ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 22:58
އިިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ބެނަރތައް ފުލުހުން ނައްޓަނީ
އިިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ބެނަރތައް ފުލުހުން ނައްޓަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ފުލުހުންނާއިމެދު ސިޔާސީ ނޫން ނަޒަރަކުން ބެލެވެން ނެތް!
ފުލުހުން އެދުނީ ފުލުހުންނާއިމެދު ސިޔާސީ ނަޒަރަކުން ނުބެލުމަށް

ފުލުހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ފަހުގެ ތާރީޚެއްގައި އެއިދާރާއިން ބޭއްވި އެންމެ ސިޔާސީ ނޫސްވެރިންގެ ބައްދަލުވުންކަމަށް ބައެއް ފަރާތްތަކުން ސިފަކުރިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އެދުނީ ސިޔާސީ ނަޒަރަކުން ފުލުހުންނާއިމެދު ނުބެލުމަށެވެ.

އަޅުގަނޑަށް ހިތަށް އެރި ސުވާލަކީ ފުލުހުންނާއިމެދު ސިޔާސީ ނަޒަރަކުން ނޫނީ ދެން ބަލަންވީ ކޮން ނަޒަރަކުންތޯއެވެ. ދިވެހި ފުލުހުންގެ މުއައްސަސާ ސިޔާސީވެ، 2012 ވަނަ އަހަރު ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލަން ނިކުތުމަށްފަހު، އެމުއައްސަސާއާއިމެދު ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ. ބިޑިއާއި މުގުރު ހުރީތީ ރައްޔިތުންނަށް އަނިޔާކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ރައްޔިތުން އިތުބާރު ކުރާ ތަނަކަށްވާނެތޯއެވެ؟

2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފުރަތަމަ ހުއްޓުވީ ފުލުހުން ނިކުމެއެވެ. އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނެ، ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލްކުރިއިރު، އިންތިޚާބު ބާތިލްކުރާ ވަރުގެ ގޯސްތަކެއް ހެދި ބައެއްގެ މައްޗަށް މިހާތަނަށް ދައުވާއެއްކޮށް، ތަހުޤީޤެއް ހިންގާފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނުކަމަށް ބުނެ އެހިންގި އަމަލުތަކާއި، ދޭތެރެ ދޭތެރެއިން އެނިކުންނަ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ މިންވަރާއިމެދު މާގިނަ ސުވާލުތަކެރއް ނެތެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައިގައި ފެނިގެން ދިޔައީ ފުލުހުންގެ ނަޤާބިލްކަމަށްވުރެ ބޮޑަށް، ފުލުހުން ސިޔާސީ ވެފައިވާ މިންވަރެވެ. ފުލުހުންގެ މުއައްސަސާއަށް އެމައްސަލައިގައި ކުރެވުނީ ކީއްތޯއެވެ؟ އެމައްސަލައިގައި ހަޤީގަތުގައި ހިމެނޭ އެކަކުވެސް އަތުލައިގަނެވުނުތޯއެވެ؟ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ އެތައް ތުހުމަތުތަކެއް ހުރިއިރު، އެތުހުމަތުތަކުގައި ހިމެނޭ ޖިނާޢީ އެލެމެންޓްތައް ތަހުޤީޤު ނުކުރެވެނީ ކީއްވެގެންތޯއެވެ؟

1 ފެބްރުއަރީގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ހަމައެކަނި ބަންޑާރަނައިބުގެ ލަފަޔަށް ތަބާވާން ނިންމައި، ދެން އައި ދުވަސްތަކުގައި ސިޔާސީ ފަރާތްތަކާއި ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާތަކަށްފަހު ފުލުހުންނާއިމެދު ދެކެންވީ ކޮން ގޮތަކަށްތޯއެވެ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ފެށުނުފަހުން، އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ފުލުހުން ހިންގި އަމަލުތަކާއި، ވެރިކަންކުރާ ޕާޓީއިން އިދިކޮޅު ފަރާތްތަކުގެ ކެންޕެއިނަށް ހުރަސް އެޅުމަށް ހިންގާ އަމަލުތަކާއި ދޭ އިންޒާރުތައް ބެލުމުގައި ފަހަތު ފަޔަށް ބުރަވީމާވެސް ސިޔާސީކޮށް ނުދެކެންވީތޯއެވެ؟

އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ބެނަރތަކާއި ޕޯސްޓަރުތައް ނެއްޓުމުގައި ފުލުހުން އަމަލީ ގޮތުން ބައިވެރި އެވަނީ އެއީ ފުލުހުންގެ ސުލޫކީ މިންގަނޑުގައި އަމަލުކުރަން އަންގާފައިވާ ގޮތްކަމަށްވާތީތޯއެވެ؟

ވެރިކަންކުރާ ޕާޓީގެ ދިދަތަކެއް އުފުރިކަމަށް ބުނެ، ޓެރަރިސްޓުންނަށް ހަދައިގެން އެންމެ ރަށަކުން 24 ގަޑިއިރު ނުވަނީސް އެތައް ބަޔަކު ހައްޔަރުކުރެވުނުއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ހަރުގެއަށާއި އޮފީހަށް މިދިޔަ 7 އަހަރު ދިން އެއްވެސް ހަމަލާއެއްގައި އެންމެ މީހަކުވެސް ހައްޔަރު ނުކުރެވި، މައްސަލަ ކުރިއަށް ނުދަނީ ފުލުހުންގެ ޤާބިލްކަން ނެތިގެންތޯ ނުވަތަ ފުލުހުން ސިޔާސީވެގެންތޯ ރައްޔިތުން ސުވާލުކުރާނެއެވެ.

ރައީސް ޔާމީން ރަށަކަށް އަރާވަޑައިގަންނަވާނަމަ އެރަށެއްގައި ހުރި އެމްޑީޕީއާއި އިދިކޮޅު އެހެން ޕާޓީތަކުގެ ދިދަތަކާއި، ބެނަރތައް ނަގަނީ ޤާނޫން އަސާސީއިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލާފައެވެ. ރައްޔިތުންގެ އަސާސީ ހައްޤުތަކަށް އަރައިގަންނައިރު ފުލުހުން ކަހަރުވަކެކޭވެސް ހިތަށް ނާރާއިރު، އާއްމު ރައްޔިތުން ހިތަށް އަރާނީ ކީކޭހެއްޔެވެ؟

އެތައް ކެމެރާއެއްގެ ކުރިމަތީގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ހަމަލާދޭން މީހަކު މަސައްކަތްކުރިއިރު، އަދި އެކަމަށް ހެކިވާން އެތައް ބަޔަކު ތިބިއިރު، އެހަމަލާދިނީ ކާކުކަން ފުލުހުންނަށް ނޭނގުމުން ފުލުހުންނަށް މީހުން ކުރާ އިތުބާރުވެސް ވީތަނެއް ނޭނގޭނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކުރަން ޕީޕީއެމްގެ ރެލީއެއްގައި ގޮވާލިއިރު، އެކަމަށް ފުލުހުން ބީރު ކަންފަތެއް ދިނުމުންވެސް ހަމަ ފުލުހުންނާއި މެދު ސިޔާސީ ނަޒަރަކުން ނުދެކެންވީތޯއެވެ؟

މި ލިސްޓް ވަރަށް ދިގެވެ. އެހެންނަމަވެސް ފުލުހުންނާ މެދު ސިޔާސީ ނަޒަރަކުން ނުދެކެންވީ ސަބަބެއް ހޯދާ ހޯދާ ނުފެނުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް