ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 09:37
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއެކު އެޕާޓީގެ މެންބަރުން
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއެކު އެޕާޓީގެ މެންބަރުން
ރާއްޖެއެމްވީ
އެމްޑީޕީ
އަދާލަތުޕާޓީގެ ސަބަބުން ގިނަ ޕާޓީ އެކުލެވޭ ނިޒާމު ހަރުދަނާވޭ: އެމްޑީޕީ
ރައްޔިތުންގެ ދިފާއުގައި އެންމެ ކުރީ ސަފުގައި އަދާލަތުން މަސައްކަތް ކުރޭ: އެމްޑީޕީ
އަދާލަތުން ޕާޓީތަކާއެކު ކުރައްވަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއް

ގައުމާއި ރައްޔިތުންގެ ހައްގުގައި އަދާލަތު ޕާޓީން ކުރަމުން ގެންދާ މަސައްކަތުން ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާވަމުން އަންނަ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން ހޯމަ ދުވަހު އެމްޑީޕީން ތަހުނިޔާ ފޮނުވައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަދާލަތު ޕާޓީއަކީ ހީވާގި ލީޑަރެއްގެ ދަށުން ހިތްވަރު ގަދަ މެންބަރުންތަކާއެކު މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އަދާލަތު ޕާޓީއާއެކު އެކި ގޮތްގޮތުން މަސައްކަތް ކުރެވި ގުޅުން ބަދަހިވެފައިވާކަން ފާހަގަކޮށް އެމްޑީޕީން ބުނީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާވަމުން އަންނަ ކަމީ ލިބޭ އުފަލެއް ކަމަށެވެ.

އެމްޑީޕީން ބުނީ އަނިޔާވެރިކަން އިންތިހާއަށްގޮސް އިންސާފު ގެއްލި ބިރުވެރިކަން އިތުރުވެ، މުޅި ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑުކުރާން ފެށުމާއެކު އެންމެ ހިނދުކޮޅެއްވެސް ފަހަތަށް ނުޖެހި ގާނޫނުއަސާސީއާއި ދިވެހިރައްޔިތުންގެ ދިފާއުގައި އެންމެ ކުރީ ސަފުގައި އަދާލަތު ޕަޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ދެމެހެއްޓޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ ސިޔާސީ ހިޔާލުތަފާތުވުން އެއްކައިރިކޮށް އެ ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިފޯމް މޫވްމަންޓާއެކު އަދާލަތު ޕާޓީން ކުރައްވަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ.

އެމްޑީޕީން ބުނީ އަދާލަތު ޕާޓީއަށް ކާމިޔާބީއާއެކު އުފާވެރި ފާގަތި އަހަރުތަކެއް ލިބުމަށް އެދޭ ކަމަށާއި، ރާއްޖެ އިންސާފުގެ މަގަށް ވާސިލްކޮށްދިނުމަށް މަސައްކަތް ކުރުމުގެ އިތުރަށް އެ މަގަށް މަސައްކަތް ކުރާ އެންމެންނަށް އެމްޑީޕީގެ އެއްބާރުލުންދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް