން ކޯލިޝަނަށް ތާއިދުކޮށް ޖަލްސާތަކުގައި ބައިވެރި އެމީހުންނަކީ ކޮން ބައެއްކަން ބުނެދޭން އެބަ ޖެހެ އެވެ. ޖަލްސާއެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ކަނޑާލާނެ އޭ ބުނެ ބަހަނާ ދެއްކުމުގެ ކުރިން ރަށުގެ އެންމެ އާދައިގެ މީހާ ރެއާދުވާލު އެކުރާ ބުރަ މަސައްކަތާމެދު ލަދުވެތިވާން ޖެހެ އެވެ. ފާޑު ފާޑުގެ ބަހަނާގައި ތިބެ ގޭގައި ރަޖާ އަޅައިގެން ތިބީމައި، ސަރުކާރަށް ތާއީދުކުރާ މީހުންގެ މަސައްކަތް ކާމިޔާބުވީ އެވެ. ބޭ އިންސާފުން ވަޒީފާއިން ވަކި ކޮށްފި ނަމަ އިންސާފު ހޯދާދޭނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންނަވާ ވައުދުން ހިތްވަރު ލިބެން އެބަޖެހެ އެވެ.
މި ވާހަކަތަކާއެކު ވެސް ބިރުފަހަނައަޅާ ސަރުކާރަށް ނިކުންނަ މުވައްޒަފުން އެބަ ފެނެ އެވެ. އެމީހުންގެ އަގު ބޮޑެވެ. ހަގީގީ ގުރުބާނީ އަކީ އަނިޔާ ކޮށްފާނެކަން އެނގިހުރެވެސް އެހެން މީހުން އަނިޔާއިން ސަލާމަތްކުރުމަށް ނިކުންނަ މީހާ އެވެ.