ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 16:35
އާންމުންގެ މީހަކު ރާއްޖެޓީވީގެ ފަންޑަށް ފައިސާ ހަދނިޔާ ކުރަނީ: ޖޫރިމަނާ ދައްކަން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް
އާންމުންގެ މީހަކު ރާއްޖެޓީވީގެ ފަންޑަށް ފައިސާ ހަދނިޔާ ކުރަނީ: ޖޫރިމަނާ ދައްކަން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ
ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު ބްރޯޑްކާސްޓިން ކޮމިޝަނުން އިތުރުކޮށް ނުދިން!
މުއްދަތު އިތުރު ކުރުމަށް ރާއްޖެޓީވީން ހުށަހެޅީ އާދީއްތަ ދުވަހު
އިތުރު ކުރެވެން ނެތް ސަބަބެއް ބްރޯޑްކޮމްއަކުން ނުބުނޭ
މިއީ ބްރޯޑްކާސްޓަރުން ނައްތާލަން ބޭނުންވާކަމުގެ ހެއްކެއް

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ނުދޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އަށް އަންގައިފި އެވެ. 

ގުޅިފައިވާ ޕާޓީތަކުން މިިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ފައިސާ ދައްކަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެވެ.

ރިޔާސީ އިންތިހާބާ ކައިރިވެފައި ވަނިކޮށް އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުން ރާއްޖެޓީވީ ޖޫރިމަނާ ކުރުމުން، ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމަށް ރާއްޖެޓީވީން ބްރޯޑްކޮމްގައި އެދުނީ އާދީއްތަ ދުވަހުއެވެ.

"މި ކޮމިޝަނުން ބެލި މައްސަލައާ ގުޅިގެން 8 އޮގަސްޓް 2018ގައި ތިޔަ ކުންފުނީގެ މައްޗަށް ކޮށްފައިވާ ޖުރިމަނާގެ ފައިސާ ދެއްކުމަށް ތިޔަ ކުންފުންޏަށް ދީފައިވާ 30 ދުވަހުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ކޮމިޝަނުން ނިންމާފައިވާތީ އެ ވާހަކަ ދެންނެވީމެވެ." ބްރޯޑްކޮމުން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައިވެއެވެ.

ބްރޯޑްކޮމްއިން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރު ކުރެވެން ނެތް ސަބަބެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ރާއްޖެޓީވީ ޖޫރިމަނާ ކުރި ކޮންމެ ފަހަރަކު ވެސް ޖޫރިމަނާ ދައްކަން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ނުދިނުމުން ކަށަވަރު ވަނީ "ބްރޯޑްކޮމްގެ މަގުސަދަކީ ބްރޯޑްކާސްޓަރުން ނައްތާލުން" ކަމަށެވެ. 

"ބްރޯޑްކާސްޓަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނީ ޒިންމާއެއް. ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަކީ އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް. ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަކުން އަންނާނެ އެއްވެސް ބަދަލެއް ނެތް. އަޅުގަނޑުމެންނަށް ދަތިތަކެއް ހުރުމުގެ ފައިސާ ހޯދަން ދަތިވެގެން މުއްދަތު އިތުރުކުރުމަށް އެދުނީ،" ފިޔާޒު ވިދާޅުވި އެވެ. 

ފިޔާޒު ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީ ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރި ދެ ލައްކަ ރުފިޔާ ދެއްކުމަށް ވެސް ދިނީ 30 ދުވަހުގެ މުއްދަތު ކަމަށާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް ވެސް ދީފައިވަނީ 30 ދުވަހުގެ މުއްދަތު ކަމަށެވެ. 

"ގާނޫނީ އުސޫލުގެ ތެރެއިން ކޮށް ނުދިނުމަކީ، މި ސްޓޭޝަން އަދި ބްރޯޑްކާސްޓަރުން ނައްތާލުމަށް ބޭނުންވުން،" ފިޔާޒު ވިދާޅުވި އެވެ. 

އަބުރުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ، އަދި އެންމެ ގިނައިން ޖޫރިމަނާ ކުރި ޓީވީސްޓޭޝަނަކީ ރާއްޖެޓީވީއެވެ. މިހާތަނަށް ރާއްޖެޓީވީ ވަނީ ހަތަރު ފަހަރަށް ޖޫރިމަނާކޮށް، 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް