ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ރިފޯމް މޫވްމަންޓާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުވާ ކުރާ ޓެރަރިޒަމް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވިލިނގިލީގައި ބޭއްވި ޖަލްސާއާ ދިމާކޮށް ތާވަލްކުރުމަށްފަހު، ފަހު ވަގުތު ކެންސަލް ކޮށްފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ ގއ. ވިލިނގިލީގައި ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ރެއެވެ. އެޖަލްސާ އަދިއްތަ ދުވަހުގެ ރޭ ވަރަށް ދަންވަންދެން ކުރިއަށް ގެންދިޔައިރު، ސައުދަކީ އެޖަލްސާގައި ކަންކަން އިންތިޒާމު ކުރުމުގެ އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.
ސައުދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ޖެހިގެންއައި ހޯމަ (މިއަދު) ގެ 13:00 އަށެވެ.
އެނގިފައިވާ ގޮތުގައި ސައުދު ވަނީ އެ ޖަލްސާއަށްފަހު، މާލެ ވަޑައިގެން ކްރިމިނަލް ކޯޓުގެ އެޑުއެހުމަށް ވަޑައިގަންނަވާފަ އެވެ. ނަމަވެސް އެންމެފަހު ވަގުތު ސައުދުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ. މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ދާދިފަހުން ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނެ، ސައުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ ދެ ބޭފުޅުންގެ ދައުވާ ކްރިމިނަލް ކޯޓުިގައި ކުރިއަށް ގެންދަނީ އެކުއެކީގަ އެވެ.
ފަނޑިޔާރު ޝުޖާއުއާއި، ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.
ސައުދަކީ އިލެކްޝަން ކޮމިޝަނުން، މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.
ސައުދުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، އެ ދައުވާގެ އިތުރުން، ގާނޫނު ތަންފީޒްކުރާ މުވައްޒަފުންނަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައިވަނީ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މިދިއަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލިހަށް ވަން މައްސަލައާ ގުޅިގެން މިދިއަ އަހަރުގެ ޖުލައި 27 ވަނަ ދުވަހު ސައުދު ހައްޔަރުކުރުމަށް ފަހު، ބަންދުން ދޫކޮށްލާފައިވަނީ މިދިއަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.