ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 17:38
ކުޅުދުއްފުށީ ރޯ ހައުސްތައް
ކުޅުދުއްފުށީ ރޯ ހައުސްތައް
އަޝްވާ ފަހީމް
ކުޅުދުއްފުށީ ރޯހައުސްތައް
ރައީސް ވަޑައިގަންނަވަން ތައްޔާރުވެފައި އޮއްވާ ވީރާނާވަމުންދިޔަ ކުޅުދުއްފުށީ ރޯ ހައުސްތައް ހަވާލުކޮށްފި
ރޯ ހައުސްތައް ހަވާލުކުރީ ރައީސް ވަޑައިގަންނަވަން ކައިރިވެފައި އޮއްވާ
ބައެއް ތަންތަނުގައި ކަރަންޓެއް އަދި ނަރުދަމާވެސް އަޅަފައެއް ނުވޭ

ނިމިފައި ހުންނަތާ ހަ އަހަރުވެ، ވީރާނާވަމުންދިޔަ ހދ. ކުޅުދުއްފުށީގެ ރޯ ހައުސްތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެެވެ.

ރޯ ހައުސްތައް ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގެ ވަފުދެއް ވަނީ އިއްޔެ އެރަށަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯ ހައުސްތައް ހަވާލުކުރުމުގައި އިސްކޮށް ތިއްބެވީ އެބޭފުޅުންނެވެ. އަދި ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް މިކަމުގައި ނެތެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެށި އެ މަޝްރޫއުގެ ދަށުން ރޯ ހައުސް ލިބުނު 58 މީހަކަށް އާދިއްތަ ދުވަހު ތަޅުދަނޑި ހަވާލުކޮށްފައިވާއިރު މި ހަފުތާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. ރޯ ހައުސްތައް ހަވާލުވެސް ކޮށްފައިވަނީ އެތަންތަން ވީރާނާވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވަނިކޮށް އެ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށްކަމަށް ސަރުކާރުން ބުނެއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅުދުއްފުށީގައި ހަދާފައިފައިވާ ރޯ ހައުސްތައް އޭގެ ވެރި ފަރާތްތަކާ ހައުސިން މިނިސްޓްރީން ތަޅުދަނޑިތައް ހަވާލުކުރީ ވަގުތުން އެތަންތަނަށް ވަދެވޭނެކަމަށް ބުނެކަމަށެވެ. އެހެންނަމަވެސް އެތަންތަން ހުރީ ބޯ ގަސްތައް ފަޅާ ވާ ހެދިފައިކަމަށެވެ. އަދި ބައެއް ގެތައް ހުރީ މަރާމާތުކުރުމަށް ބޭނުންވެފައިކަމަށް ކައުންސިލުން ބުންޏެވެ. އަދި ކުޅުދުއްފުށީ ހަސަނާތު މިސްކިތުގެ ކައިރީގައި ހުރި ރޯ ހައުސްތަކު ސަރަހައްދުގައި ނަރުދަމާ އާއި ކަރަންޓު ނެތްކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ، އެކަންކަން އީދު ޗުއްޓީއަށްފަހު ހައްލުކޮށް ދެއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ރޯ ހައުސްތަކުގެ މަރާމާތަށް ދާ ފައިސާ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ތަޅުދަނޑިތައް ހަވާލުކުރީ، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ކައިރީގައި ހަދާފައިވާ 18 ރޯ ހައުސް އާއި ރަށު ހަސަނާތު މިސްކިތުގެ ފުރަގަހުގައި ހަދާފައިވާ 40 ރޯ ހައުސް އެވެ. އެ ރޯ ހައުސްތައް ލިބިފައިވަނީ އެކަމަށް އެދި ކައުންސިލުން ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރެއިން ގުރުއަތުން ނެގުނު މީހުންނަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ މީހުންނާއި ކުޅުދުއްފުއްޓަށް ހިޖުރަކުރަން ބޭނުންވާ މީހުން ހިމެނެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯ ހައުސްތައް އަޅަން ފެށި އެވެ. އޭގެ ތެރެއިން ދެ ސަރަހައްދުގެ ރޯ ހައުސްތައް މި ސަރުކާރު އައިއިރު ހުރީ ނިމިފަ އެވެ. އެމްޑީޕީ ސަރުކާރުގައި ހިއްކި ސަރަހައްދުގައި އަޅަން ފެށި 100 ރޯ ހައުސްތައް ވެރިކަން ވެއްޓުމާއެކު ހުއްޓުނު ގޮތަށް އަދިވެސް ހުރީ ހުއްޓިފަ އެވެ.

ރޯ ހައުސްތައް ހަވާލުކުރި އެ ތަންތަން ވަނީ ވަރަށް ބޮޑަށް ބާވެ ވީރާނާވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 33 މިނެޓު ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް