ރިޔާސީ އިންތިހާބު ކައިރިވެފައިވާއިރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ދަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. ތަފާތު މަޝްރޫއުތައް ހިންގަވާނެ ވާހަކައެވެ. އެއަރޕޯޓްތައް ތަރައްގީ ކުރުމުގެ ވާހަކައެވެ. ނަރުދަމާގެ ވާހަކައެވެ. ބިން ހިއްކުމުގެ ވާހަކައެވެ. މަގު ހެދުމުގެ ވާހަކައެވެ. ފްލެޓް އަޅައިދިނުމުގެ ވާހަކައެވެ. ތަފާތު އެކި ދާއިރާތަކަށް ހާއްސަކޮށްގެން ސަބްސިޑީ ދިނުމުގެ ވާހަކައެވެ. ކަރަންޓާއި ކާބޯތަކެތީގެ އަގުތައް ކުޑަ ކުރާނެ ވާހަކައެވެ. މިއީ ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ދައްކަވަމުންދާ ވާހަކަތަކެވެ.
ފަހަރެއްގައި މިވާހަކަތައް ދައްކައިގެން ރައްޔިތުންގެ ވޯޓު ހޯދިދާނެ ކަމަށް ސިޔާސީ ފަރާތްތަކަށް ހީވެދާނެއެވެ.
ކޮރަޕްޝަނާއި އަނިޔާވެރިކަން ނިމުމަކަށް ގެންނަ ވާހަކަވެސް އަޑުއިވެއެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމް ތަންފީޒު ކުރާނެ ވާހަކައާއި ގިޞާސް ހިފާނެ ވާހަކަތައްވެސް ސިޔާސީ ފަރާތްތަކުން ހަރު އަޑުން ދަނީ ގޮވަމުންނެވެ. މިއީ ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައެވެ. ލައްކަ ވައުދު ވެއެވެ. އޭގެ ތެރެއިން ފުއްދެނީ މަދު ވައުދުތަކެކެވެ. ސިޔާސީ އިސް ސަފުގައި ތިބޭ ފަރާތްތަކަށް ރައްޔިތުން ފެންނަނީ ހަމައެކަނި އިންތިހާބެއް ކައިރިވުމުންނެވެ. އެނޫން ދަނޑިވަޅެއްގައި ރައްޔިތުންނަކީ މާ މުހިއްމު ބަޔަކަށް ނުވެއެވެ. ވީ ވައުދުތައްވެސް އިސާހިތަކު ހަދާނެއް ނެތެވެ. މިއީ ހަމަ ދުނިޔޭގެ އާދައެވެ. އިސް މަގާމުތަކަށް އައްޔަނު ވުމަށްފަހު އަމިއްލަ އާއިލާއާއި އަމިއްލަ މުދާ އިތުރު ކުރުމުގައި އުޅެ ދައުރު ނިމުމަކާ ގާތްވުމަށްފަހު އަނެއްކާވެސް ވޯޓަކާ ކައިރިވުމުން ރައްޔިތުންގެ ފެނި ރައްޔިތުން ކުރި މައްޗަށް އަރާ އަނގަފުޅާކޮށް ވާހަކަދައްކަން ފަށައެވެ. މިއީ މިވެރިންގެ އާދައެވެ.
ކޮންމެ ރަށަކަށް އަރާ ވައުދުތައް ވަމުން ދާއިރު އެކަންކަން ވާނެކަމާ މެދު ރައްޔިތުން މާބޮޑު އުންމީދެއްވެސް ނުކުރެއެވެ.
އިންކަމް ޓެކްސްގެ ވާހަކަ ދައްކާ ސިޔާސީ ލީޑަރަކު ނުފެނެއެވެ. ރާއްޖެއަށް އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއްގެ ވާހަކަ ދައްކަވާ ލީޑަރަކު ނުފެނެއެވެ.
އެމްޑީޕީ ސަރުކާރު
ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި އަމަލުތައް ހިންގާ ފަރާތްތައް އިތުރުވެ، އެފަދަ މައްސަލަ އިތުރުވަމުން ދާއިރު އިންކަމް ޓެކްސް އަކީ މުހިއްމު އެއްޗެއްކަން ފާޅުގައި ހާމަކުރާ މީހަކު ސިޔާސީ މައިދާނުން ނުފެނެއެވެ. އިކޮމިސްޓުންނާއި އިހްލާސްތެރިން ކަމަށް ބުނެ ކޮންމެ މީހަކުވެސް ވާހަކަ ދައްކަމުން ދާއިރު އިންކަމް ޓެކްސްއަކީ ދަންނަ އެއްޗަކަށްވެސް ނުވެއެވެ. އިންކަމް ޓެކްސްގެ ވާހަކަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ތެރެއިން ކޮންމެވެސް ވަރަކަށް ދެކެވުނު ނަމަވެސް އޭރު އެވާހަކަތައްވެސް އޮބިގެންދިޔައެވެ. އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު ފުރިހަމަ ޓެކްސްގެ ނިޒާމެއް ތައާރަފްކުރުމަށްޓަކާއި އިންކަމް ޓެކްސް ނެގުމުގައި އުސޫލުތަކެއްވެސް އޭރު އިއުލާނު ކުރިއެވެ. އެގޮތުން 30000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ތިން ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ބޭންޑަކުން ޓެކްސް ނެގުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
ޕީޕީއެމް ސަރުކާރު
މިހާރު ހިނގަމުންދާ ސަރުކާރުގެ މަޖިލީސް މެންބަރުންވެސް އިންކަމް ޓެކްސް ނަގަން ތާއީދުކޮށް ވާހަކަދައްކަވައެވެ. އެހެން ނަމަވެސް އެކަމަކީ ކުރަން ޖެހޭ އެހެން ނަމަވެސް ނުކުރެވޭ ކަމަކަށްވަނީ ވެފައެވެ. ސަރުކާރުގެ އިސްވެރިއަކު ހާމަކޮށްފައިވާ ގޮތުގައި އިންކަމް ޓެކްސް ނެގުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ ޓެކްސްގެ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށްޓަކައެވެ. އެހެން ކަމުން އިންކަމް ޓެކްސް ނެގުން އެއީ އަދި ކުރަން ވިސްނާފައިވާ ކަމެއް ނޫނެވެ.
އިންކަމް ޓެކްސްއަކީ އަމިއްލަ ފަރާތްތަކާ އެކި އެކި އިދާރާތަކުން ލިބޭ އާމްދަނީއިން ނަގާ ޓެކްސް އެކެވެ. އާންމުގޮތެއްގައި މި ޓެކްސް ނެގުމުގައި ތަފާތު އެކި އުސޫލުތައް ހުރެއެވެ.
އެހެން ގައުމުތަކުން އިންކަމް ޓެކްސް ނެގުމުގެ އުސޫލު
އިންޑިއާގައި އަހަރުގެ ލިބޭ އާމްދަނީ ދެލައްކަ ފަންސާސް ހާހުން ދަށުން ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނުނަގައެވެ. އަހަރުގެ އާމްދަނީ ދެލައްކަ ފަންސާސް ހާހާއި ފަސް ލައްކައާއި ދެމެދު ލިބޭ ފަރާތްތަކުން އިންކަމް ޓެކްސްގެ ގޮތުގައި، އިންޑިއާގައި ފަސް ޕަސެންޓް ދައްކަން ޖެހެއެވެ. ފަސް ލައްކަ އާއި ދިހަ ލައްކައިގެ އާމްދަނީ ލިބޭ ފަރާތްތަކުން 20 ޕަސެންޓް އިންކަމް ޓެކްސްއަށް ދައްކަން ޖެހޭ އިރު އެއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސްގެ ގޮތުގައި 30 ޕަސެންޓް ދައްކަން ޖެހެއެވެ.
އެމެރިކާގައި 37000 ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކަމުގައިވާ ނަމަ އިންކަމް ޓެކްސް ނަގަން ފަށައެވެ. އެގޮތުން 25 ޕަސެންޓުން ފެށިގެން 35 ޕަސެންޓާ ދެމެދުގެ ބޭންޑެއްގެ ތެރެއިން އިންކަމް ޓެކްސް އަންނަނީ ނަގަމުންނެވެ.
ޓެކްސްގެ ފައިދާ
އިންކަމް ޓެކްސްގެ ނިޒާމުގެ ތެރެއިން އިންކަމް ޓެކްސް ނަގާ ފަރާތްތަކަށް ލިބޭ އާމްދަނީ ބެލެހެއްޓިގެންދާނެއެވެ. އެކައުންޓަށް ވަންނަ ފައިސާއާއި މެދު ސުވާލު ކުރެވޭނެއެވެ. އަދި އިންކަމް ޓެކްސްއަށް މަކަރު ހަދާ ފަރާތްތައް ކައިރިން ބަލައި، ފިޔަވަޅު އެޅިދާނެއެވެ.
އިންކަމް ޓެކްސްގެ ނެގުމުގެ ސަބަބުން އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ އާމްދަނީގެ ތަފާތުތައް ކޮންޓްރޯލް ކުރެވިގެންދާނެއެވެ. އަދި އިންކަމް ޑިސްޕޭރިޓީ ކުޑަކޮށް ސަރުކާރުން އެކަންކަން ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެއެވެ. ވާރލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން ބޮލަކަށް ޖެހެނީ 9570 ޑޮލަރުގައެވެ. އެހެން ނަމަވެސް ހަގީގަތުގައިވެސް އެވަރުގެ އާމްދަނީއެއް ލިބެނީ ކިތަށް މީހުންނަށްބާއެވެ. ސަރުކާރަށް އިންކަމް ޓެކްސްގެ ތެރެއިން ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ތަރައްގީގެ ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ.
ނުނަގާ ސަބަބު
އިންކަމް ޓެކްސްގެ ވާހަކަތައް މަދު މަދުން ދައްކަނީ ފަހަރެއްގައި އެކަމަކީ ބާރުގަދަ ވިޔަފާރިވެރިން ކުރަން ބޭނުންވާ ކަމަކަށް ނުވުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިފަދަ ޓެކްސްއެއްގެ ތެރެއިން އެފަދަ ފަރާތްތަކުގެ އަމަލުތައް ކައިރިން ބެލުމަކީ އެފަދަ ފަރާތްތަކުން ހަމަގައިމުވެސް ގަޔާވާނެ ކަމަކަށް ނުވުމާއި، އެހެނިގެން ގޮތްގޮތަށް ނުވަތަ ނަހަމަ ގޮތުގައި ހޯދާ ފައިސާގެ މައުލޫމާތު އެނގި ރައްޔިތުން ކުރިމަތީގައި ފަޟީހަތް ވެދާނެތީއެވެ. ހަމައެކަނި އެކަމެއްވެސް ނޫނެވެ. އަނެއްބައި ވިޔަފާރިވެރިން ބުނަނީ އެފަދަ ޓެކްސްއެއް ނަގާއިރު މުޅި ނިޒާމަކީ އިތުބާރު ހިފޭ ނިޒާމަކަށް ވާންޖެހެއެވެ. ސިޔާސީ ގޮތުން އަންނަ ހިތްހަމަނުޖެހުންތަކެއްގެ ތެރެއިން ވިޔަފާރިވެރިންގެ މައުލޫމާތުތައް ބޭނުންކޮށް ފިޔަވަޅު އަޅަން އޮންނަ ތަނަކަށް ޓެކްސް އިދާރާތައް ވާކަމުގައިވަނީ ނަމަ އެފަދަ އިންކަމް ޓެކްސް ނޫން އެހެން ޓެކްސްތައް ދެއްކުމަށްވެސް ފަރާތްތަކުން ފަސް ޖެހޭނެއެވެ. އެހެން ކަމުން ރަނގަޅު ނިޒާމެއް ޓެކްސް ނިޒާމުގެ ތެރެއިން ގާއިމް ކުރަންޖެހެއެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުތަކުން ޖެހިލުންވާ އަނެއް ސަބަބަކީ، ސިޔާސީ ސަބަބެއް ކަމުގައިވެސް ވެދާނެއެވެ. މިއަދަށް ބަލާލި ނަމަވެސް އަޑުއިވިގެންދަނީ ބޮޑެތި ލޯނުތަކާއި ބޮޑެތި އަދަދުތައް ހަރަދުކޮށްގެން ޕްރޮޖެކްޓްތައް ހިންގާ ވާހަކައެވެ. ރައްޔިތުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ފަހަތުން ދުވަންޖެހޭ ނުވަތަ ހުރިހާ ކަމެއްގައި ސަރުކާރަށް ބަރޯސާންވާޖެހޭ ބައެއްގެގޮތުގައި ސިޔާސީ ފަރާތްތަކުން ދެކެމުން އައުމެވެ. ޒަމާނުއްސުރެ ދިވެހިންގެ ވިސްނުންވެސް ހުންނަނީ އެފަދަ ގޮތަކަށް ބައްޓަންވެފައެވެ. އަދި ސިޔާސީ ފަރާތްތަކުން ދަނީ އެފަދަ ސަގާފަތެއް ރައްޔިތުންނަށް ދަސްކޮށްދެމުންނެވެ. ރައްޔިތުންނަކީ ކަންނެތް، ތަންދޮރު ނުދަންނަ ބައެއްކަމަށް ހެދުމުގެ ބަދަލުގައި ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުމުގެ ވާހަކަ ދައްކާ ސިޔާސީ ފަރާތްތަކުން މިގައުމަށް އުފަން ނުވަނީބާއެވެ.
އަނެއް ސަބަބަކީ މިއީ އަނެއްކާވެސް އައު ކަމަކަށް ވުމެއެވެ. މީގެ ކުރިން ބީޕީޓީއާއި ޖީއެސްޓީ ފަދަ ޓެކްސްތައް ނަގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން މަސައްކަތް ކުރި އިރު ޓެކްސްގެ ނިޒާމަކީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށް އެތަށް ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ. އަނެއްކާވެސް މިފަދަ ޓެކްސްއެއް ތައާރަފް ކުރުމުން ވާނެ ގޮތް ނޭނގިދާނެ ކަމަށް ޓެކްސް ނެގުމަށް ޖެހިލުންވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހަގީގަތަކީ ފުރިހަމަ ޓެކްސް ނިޒާމެއްގައި އިންކަމް ޓެކްސް ބޭނުންވާ ކަމެވެ. ބީޕީޓީ އާއި ޖީއެސްޓީ އާއި އަދި އެނޫން ޓެކްސް ނަގާއިރު އެޓެކްސްގެ ތެރެއިން ވާނުވާ ނޭނގޭ ފައިސާތައް ފުރާލުމަށްޓަކައި މިއީ މުހިއްމު ޓެކްސްއެކެވެ. އަނެއްކޮޅުން ޓޫރިޒަމް އިންޑަސްޓްރީއަށް ބަލާއިރުވެސް ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތަކުގައި އަދިވެސް ފެނިގެންދަނީ ބިދޭސީންނެވެ. އެގޮތުން ޝެފުންނާއި އެކައުންޓެންޓުންނާއި މެނޭޖަރުންގެ ގޮތުގައި ބިދޭންސީން މަސައްކަތްކުރާ އިރު އެމީހުންނަށް ލިބޭ އާމްދަނީއިން ސަރުކާރަށް ޓެކްސްއެއް ނެގުން ވެގެންދާނީވެސް ރާއްޖޭގެ އާމްދަނީއަށް ލިބިގެންދާނެ ކުރިއެރުމެކެވެ.