ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 15:10
ރައީސް ޔާމީން: ރައީސްކަމުގެ ހުވާ ކުރައްވަނީ
ރައީސް ޔާމީން: ރައީސްކަމުގެ ހުވާ ކުރައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހައްގުތަ؟
އިންތިހާބުތަކުގައި ނަތީޖާ ނެރުއްވާ ސިޔާސީ ލީޑަރުން ޖަލުގައި
ދައުލަތުގެ އެއްމިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓްގައި، މަލީ ބަޔާން ހުށަހެއް ނާޅުއްވާ
އަދުލްއިންސާފު ގާއިމެއް ނުކުރެވޭ

މިހާރު ވެރިކަން ކުރައްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ހައްގުތޯ ސުވާލު އުފެދޭ ބަޔަކު އުޅެދާނެއެވެ. މިހާތަނަށް ވަކިގޮތެއް ކަނޑައަޅާފައިނުވާ ބައެއް މީހުންގެ ހިތުގައި އެ ސުވާލު އުފެދުމަކީ ވަރަށް ގާތް ކަމެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ގިނަ ބަޔަކު ބުނަނީ ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ހައްގު ނޫން ކަމަށެވެ. ގިނަ ބަޔެކޭ މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖެއަށް ޑިމޮކްރެސީ ތައާރަފްވެ، ބޭއްވި ރިޔާސީ ދެ އިންތިހާބުގައި ވެސް ވާދަކޮށްފައި ވަނީ ދެ ފިކުރެކެވެ. އެއީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔެކެވެ. މީގެ އިތުރުން ދެން އޮތީ ރިޔާސީ އިންތިހާބުތަކުގައި ނަތީޖާ އަބުރާލަން ކުޅަދާނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ އެވެ.

އަޅުގަނޑު މިފާހަގަ ކޮށްލި ހަތަރު ނަންފުޅަށް ބަލާއިރު، އެއީ ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ ދެ އިންތިހާބުގައި ވެސް ލީޑަރުންގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ހަތަރު ލީޑަރުންނެވެ.

ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހައްގުކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަމުން ގެންދަވާ މިސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުން އެބައުޅުއްވައެވެ. އެ ބޭފުޅުން ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހައްގުކަމަށް ވިދާޅުވާނެ ވަރަށް ގިނަ ސަބަބުތައް ހުރެދާނެއެވެ. ތިމާމެންގެ އަމިއްލަ އެދުމާއި ސަލާމަތުގެ އައްސޭރިއަކަށް ދެވެން އޮތީ ރައީސް ޔާމީންގެ އަރިހުގައި ހުންނަވައިގެން ކަމަށް ގަބޫލު ކުރެވިގެން ވިދާޅުވާ ވިދާޅުވުމެއް ކަމަށް ވެސް ވެދާނެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވަން ބޭނުންނުވާ މައިގަނޑު ސަބަބެއް ކަމަށް ބުނަމުން ދަނީ ދައުލަތުގެ ހަޒާނާ ސަލާމަތްކުރުމަށާއި ރައްޔިތުންގެ ހަރުމުދާ ސަލާމަތްކުރުމަށާއި ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓްތަކެއް އިމާރާތް ކުރަމުންދިޔައެވެ. އެ ފްލެޓްތައް ނިމުނުއިރު ރައީސް ޔާމީންގެ ވެރިކަމުގައި އެވަނީ އެމަނިފާނަށް ތާއީދުކުރާ ގިނަ ބަޔަކަށް ބަހާލާފައެވެ. އެކަމުގެ ޝަކުވާ ގިނަ ރައްޔިތުން މިއަދުވެސް އެދަނީ ކުރަމުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކަށް އޮތީ އަދުލްއިންސާފުގެ ދާއިރާއިން އިންސާފު ގާއިމުނުކުރެވޭ މައްސަލައެވެ. ރައީސް ޔާމީންގެ މިސަރުކާރުން އަދުލްއިންސާފުގެ ނިޒާމު ރަނގަޅު ކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އޭރު ހުންނެވި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރެއް ދަމާކޫއްތާފައި ގެންގޮސް ވަނީ ޖަލަށްލާފައެވެ. އަދި މީގެ އިތުރުން ކޯޓުތަކާއި ފަނޑިޔާރުންގެ ކަންކަން ބަލަހައްޓަމުންދާ ޖޭއެސްސީއަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުން އައްޔަން ކުރައްވާފައި ވަނީ މީގެ ކުރިން ޓެރެރިޒަމް ދައުވާ އުފުލާފައިވާ ރޭނީސް ސަލީމެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރުވަނީ ކްރިމިނަލް ކޯޓުގެ އޮތް ރޭނީސް ސަލީމުގެ އެމައްސަލަ އަނބުރާ ގެންގޮސް ފައިލް ކޮށްފައެވެ.

މިސަރުކާރުގެ ފަސް އަހަރު ނިމޭއިރު މި ފަސް އަހަރުގެ ތެރޭގައި ރައްޖެއަށް ބަލްކުކޮށް މަސްތުވާތަކެތި އެތެރެކޮށްފައި ވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް އެއްވެސް ހައްލެއް ގެނެވިފައިނުވާއިރު، މީހުން މެރުމާއި މާރާމާރީ އާއި މީހުން ވަގަށް ނެގުން ފަދަ ބޮޑެތި ޖަރީމާތައް މިފަސް އަހަރުގެ ތެރޭގައި ހިންގާފައި ވެއެވެ. މިއީ މީގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ބިރުވެރި ހާލަތެކެވެ. އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ބަޔަކު މީހުން ވަރަށް ބޮޑަށް ރާވާލައިގެން ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލަ ފާހަގަކޮށްލެވެއެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ބަޔަކު މީހުން ހިންގާފައިވާ ބޮޑެތި ޖަރީމާ ތަކެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރުން މިކަންކަން ތަހުގީގު ކުރުމާއި އިންސާފު ގާއިމުކޮށް ދިނުމަށް އެދެވޭ ގޮތަކަށް މަސައްކަތްތެއް ކޮށްފައެއް ނުވެއެވެ.

ދެން އޮތީ ސަރުކާރުގެ ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަ ތަކެވެ. ހަމައެކަނި އެމްއެމްޕީއާރުސީގެ ގެތެރެއިން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާއިރު، އެއީ ރާއްޖޭގެ ހަރުމުދާ ނުއަގުގައި ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ހޯދި ފައިސާއެވެ. އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްގައި 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ވާހަކަ ހިމަނާފައި އޮތަސް މިސަރުކަރުން ކުއްޔަށް ނުވަތަ ވިއްކާފައިވާ ފަޅު ރަށްތަކާއި ފަޅުތަކާއި ފަރުތައް ވިއްކައިގެން ދައުލަތަށް ފަސް ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް މާލީ ތަޖުރިބާކާރުން ބުނެއެވެ. އަދި ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އާއި އެސްޓީއޯ އަދި އެމްޕީއެލް ފަދަ ސަރުކާރުން ކުންފުނިތަކުގެ ތެރެއިން ހިންގާފައިވާ ޖަރީމާތައް އިންތިހާއަށް ވަނީ ފެންމަތި ވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމަށް ހިންގާފައިވާ ހިޔާނާތުގެ ވާހަކަ ނުދައްކާ މީހަކު މިގައުމުގައި ނެތެވެ.

މިފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފެންމަތި ވެފައިވާއިރު، ރައީސް ޔާމީން ގެންދަވަނީ މާލޭން ބިން ގަންނަމުންނެވެ. އަމިއްލަ ގޭގައި ލަގްޒަރީ ހޮޓަލެއް އިމާރާތް ކުރަމުންދާ ވާހަކަ އިވޭއިރު، އެ ބިމުގައި އިމާރާތް ކުރަނީ އާދައިގެން އިމާރާތެއް ނޫންކަން އެސަރަހައްދަށް ބަލާލުމުން އެނގެއެވެ.

ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ވާހަކައަކީ ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ވާހަކައެއް ނޫނެވެ.

ދިވެހި ރައްޔިތުން ހަރުމުދާ ވިއްކާ، މާލެއިން ބިން ގަނެ، އަމިއްލަފުޅުގެ ރަނގަޅު ފެންވަރަކަށް އިމާރާތް ކުރަމުންދާއިރު، ރައްޔިތުންގެ ފައިސާއަށް ހިޔާނާތް ވެފައިވާ ކަމުގެ ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މިދަނޑިވަޅުގައި މިއޮތީ ވެރިކަމުގެ ފުރަތަމަ 5 އަހަރުގެ ދައުރު ނިމުމަކާ ހަމައަށް އައިސް ދެވަނަ ދައުރެއް ލިބިލައްވާތޯ މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާފައެވެ.

ރައީސް ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ގާނޫނާ އެއްގޮތަށް އެމަނިކުފާނުގެ މަލީ ބަޔާން އޮޑިޓް އޮފީހަށް ހުށަހަޅާފައެއް ނުވެއެވެ. ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ތުހުމަތު ކުރެވޭއިރު، އަދި ވިޔަފާރީގެ ބައެއް މުއާމަލާތްތައް ހިންގަވާފައިވާއިރު، އެމަނިކުފާނުގެ މާލީ ބަޔާން ހުށަހެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރައީސް ޔާމީން ފާހަގަ ކުރެވިފައި ވަނީ މީހުން ގެންގުޅުމުގައި ވެސް ތަންކޮޅެއް ފަހަތުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ގިނަ ސިޔާސީ ލީޑަރުން އެމަނިކުފާނާ ދެކޮޅަށް ނިކުންނަވާ، ގައުމު އަމާން ބަނދަރަކަށް ގެންދިމަށް މަސައްކަތް ފެއްޓެވީ ވެސް އެ މަނިކުފާނު އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކެއްގެ ސަބަބުންނެވެ. އެހެން ނޫން ނަމަ އެމަނިފާނު އަބަދުވެސް ވިދާޅުވާހެން، ރައީސް މައުމޫން އެމްޑީޕީއާ ނުވަތަ ރައީސް ނަޝިދާ އެކު ނިކުންނަވައި އެ މަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން އެއް އަޒުމެއްގައި ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަވަން ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ރައްޔިތުންތަކެއް އުންމިީދުކުރެއެވެ ރައްޔިތުން ޝައްކުރަނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކާއި އިލެކްޝަންސް ކޮމިޝަނަށެވެ.

- ކޮމެންޓް