ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 08:56
އަސްލަމް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމަގައި
އަސްލަމް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމަގައި
މުހައްމަދު ޝަރުހާން
ފަަލަ ސުރުޚީ
ވޯޓާ ގުޅޭ ކަންކަމުގެ ތެރެއަށް ސަރުކާރު އޮފީސްތައް ވެއްދުމަކީ ވަރަށް ގޯސްކޮށް ކުރިކަމެއް: އަސްލަމް
ސަރުކާރު އޮފީސްތަކުން ފުރި ފޯމްތައް އިލެކްޝަނަށް ވެއްދީކީ އެއޮފީސް ތަކަކުންނެއް ނޫން
އެކަމަށް އިލެކްޝަނުން ޖަވާބުދާރީވާން ޖެހޭނެ
އިލެކްޝަނާމެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ޖާގަ އެބައޮތް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ސަރުކާރު އޮފީސްތައް ވެއްދުމަކީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ގޯސްކޮށް ކުރިކަމެއް ކަމަށާއި އިލެކްޝަންސް ކޮމިޝަނާމެދު ޝައްކު ކުރުމުގެ ޖާގަ އެބައޮތްކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޮނިހިރު ދުވަހުގެ ރޭ އަސްލަމް ވިދާޅުވީ ރީރެޖިސްޓްރޭޝަންގެ ކަންތައްތަކަކީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުން މީގެ ކުރިން ދުވަހަކުވެސް ކުރިކަމެއް ނޫން ކަމަށާއި މިފަހަރު އެކަން އެފަރާތްތަކުން ކުރަން ފެށުމުން އިދިކޮޅު ފަރާތްތަކުން އެވާހަކަ ދެއްކިކަމަށެވެ.އެއާއެކު އިލެކްޝަންސް ކޮމިޝަނުން އެދިގެން ކުރާ ކަމެއްކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުން އެކަން ކުރަން ޖެހޭއެއްވެސް ސަބަބެއް ނެތްކަމަށާއި ރާއްޖޭގައި ވޯޓުލާން ނިކުންނަ މިންވަރަކީ އެކަށީގެންވާ ގިނަ އަދަދެއް ކަމަށެވެ. ދިވެހިން ވޯޓުލާން ޝައުގުވެރިކަން ނެތީކީ ނޫން ކަމަށާއި 90 އިންސައްތައަށް ވުރެ މަތިން މީހުން ވޯޓުލާން ނުކުންނަކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެން އޮތް އިރެއްގައި ވޯޓުލާން މީހުން ނުނިކުމެދާނެކަމަށް އިލެކްޝަންސް ކޮމިޝަނަށް ހީފުޅުވި ސަބަބެއް ނުވިސްނޭކަމަށް އަސްލަމް ވިދާޅުވިއެވެ.

"އިންތިޚާބުގައި ވާދަކުރަން ނިކުމެ މިތިބެނީ ސިޔާސީ ޕާޓީތަކުން ބޭފުޅުން. އެބޭފުޅުން ވަރަށް މަސައްކަތް ކުރައްވާނެ ގިނަ މީހުން ލައްވައި ވޯޓުލައްވަން. އިލެކްޝަންސް ކޮމިޝަނުން ބިރުފުޅުން އުޅުއްވާކަށް ނުޖެހޭ މީހުން ނުނިކުމެދާނެ ކަމަކަށް. ރާއްޖޭގެ ތާރީޚަކު ނެތް މީހުން ނުނިކުމެފައެއް. އެ މަސައްކަތް އެހެން ކުރެވުނު ކުރެވުން އެއީ އޭގެ ތެރެއަށް ނުފޫޒު ވަންކަމެއްގެ ގޮތުގައި ބެލެވުނު،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު އޮފީސްތަކުން ރަޖިސްޓްރީކުރި ސަބަބު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ ކަމަށާއި އެފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ގެންދިޔައީކީ އެއޮފީސްތަކުން ނޫން ކަމަށެވެ.

އެފޯމުތައް ވަކި ޖަގަހައަކަށް ލިބޭނެކަމަށް ލީކުވި ވީޑިއޯއަކުން އެނގޭނެ ކަމަށާއި އެފޯމްތައް ފޮނުވާނީ ދިރާސާ ކުރުމަށްފަހު ކަމަށް ކަމަނާއަކު ވިދާޅުވެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކުރީ ކޮން ދިރާސާއެއްކަންވެސް ހާމަވެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރީރަޖިސްޓްރީ ވުމުގެ މުއްދަތު ކައިރިވެގެން އައިއިރު އެއޮފީސްތަކުން ރީރަޖިސްޓްރީ ކުރަން ފޯމު ފުރި މީހުން ރަޖިސްޓްރީ ނުވެގެން އަމިއްލަ ގޮތުންނާއި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަތަކުން އަލުން ފޯމް ފުރާފައިވާ ކަމަށެވެ. އަދި އޮފީސްތަކުން ފުރި ފޯމްތައް ގަނޑުކޮށް އެއްދިމާލަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ދެން މި ފެނިގެން ދިޔައީ ރީރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާން އެއްދުވަހަށް ވެފައި އޮއްވައި ކުއްލިއަކަށް ބޮނޑިއަކަށް ފޯމްތައް ވެއްދިތަން. 20 ހާސް ފޯމް އެއްފަހަރާ. ވިސްނާ ކޮންމެ މީހަކަށްވެސް އެނގޭނެ ގޮތުގައި އެއީ ސަރުކާރުގެ އޮފީސްތަކުން ފުރި ފޯމްތައް. އެފޯމުތައް އެއްތާކަށް ޖަމާކުރީ. ރަޖިސްޓްރީ ކުރިތާކުންނެއް ނޫން އެފޯމްތައް އިލެކްޝަނަށް ގެންދިޔައީކީ. އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާން ޖެހޭނެ. ލީކުވެފައި ވީޑިއޯއިން އެނގެން އޮތީ އެފޯމްތައް ދާނީ ވަކި ވަކި ކަމަނާއެއްގެ އޮފީހަށޭ. ދިރާސާކޮށްފައޭ ފޮނުވާނީ. އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު އޮފީސްތަކުން މަޖްބޫރުންވެސް އެއޮފީސްތަކުގެ މުވައްޒަފުން ލައްވައި ފޯމު ފުރާފައި އެބަހުރި ކަމަށާއި ފޯމު ފުރާފައިވާކަމަށް ބުނުމުން ދެވަނަފަހަރަށްވެސް ފުރާފައި އެބަހުރިކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް ސަރުކާރު އޮފީސްތައް މިކަމުގެ ތެރެއަށް ވައްދައިފި. އެއީ ވަރަށް ގޯސްކޮށްކުރިކަމެއް. އެހެންވީމާ އިލެކްޝަނާމެދު ޝައްކު ކުރުމުގެ ޖާގަ އެބައޮތް" އަސްލަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް