ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 14:24
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2023
ރައީސްކަމުގެ ހުވާކުރައްވާގޮތަށް ޑރ މުއިއްޒު ފުރަތަމަވެސް ކުރައްވާނެ ދެ ކަމެއް
 
ޤައުމަށް އެހާ ބޮޑު ނުރައްކަލެއް އޮތް އެއްބަސްވުމެއް ހާމަ ކުރައްވަން ޖެހިލުންވެވަޑައިނުގަންނަވާނެ
 
އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އުތުރުތިލަފަޅުގެ އެއްބަސްވުން ރަސްމީކޮށް އާންމުކުރެއްވުން
 
ވެރިކަން މި ބަދަލުކުރީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށްކަމަށް ބުނޭ

ކޮންމެ ސަރުކާރެއް ބަދަލުވާއިރުވެސް، އަދި ވެރިކަމެއް ފުރޮޅާލާއިރުވެސް އެކަމުގެ ފަހަތުގައި ސަބަބުތަކެއް ހުންނަ ބީދައިން، ރައްޔިތުން ނުކުމެ ވޯޓެއް ލައިގެން އެއް އަޒުމެއްގައި ވެރިއަކު އިންތިޚާބުކުރަނީވެސް ވަކި ސަބަބުތަކަކަށްޓަކައެވެ.

މިފަހަރުގެ އިންތިޚާބަށް ބަލާއިރު، ވެރިކަން މި ބަދަލުކުރީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށްކަމަށްވެއެވެ. ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމަށްކަމަށްވެއެވެ.

ވެރިކަން ބަދަލު ކުރުމަށް އެއް ވާނެއްގައި ނުކުން މީހުންވެސް ގޮވާލަމުން ދިޔައީ ސަރުކާރުން ޤައުމުގެ މިނިވަންކަން ނަގާލައި، އެހެން ބައެއްގެ އަޅުވެތިކަމަށް ޤައުމު ވައްޓާލާފައިވާކަމަށެވެ. ލޮލުން ބޮލުން ސަރުކާރަށް ތާއީދުކުރި މީހުންވެސް، ތިރީގައި އޮތް ގޮޅީގައި ފާހަގަ ޖަހަން ޖެހުނު ސަބަބަކަށް އެކަންވެގެންދިޔަކަމަށްވެއެވެ. އެވާހަކަތަކުގެ އަސަރުގައި ޖެހި ތިރީ ގޮޅީގައި ފާހަގަޖެހި ކިތަންމެ ބަޔަކާ ދިމާވެފައިވެސްވެއެވެ.  

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި، މިވަގުތުގެ އިންތިޚާބީ ރައީސްގެ ލަޤަބު ޙާސިލު ކުރައްވާފައި މިވަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒެވެ.

ޑރ މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަންކަމަކީ ކޮބައިކަން މިއީ މިއަދު ރައްޔިތުންނަށް އޮޅިފައިވާނެ ކަމެއް ނޫނެވެ. ހަމަ ގައިމުވެސް އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

ޑރ މުއިއްޒު ހުވާ ކުރައްވާ ގޮަތަށް އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އުތުރުތިލަފަޅުގެ އެއްބަސްވުމެއްގައި ޖެހި މި ސަރުކާރު ކޮށިއެރިކަމަށް ބުނާ އެއްބަސްވުން ރަސްމީކޮށް ހާމަ ކުރެއްވުމެވެ. މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ، އެ އެއްބަސްވުން ހާމަ ނުކުރަން ނިންމީމައެވެ. މި ސަރުކާރުން އެކަމުގައި ދެއްކި ސަބަބަކީ ޤައުމީ ސަލާމަތާއި، ޚާރިޖީ ގުޅުންތައް ދެމެހެއްޓުމުގައި ގެންގުޅޭ އުސްލޫބެވެ.

އެހެން ނަމަވެސް އެ ސަބަބު ބަލައިނުގަނެ، އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން އެކަން ސިފަ ކުރަމުންދިޔައީ އެއީ ޤައުމުގެ މިނިވަންކަން ނަގާލާވަރުގެ އަޑިނޭނގޭ އެއްބަސްވުންތަކެއްގެ ގޮތުގައެވެ. ވޯޓު ހޯދީވެސް އެ ވާހަކަ ރައްޔިތުންގެ ބޮލަށް ވައްދައިގެންނެވެ.

ވީއިރު، އެފަދަ އަޑިނޭނގޭ، ޤައުމަށް އެހާ ބޮޑު ނުރައްކަލެއް އޮތް އެއްބަސްވުމެއް ހާމަ ކުރައްވަން ޑރ މުއިއްޒު ޖެހިލުންވެވަޑައެއް ނުގަންނަވާނެތާއެވެ. އެންމެ ފުރަތަމަވެސް މުއިއްޒު ކުރައްވާނެ ކަމަކަށް އެކަން ވާނެކަމާމެދު ޝައްކެއް ނެތެވެ.

ދެވަނައަށް ކުރައްވާނެ ކަމަކީ ހަނިމާދޫއާއި، އައްޑޫއާއި، ދެންވެސް އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ޤައުމުން ފޮނުވާލުމެވެ.

މި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔައީ ދޭދޭ ޤައުމުތަކާއެކު އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދަން ދިވެހި ސިފައިން އެހެން ޤައުމުތަކަށް ޔުނިފޯމުގައި ގޮސް އުޅޭ ބީދައިން، ރާއްޖޭގައިވެސް އެހެން ޤައުމުތަކުގެ ސިފައިންނާ ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގާކަމަށެވެ.

ނަމަވެސް އެހެން ޤައުމެއްގެ ސިފައިންގެ މީހެއް މިތަނުގައި ހަތިޔާރާއެކު އެއްވެސް އަސްކަރީ އޮޕަރޭޝަނަކަށް ޙަރަކާތްތެރިވެފައިނުވާނެކަމަށް މި ސަރުކާރުން ބުންޏެވެ.

އެހެންނަމަވެސް އެއީ ދޮގެއްކަމަށްބުނެ، ވެރިކަން ބަދަލުކުރަން ދެއްކި މައިގަނޑު އެއް ސަބަބަކީ އެތަނުގައި އުޅެނީ ހަތިޔާރާއެކު ޙަރަކާތްތެރިވާ އިންޑިއާ ސިފައިންކަމެވެ.

އެހެންކަމަށްވާނަމަ، އެ ވާހަކަ ދެއްކި ބައެއްގެ އަތްމައްޗަށް ވެރިކަން އައުމުން، ފުރަތަމަވެސް ކުރައްވާނެ ކަމަކީ އެކި ކަންކޮޅުތަކުގައި ތިބި އެ ބުނާ ހަތިޔާރު އެޅި ސިފައިންނެއް ވަގުތުން ވަގުތަށް ޤައުމުން ފޮނުވާލުންތާއެވެ. އަހަރެންވެސް ކެތްމަދުވެފައި މިހުރީ އެ މަންޒަރު ބަލާށެވެ. ލައްކަ ސިފައިން ނެރޭނެތާއެވެ.

ދެންވެސް ކުރައްވާނެ ކަންކަމުގެ ލިސްޓު ވަރަށް ދިގެވެ. ނަމަވެސް އިންތިޚާބީ ރައީސަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމަށް ބަލާއިރު، މިއީވެސް ކުޑަ ކަންކަމެއް ނޫނެވެ. ވީމާ މިއަދަށް ނިންމާލީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
19%
8%
5%
14%
4%
50%
ކޮމެންޓް
8 އޮކްޓޯބަރ 2023 | އާދީއްތަ 13:51
ޝީން
މިތިބީ ކެތްމަދު ވެފައި އެބުނާ އެއް ބަސްވުންތަކާއި އެއްޗެހި ބަލާހިތުން. އެހުރިހާ އެއްބަސް ވުމުގެއްގެ ތަފްސީތަށް ގެނެސް ދޭތި.