ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 18:21
ދާންދޫއަށް އިބޫ ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެތިބި މީހުން
ދާންދޫއަށް އިބޫ ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެތިބި މީހުން
ޙުސައިން ޙަސަން
ރިޔާސީ އިންތިހާބު 2018
ބިރެއް ނެތި މުވައްޒަފުން ބޮޑު ފަޅިއަށް!
ސަރުކާރުގެ މުވައްޒަފުން ވެސް ދަނީ އިބޫގެ ކެމްޕެއިންގައި ބައިވެރިވަމުން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުމުގެ ދުވަސްތައް ގުނަމުން ދާއިރު، ބުނެލާ ބަހަކުން، ފާޅުކުރާ ޝުއޫރަކުން، އަދި ލޯބިކުރާ ކުލައަކުން ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ ބިރު އިންތިހާއަށް އޮތެވެ. ޕާޓީގެ ހަރާތްތަކުގައި ބައިވެރި ނުވެއްޖެ ނަމަ، ޖަލްސާއަށް ދިއުމުގެ ޓިކެޓްކޮޅުގައި ނުހިމައިފި ނަމަ، ވަޒީފާ ގެއްލިގެން ގޮސްދާނެ ކަމަށް ހީކޮށް، ހިތާ ދެކޮޅަށް އަމަލުކުރަން މަޖުބޫރުވި އެވެ. 

ނިލަންދޫއިން އިބޫ އަށް މަރުހަބާ ކިޔަނީ

ނަމަވެސް މި މަންޒަރު ބަދަލުވެ، މުވައްޒަފުން ބިރު ފަހަނައަޅައިދާން ފަށާފައިވާކަން، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހް (އިބޫ) ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ވަނީ އެނގިގެން ގޮސްފަ އެވެ. އެ އަތޮޅުގެ ރަށްތަކުގެ ސިވިލް ސާވަންޓުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ފާޅުގައި އިބޫއަށް މަރުހަބާ ކިޔަން ނުކުތެވެ. ތާއިދު އޮތް ކަމަށް ފާޅުގައި ދަނީ ބުނަމުންނެވެ. އެގޮތުން ގދ. ތިނަދޫއިންނާއި ގއ. ކޮލަމާފުށިންނާއި އެ އަތޮޅު ގެމަނަފުށިން ވެސް ފެނުނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ޖެހިލުމެއް ނެތި އިބޫއަށް ތާއިދު އޮތްކަން ދެއްކުމަށް އެތައް މުވައްޒަފުން ނުކުން މަންޒަރެވެ. 

ސަރުކާރުގެ މުވައްޒަފުންގެ ފަރާތުން ފެންނަ ހިތްވަރުގަދަ އެ މަންޒަރާ ގުޅޭ ގޮތުން އެމްޑީޕީ ސަރުކާރުގެ ކުރީގެ ހައުސިން މިނިސްޓަރު އަދި ހުވަދޫ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައި ގަންނަވާ މުހައްމަދު އަސްލަމް ވިދާޅުވީ ބޮޑުފަޅިއަކީ ކޮން ކޮޅެއްކަން އެންމެނަށް އެނގިއްޖެ ކަމަށެވެ. ތިން ހަފްތާ ފަހުން ހާލަތު ބަދަލުވާނެ ގޮތް ކޮންމެ ބަޔަކަށް ވެސް ވަޒަން ކުރެވިފައިވާ ކަމަށާއި މުވައްޒަފުންގެ ހިތުތެރޭގައި ފޮރުވިފައިވާ ހަގީގަތް ދައްކުވައި ދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މީހުން ބިރު ފަހަނައަޅާ ހިނގައްޖެ، އިންތިހާބުގެ ފޯރި ވަރަށް ވަރުގަދަކޮށް މިހާރު މި އޮތީ، އިންތިހާބަށް ތިން ހަފްތާއަށް ކައިރިވެގެން އައިމަ، މިހާރު އެންމެންނަށް ވެސް ޔަގީންވެއްޖެ، ބޮޑުފަޅިއަކީ ކޮބައިކަން. ކިހިނެއްކަން މި ވަނީ. ތިން ހަފްތާ ފަހުން ވާނީ ކިހިނެއްކަން. މަހު މުސާރަ ލިބިއްޖެ. ދެން މުސާރަ ލިބޭނީ ސެޕްޓެމްބަރު މަސް ނިމިގެން،" އަސްލަމް ވިދާޅުވިއެވެ.

 
ދާންދޫއިން އިބޫ އަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ނުކުތް

އިބޫ ވައުދުވެވަޑައިގެންފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި އުޅުމުގެ ސަބަބުން މި ސަރުކާރުގައި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަލުން އަނބުރާ ވަޒީފާ ހޯއްދަވައި ދެއްވައި، ގެއްލުމުގެ ބަދަލު ވެސް ދެއްވާނެ އެވެ. 

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގއ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން، އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުގެ މުވައްޒަފުންނަށް ދެން ބިރު ނުދެއްކޭނެ ކަން އެ މުވައްޒަފުންގެ އަމަލުން ސާބިތުކޮށްދެމުންދާ ކަމަށެވެ.

ސަރުކާރު މުވައްޒަފުން އިބޫއަށް އޮތް ތާއިދު ހާމަކުރަން ފަށާފައި ވާއިރު، އެމްޑީޕީއަށް ވެސް ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ. އެގޮތުން ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސާއި ކޮނޑޭގެ ކައުންސިލްގެ ރައީސާއި ދާންދޫގެ ޕީޕީއެމް އިސް އެކްޓިވިސްޓެއްގެ އިތުރުން ގެމަނަފުށީ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މަންޒަރުތައް ދާނީ އިތުރަށް ސާފުވަމުންނެވެ. ބިރުވެރިކަމުގައި ތިބޭނީތޯ، ނުވަތަ އެ ގަދަ ހޫނު ދޫކޮށްލައި، ބިރެއް ނެތި ހަމަޖެހިލައިގެން، އަމިއްލަ ޒަމީރުގެ މިނިވަންކަން އޮތްކަން އިހްސާސްކުރަން ދާނީތޯ ކަނޑައަޅާނީ ތިޔަ ރައްޔިތުންނެވެ. 

- ކޮމެންޓް