ހުރިހާ އާރާ ބާރެއް އަނިޔާވެރިއަކަށް ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުށް ކޮށްފި ކަމަށާއި، އެކަމަށް ތައުބާވެވަޑައިގަތުމަށް ޝެއިޚް އިލްޔާސް ހުސެއިން ގޮވާލައްވައިފި އެވެ.
އައްޑޫ ސިޓީ ހުޅުމީދޫ ގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދުލްއިންސާފުގެ ދާއިރާ ފުނޑާލުމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މިއަދު ދިވެހި ހުރިހާ ރައްޔިތުންނަށް ލިބެމުން މިދަނީ ރައްޔިތުންގެ މަންދޫބުންނަށް ކުރެވުނު ކުށުގެ ސަޒާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ، ހުރިހާ އާރާ ބާރެއް އަނިޔާވެރިއަކަށް ދިނުމަށްޓަކައި މަސައްކަތް ކުރެވިއްޖެ ކަމަށާއި، ނަމަވެސް އެކަން މާޒީވެ ހިނގައްޖެ ކަމަށެވެ. އެއީ ކުށެއް ކަމަށް އިއުތިރާފްވެ އެކުށް ތަކުރާރު ނުކުރުމަށް ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކުރައްވައި އިލްޔާސް ވިދާޅުވީ، އިއްޒައްތެރިންގެ ލަގަބު ދެއްވުމުން އެ ލަގަބު ހިފެހެއްޓުމަށް މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އަމިއްލައަށް އެބާރު ދިނީ. ސުޕްރީމު ކޯޓުގެ ބެންޗު ބަދަލުކޮށްލެއްވީ އަޅުގަނޑުމެންނޭ. އިންސާނުންނަށް ކުށްތައް ކުރެވޭނެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން. ކޮންމެ މީހަކީ އުނި މީހެއް." އިލްޔާސް ވިދާޅުވިއެވެ.
އެންމެ ހެޔޮ މީހަކީ ކުށެއް ކުރެވުމުން އެއީ ކުށެއް ކަމަށް އިއުތިރާފްވެ ކުށް ދޫކޮށްލުމަށްފަހު އިސްލާހުވުމަށް މަސައްކަތް ކުރާ މީހާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއި ހުރިހާ ބޭފުޅުން އައިސް މި ސާބިތުކޮށްދެނީ މިކަންތައްތައް. ކުށެއް ކުރެވިއްޖެއޭ ތިމަންނާމެންނަށް ދެން ތިމަންނާމެން އެކަން އިސްލާހުކޮށްގެން އަޅުގަނޑުމެންގެ މުވާޠިނުންނާއި (ރައްޔިތުން) އެކުގައި މިގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކޮށް އިންސާފުވެރި މާހައުލެއް މި މުޖުތަމައުގައި އުފެއްދުމަށް މަސައްކަތް ކުރުން ކަމަށް އެހެންވީމަ އަޅުގަނޑުމެން ޕޯޑިއަމްތަކަށް މި އެރީ" އިލްޔާސް ވިދާޅުވި އެވެ.