ބުރުގާ އަޅާ އަންހެނުންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މި މަހުގެ 15 ވަނަ ދުވަހު މަޑިފުށީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނަށް ޖީއެމްއާރުގެ މައްސަލައިގެ ވާހަކަ ދައްްކަވަން ލަދު ގަންނަނަމަ، އެ ބޭފުޅުން ބުރުގާ އަޅުއްވައިގެން ގޭގައި ތިއްބެވިއްޔާ ރަނގަޅުވާނެ ކަމަށެވެ.
"މިއަދު އެ ވާހަކައިގެ މަތިން ހަނދާން ނެތިގެން މިއުޅެނީ ކީއްވެގެންތޯ؟ އެހާ ލަދުގަންނަ ކުދިންކޮޅެއްތޯ އިދިކޮޅަށް ނުކުމެ މިއުޅެނީ؟ މާ ރަނގަޅުވާނެ ނޫންތޯ ބުރުގާ އަޅައިގެން ގޭގައި ތިބިއްޔާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އަންހެނުންނަށް ނިކަމެތިވާ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.
The sexism piles up from the Yameen camp.
— Eva Abdulla (@evattey) August 19, 2018
With yet another deragotory sentence, President Yameen dismisses the contribution of every woman who has ever stayed home, and dismisses every burqa claid woman as being a waste to society. pic.twitter.com/1AhKUgaLkg
މެއި 20، 2016 ވަނަ ދުވަހުގެ ރޭ ބޭއްވި "ފަހި 913 ކުޅިވަރު ފެސްޓިވަލް"ގައި، ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ގޮތަށް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
"މިއަދަކީ އޯޓިސްޓިކް ދުވަސް ދެއްތޯ، އޯޓިސްޓިކް ނޫނީ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ދިވެހިރާއްޖޭން އަރި ހުރަސްކޮށް ކޮންމެ ދިމާލަކަށް ބަލާލި ކަމަށް ވިޔަސް 30 އަހަރުގެ ތަރައްގީ އެހުރީ ފެންނަން" ރައީސް ޔާމީން ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު ދައްކަވާ މިފަދަ ބައެއް ވާހަކަފުޅުތައް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ތަރުޖަމާކޮށް ދެއްވާފައިވެ އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއެކު 2015 ވަނަ އަހަރު ޖޫން މަހު ބޭއްވި ބައްދަލުވުމުގައި އެ އަހަރު 142 މީހަކު ހައްޖަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަ ފަހުން ތަރުޖަމާކޮށް ދެއްވި އެވެ. އަދި އަނަސްގެ މަރުގެ މައްސަލަ އާއި ރިލްވާނުގެ މަރުގެ މައްސަލައިގައި ވެސް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ވެސް ފަހުން ތަރުޖަމާކުރެއްވެވި އެވެ.