ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 13:20
ޕީޕީއެމްގެ ޕޯޑިއަމްގައި ރައީސް ޔާމީން ވާހަަކަފުޅު ދައްކަވަނީ
ޕީޕީއެމްގެ ޕޯޑިއަމްގައި ރައީސް ޔާމީން ވާހަަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރާއްޖެޓީވީގެ ދައުވަތަށް ޔާމީން ޖަވާބެއް ނުދެއްވުމުން ބަހުސް ކުރިއަށް ގެންދަން ދަތިތަކެއް!
ދެ ފަހަރެއްގެ މަތިން ދައުވަތު އަރުވާފައިވޭ
އިބޫ އާއި ފައިސަލް ދައުވަތު ގަބޫލުފުޅު ކުރައްވާފައިވޭ
ބަހުސް ކުރިއަށް ގެންދާނީ ކެންޑިޑޭޓުންގެ ހިޔާލާ އެކު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ މެދުގައި ރާއްޖެޓީވީން ބޭއްވުމަށް އިންތިޒާމުކުރާ ބަހުސްގެ ދައުވަތު ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ފަހަރަށް ފޮނުވުމުން ވެސް ޖަވާބެއް ނުދެއްވުމުން، ބަހުސް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ރާއްޖެޓީވީ ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ރާއްޖެޓީވީން ރައީސް ޔާމީނަށް ވަނީ ދައުވަތު އަރުވާފައެވެ. ފުރަތަމަ ދައުވަތު ފޮނުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެ ވަނަ ދައުވަތު ފޮނުވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ރަނިންމޭޓަށް ވަކިވަކިން ފޮނުވި ދެ ދައުވަތަށް ވެސް އެ ދެ ބޭފުޅުން އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ރާއްޖެޓީވީގެ ރިޔާސީ ބަހުސްގެ ދައުވަތު ގަބޫލު ކުރައްވައިފައެވެ.

ރާއްޖެޓީވީގެ ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީނާއި ރަނިންމޭޓް ޑރ. ޝަހީމު ގަބޫލު ކުރުމާމެދު ގޮތެއް ނުނިންމަވައި ދިގުލަމުންދާތީ ބަހުސް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ރާއްޖެޓީވީގެ ދައުވަތު ގަބޫލު ކުރުމާމެދު ޕީޕީއެމްގެ ކެންޑިޑޭޓް ގޮތެއް ނިންމަވާފައި ނުވާތީ، ބަހުސް ކުރިއަށް ގެންދާނެ ފޯމެޓެއް ވަނީ ކަނޑަނޭޅިފައެވެ. ބަހުސަކީ ދެ ފަރާތުގެ ވާހަކަތަކާ އެކު ގެންނަންޖެހޭ އެއްޗަކަށްވެފައި ދެ ކެންޑިޑޭޓަކު ވާދަ ކުރާ އިންތިހާބެއްގައި އެއް ކެންޑިޑޭޓަކު ބަހުސްގައި ބައިވެރިނުވެ، ކުރިއަށް ގެންދިއުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ފިޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ރާއްޖެޓީވީން ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ގަބޫލުފުޅު ކުރެއްވުމާމެދު ގޮތެއް ނިންމާފައި ނުވާއިރު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް