ނިމިދިޔަ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކަންކުރި އެއްވެސް ގޮތެއް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ތަފާތު ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސްޕާސަން އަދި އެކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިހެން ވިދާޅުވީ ވޯޓުފޮށި ފޮނުވާ އަދަދާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮންމެ ވޯޓު ފޮށްޓަކާއެކު އިތުރު ވޯޓުފޮށްޓެއް ފޮނުވާ ފޮނުވުމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެފައިވަނީ ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވޯޓް ފޮށި ފޮނުވާފައި ނުވާނެ ކަމަށެވެ.
ފުއާދު ތައުފީގް އެހެންވިދާޅުވެފައިވާތީ ރާއްޖެއެމްވީން ސުވާލު ކުރުމުން އަކުރަމް ވިދާޅުވީ ފުއާދު ހަނދުމަފުޅު ނެތުނީ ކަމަށް ވެދާނެ ކަމަށާއި ކޮންމެ ވޯޓު ފޮށްޓަކާއެކު އިތުރު ފޮށްޓެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔެކިޔުންތަކެއްވެސް އަކްރަމް ވަނީ ރާއްޖެއެމްވީއަށް ދައްކާލާފައެވެ.
އެލިޔުމުގައި ވާގޮތުގައި ރިޔާސީ އިންތިޚާބުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމް ކުރެވޭ ކޮންމެ މަރުކަޒަކަޒެއްގައި 2 ވޯޓް ފޮށްޓާއި 2 ވޯޓިންގ ބޫތު ހުރިކަން ކަށަވަރު ކުރަން ވާނެއެވެ. އަދި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކޮންމެ ރިސޯޓަކަށް 2 ވޯޓް ފޮށްޓާއި 1 ވޯޓިންގ ބޫތު ހުރިކަން ކަށަވަރު ކުރަން ވާނެއެވެ.
އަކުރަމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައިވެސް ޢަމަލު ކުރާނީ އެގޮތަށް ކަމަށެވެ. އެގޮތުން 600 މީހުންނަށްވުރެ މަދުން ވޯޓްލާ މީހުން ތިބި އާބާދީ ހިމެނޭ ރަށްރަށަށް ކުޑަ ވޯޓް ފޮށްޓެއް ފޮނުވުމަށް ހަމަޖެހިފައިވާއިރު 600 މީހުންނާއި 1000 މީހުން ވޯޓުލެވޭ އާބާދީތައް ހިމެނޭ ރަށްރަށަށް ކުޑަ ދެވޯޓް ފޮށި ފޮނުވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ވޯޓުލެވޭ 1000 މީހުންނާއި 1500 މީހުން ތިބި ރަށްރަށަށް ބޮޑު ވޯޓް ފޮށްޓަކާއި ކުޑަ ވޯޓް ފޮށްޓެއް ފޮނުވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ދެފޮށި ފޮނުވަނީ ވޯޓްފޮށި ފުރިއްޖެ ނަމަ ބޭނުން ކުރަން ކަމަށާއި އޭގެ ކުރިން އެކްސްޓްރާ ވޯޓުފޮށި އެމަރުކަޒަކަށް ނުވައްދާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މިއަހަރު ބާއްވާ އިންތިޚާބާ އެއްވެސް ކަމެއްގައި ތަފާތެއް ނުހުންނާނެ ކަމަށާއި ރަށްރަށަށް ފޮނުވާ ތަކެތީގެ ތެރޭގައިވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. އެގޮތުން ވޯޓުލާ ސަރަހައްދުތަކުގައި ބޭނުން ކުރާނެ އިމަޖެންސީ ލައިޓާއި އެތަނުގައި ބަހައްޓާ ގަޑިއާއި ފަންކާވެސް ވަރަށް އަވަހަށް ފޮނުވަން ފަށާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެކަންކަން ކުރުމަށްފަހު އެކަމުގެ ތަފްސީލްތައްވެސް މީޑިޔާއަށް ދެއްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.