ކައިވެންޏަކީ އެމީހެއްގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި އެއްދުވަހެއެވެ. ކައިވެންޏަށް ގިނަ އިންތިޒާރުތައް ކުރާއިރު ކައިވެނި ހަފްލާ ތަފާތު ގޮތްގޮތަށް ފާހަގަކުރަން ބޭނުންވާ ޒުވާނުން ވަރަށް ގިނައެވެ.
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ވެސް ކައިވެނީގެ ހަފްލާތަކަކީ ވަރަށް ކުލަ ގަދަކޮށް ބާއްވާ ހަފްލާތަކެވެ. ކަނޑު އަނޑީގައާ، ސަބްމެރިންތަކާއި، ރިސޯޓުތަކާއި، ބޮޑެތި ހޮޓެލްތަކުގާއި، ރާއްޖޭގެ ރީތީ މަންޒަރު ދައްކުވައިދޭ ގޮތަށް ބީޗްތަކުގައި ވެސް ކައިވެނި ހަފްލާތައް ބާއްވާއެވެ. އެތަށް ދުވަހެއް ވަންދެން އެއްކުރާ ފައިސާ ހޭދަކޮށްލަނީ ކައިވެނީގެ ހަފްލާއަށެވެ.
މިފަހަކަށް އައިސް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެން ދިއުމުގެ ނަތީޖާއަކަށްވީ މާލޭގައި ކައިވެނި ހަފްލާތައް ބާއްވަން އުނދަގޫވުމެއެވެ. ހަމައެކަނި އާއިލާ މީހުންނާއި ގާތް އެކުވެރިންނަށް ދައުވަތުދީ ކުޑަކޮށް ބާއްވާ ޕާޓީތަކަށް ވެސް އެއްލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށް ޕާޓީ ބާއްވާ ފަރާތްތަކުން ބުނެއެވެ. މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ ގިނަ ބަޔަކަށް ކައިވެނި ހަފްލާތަކުގައި ބައިވެރިވެވެނީ ވެސް މާލޭގައި މިހަފްލާ ބޭއްވީމައެވެ. އެހެންކަމުން އެތަކެއް ޒުވާނެއްގެ މިހުވަފެން ހަގީގީ ކުލަ ނުޖައްސާ ވަނީ ދޫކޮށްލާފައެވެ.
ނާއުންމީދު ވެފައި އޮތް ޒުވާނުންގެ މިއުންމީދަށް ކުލައެއް ޖެހިގެން ދިޔައީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުވި ސިނަމާލެ ބްރިޖްގައި ކައިވެނި ހަފްލާތައް ބޭއްވޭނެ ކަމަށް ސަރުކާރުން ބުނުމުންނެވެ. އަތުން މާބޮޑު ހަރަދެއް ނުގޮސް މާލޭގައި މިއުފާވެރި ދުވަސް ފާހަގަކުރުމުގެ ފުރުސަތު ލިބިގެން ދިއުމުން މުޅި ރާއްޖެ އެއްއަޑަކުން ގުގުމާލީ ބްރިޖްގެ ކައިވެންޏެވެ. ކައިވެނި ހަފްލާތަކަށް ސަރުކާރުން ހަރަދު ކުރުމަށް ނިންމުމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ބައެއް މީހުންގެ ތައުރީފު ވެސް މިކަމަށް ލިބިގެން ދިޔައެވެ.
މިހަފްލާތަކަށް ސަރުކާރުން ކުރާ ހޭދައަކީ ބޭކާރު ހަރަދު ކަމަށާއި، މިފަދަ ބޭކާރު ހަރަދު ނުކޮށް އަލަތު ކައިވެނީގެ ފްލެޓް ދިނުމަށް ގިނަ ބަޔަކު ދިޔައީ ގޮވަމުންނެވެ. ގިނަ ބައެއްގެ ފާޑުކިޔުމާއެކު ބައެއް ހަރަދުތައް ސަރުކާރުން ވަނީ ކަނޑާލާފައެވެ. އެގޮތުން ސަރުކާރުން ހަރަދު ކުރީ ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުން އަދި ޑެކަރޭޝަނަށެވެ.
ސަރުކާރުގެ އެއްބާރުލުމާއެކު އޮގަސްޓް 31 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ބްރިޖް މަތީގައި ފަސް ކައިވެންޏެއް ވަނީ ކޮށްދީފައެވެ. ގިނަ ބަޔަކު މިހަފްލާތަކުގައި ބައިވެރިވެ ވަނީ އުފާފާޅުކޮށްފައެވެ. ބްރިޖުގައި ކައިވެނި ކުރުމުގެ ފުރުސަތު ލިބުނު ޒުވާނުންނަށް މިއީ އުފާވެރި ދުވަހެކެވެ. ނަމަވެސް މިފަސް ކައިވެނީގެ އިތުރުން ކައިވެނި ހަފްލާތައް ބާއްވާ މިއުފާވެރި ދުވަސް ހާއްސަކުރަން ބޭނުންވާ އެތަށް ޒުވާނަކު މިގައުމުގައި ތިބި ކަން އެބަ ވިސްނަން ޖެހެއެވެ. އަތުން މާބޮޑު ހަރަދެއްނުކޮށް ކައިވެނި ހަފްލާ ބާއްވަން އެމީހުން ވެސް ބޭނުންވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވިގެންދިޔަ މިބްރިޖްގައި ބޭއްވި ފުރަތަމަ ފަސް ކައިވެނި ރާއްޖޭގެ ތާރީހުން މިވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް މިފަސް ފަރާތަކަށް ބްރިޖްގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނީ ކޮން އުސޫލުކުންތޯ ބެލުމަށް ގިނަ ބަޔަކު މިހާރު ތިބީ ކެތް މަދުވެފައެވެ.
ބްރިޖް މަތީގައި ކައިވެނި ކުރުމަށް ބޭނުންވާ ޒުވާނުންނަށް ހައުސިން މިނިސްޓްރީ އިން އޮގަސްޓުމަހު 5 ވަނަ ދުވަހު ފޯމް ދޫކުރަން ފެށުމާއެކު 250 އަށްވުރެ ގިނަ މީހުން ވަނީ ފޯމް ނަގާފައެވެ. އަދި ފޯމްދޫކުރަން ފެށުމަށްފަހު ފޯމުގައި މައުލޫމާތުގެ ކުށެއް އިން ކަމަށް ބުނެ ފޯމް ދޫކުރުން މެދު ވެސް ކަނޑާލިއެވެ. ކައިވެނި ހަފްލާގެ ހުރިހާ ހަރަދެއް ސަރުކާރުން ކުރުމަށް ނިންމާފައި އޮތް އޮތުމަށް ބަދަލު ގެނެސް އަލުން ފޯމް ދޫ ކުރިއެވެ. މިބަދަލާއެކު އޭރު ހައުސިން މިނިސްޓްރީން ބުނީ މިބަދަލު ގެނައީ ގިނަ ޒުވާނުންނަށް ބްރިޖްގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ކަމަށެވެ. ނަމަވެސް ބްރިޖްގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނީ 6 ފަރާތަކަށްށެވެ.
މިއީ ރިޔާސީ އިންތިޚާބަށް ސަރުކާރުން ކުޅޭ ކުޅިވަރެއް ކަމަށް ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ. އަދި ގިނަ ޒުވާނުން ފޯމް ލުމުން އެންމެ 6 ފަރާތަކަށް މިފުރުސަތު ދިނުމުން މީގެ ކުރިން ސަރުކާރުން ދެއްކި ވާހަކައާއި ދިމައެއް ނުވިއެވެ. އަޑާއި، ރާގު މިވަނީ ބަދަލުވެގެން ގޮސްފައެވެ.
ގިނަ ވައްކަންތަކާއި ކޮރަޕްޝަން ތުހުމަތު މިސަރުކާރަށް ކުރަމުންދާއިރު ބްރިޖްގެ ކައިވެންޏަށް ވެސް މިވަނީ މިތުހުމަތުތައް ކުރެވިފައެވެ. ބްރިޖްގައި ކައިވެނި ކުރުމަށް އެތަކެއް ޒުވާނުންނެއް ކުރިމަތިލި އިރު 6 ފަރާތަށް މިފުރުސަތު ލިބުނު ގޮތަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 6 ފަރާތަކަށް ފުރުސަތު ދިނުމުން އެކަކު މިފުރުސަތު ދޫކޮށްލުމުން އެހެން ޒުވާނަކަށް ކައިވެނި ކުރުމުގެ ފުރުސަތު ނުދިން ސަބަބެއް ހައުސިން މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.
ކައިވެނި ކުރުމުގެ ފުރުސަތު ދިން ގޮތް ހާމާ ކުރުމަށް ގޮވާލި ނަމަވެސް ހައުސިން މިނިސްޓްރީން މިކަން ސިއްރު ކުރާތީ ވެސް އެކަމާއި ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ.