އަޟްހާ އީދު މި ފަހަރު ދިމާވީ އަންނަ މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ރަށްތަކުގައި އީދު ބަންދަށް ކެމްޕެއިން ހަރަކާތްތަކަށް މަޑުޖެހުމެއް ވަނީ އައިސްފައެވެ. އާންމުކޮށް ކެމްޕެއިން ކުރިއަށް ގެންދާ ގޮތާއި ތަފާތު ގޮތްގޮތަށް އީދާ ގުޅުވާލާފައި ވެސް ބައެއް ރަށްތަކުގައި ކެމްޕެއިން ކުރިއަށް ގެންދާކަން ފާހަގަކޮށްލެއެވެ. މިއަހަރުގެ އަޟްހާ އީދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ހުންނެވީ ފުވައްމުލަކު ސިޓީގައެވެ. އުފަން ރަށުގައި އެމަނިކުފާން އީދުގައި ހުންނެވުމަކީ އެރަށުގެ ރައްޔިތުންނަން ލިބުނު އުފަލަކެވެ. އީދުގެ އުފާވެރިކަން އެ ސިޓީގެ ރައްޔިތުން ފައިސަލް އާއިއެކު ކުރިއަށް ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކާއި އެކުގައެވެ.
ފުވައްމުލަކު މާދަނޑު އަވަށުގައި ސްޕޯޓްސް ޕާކްގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ފައިސަލް ވަނީ ބައިވެރިވަޑައިގެންފައެވެ. ނަމާދަށް ފަހު ގިނަ އަދަދެއްގެ ރައްޔިތުންނާއި އެމަކުފާން ބައްދަލުވުމުން ރައްޔިތުންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެއެވެ. ފައިސަލް ވަނީ އީދު ނަމާދުގައި ބައިވެރި އެތަށް ސަތޭކަ މީހުންނާއި އީދު ސަލާމް ކުރައްވާފައެވެ. ބައެއް މީހުން ވަނީ ފައިސަލް އާއިކު ފޮޓޯ ނެގުމަށް ފަހު އީދުގެ ތަހުނިޔާ ފުވައްމުލަކަށް އުފަން ރަނިންގމޭޓާއި އެކުގައި ކަމަށް ބުނެ ސޯޝަލް މިޑިޔާގައި ބޭނުންވެސް ކޮށްފައެވެ.
އީދު ނަމާދަށް ފަހު ހޯމަ ދުވަހުގެ ހެނދުނު ފައިސަލް ވަނީ ދޮރުން ދޮރަން ކެމްޕެއިންގައި އެ ސިޓީގައި ކުރިއަށް ގެންދަވާފައެވެ. ހޯދަނޑު އަވަށުގައި ބައެއް ގޭގެއަށް ފައިސަލް އީދު ދުވަހު ޒިޔާރަތް ކުރެއްވުން ވެގެންދިޔައީ އީދުގެ އުފާވެރިކަމާއި ކެމްޕެއިން ހަރަކާތްތަކަށް ލިބުނު ބާރަކަށެވެ. ގޭގެއަށް ވަޑައިގެން ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުވާއިރު، އެމަނިކުފާނަށް އީދުގެ ތަޙްނިޔާ އަރިސްކުރެއެވެ.
އަޟްހާ އީދުގެ ފުރަތަމަ ދުވަހު އެހެން ރަށްތަކަކޭ އެއްފަދައިން ފުވައްމުލަކު ގައި ވެސް ފެންކުޅިއެއް ނުކުޅެއެވެ. އެހެންނަމަވެސް ބައެއް ޒުވާނުންނާއި ކުޑަކުދިން ގޭގެ ދޮރު މަތީގައި ފެންކުޅި ކުޅެން ތިބިކަން ދޮރުން ދޮރަށް ފައިސަލް ހިންގެވިއިރު ފެނިގެން ދިޔައެވެ. ފައިސަލް ހޯދަނޑު އަވަށުގެ ބައެއް ގޭގެއަށް ވަޑައިގެންނެވިރު ކުޑަކުދިން ފެން ބަޑި ހިފައިގެން ފެންކުޅިކުޅެން ތިބުމުން އެމަނިކުފާން ވަނީ އެކުދިންނާއި އެކު ފެންކުޅި ކުޅެން ވެސް ބައިވެރިވަޑައިގެންފައެވެ. އެވަގުތުކޮޅު ވެގެންދިޔައީ އީދުގެ އުފާވެރިކަން ރަނިންގމޭޓްއާއިކު ހޭދަކޮށްލަން ލިބުމުން އެ ކުދިން ހިނިތުން ކުރުވި ވަގުތު ކޮޅަކަށެވެ.
ރަށުގެ ރައްޔިތުންގެ މޫނު މަތިން ފެންނަމުން ދަނީ ހިނިތުންވުމެވެ. ފާޅުކުރަމުން ދިޔައީ އުފާވެރިކަމުގެ ޝުއޫރުތަކެވެ. ވާނީ ވެސް އެހެންނެވެ. ސެޕްޓެމްބަރު 23 އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ނައިބު ރައީސްކަށް ލިބިވަޑައިގެންނެވި ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ބޭފުޅަކަށް ފައިސަލް ވެގެންދާނެ އެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނައިބު ރައީސް އަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.