ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 09:03
އަހްމަދު ޢަބްދުﷲ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހްމަދު ޢަބްދުﷲ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަޒުމޫން އަހުމަދު
އެމްޑީޕީގެ ބަޔާން
އަހުމަދު ޢަބްދުﷲގެ މުދަލަށް ގެއްލުންދީ އިންޒާރުދިން މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
ބަޔަކު ވަނީ އަހްމަދު އަބްދުﷲގެ މުވައްޒަފަކު ރަހީނުކޮށްފައި
36500 ރުފިޔާވެސް ވަނީ ފޭރިގަނެފައި
އަހުމަދު ދުއްވާލާނެ ކަމަށްބުނެ ވަނީ އިންޒާރު ދީފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަޙްމަދު ޢަބްދުﷲގެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އޭނާއަށް އިންޒާރުދިން މައްސަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، އަޙްމަދު ޢަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެ ވަގުތުހުރި މުއައްޒަފުގެ އަތާއި، ފައި އަދި މޫނު ބަނދެ، 36،500 ދިވެހި ރުފިޔާ އާއި، ދެ ލެޕްޓޮޕް ވަނީ ވަގަށް ގެންގޮސްފައެވެ. އޮފީހުގެ ގޮނޑި މޭޒާއި، އެހެނިހެން ތަކެއްޗަށް ނުހަނު ގެއްލުން ދީފައިވާ ކަމަށާއި އަޙްމަދު ޢަބްދުﷲ ”ދުއްވާލާނެ“ ކަމުގެ އިންޒާރު، ރަހީނުކުރި މުވައްޒަފަށް ދީފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ފުލުހުންގެ ޓީމެއްވަނީ މަސްއަލައިގެ ރިޕޯޓު ނަގާ، އެއްކުރެވެންހުރި ނަމަ ހުރި ފޮރެންސިކް ހެއްކެއް ހޯދުމުގެ މަސައްކަތް ކުށުގެ ވެށީގައި ކޮށްފައި ކަމަށެވެ.

މިމަސްއަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއް ކަމަކަށް ނުބެލެވޭ ކަމަށާއި އެޕާޓީން ދެކެނީ މިއީ އަޙްމަދު ޢަބްދުﷲއަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެގޮތުން ދުރާލާ ރާވައިގެން ހިންގާފައިވާ ޖިނާޢީ ކުށެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެހެން ކަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަޙްމަދު ޢަބްދުﷲއަށް އަމާޒުކޮށް ހިންގާފައިވާ މިނޭއްގާނީ ޢަމަލު ފުރިހަމަ ތަޙްޤީޤެއްކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ބުނީ އެޕާޓީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުންނަށާއި، ޙަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި، އެކި ބާވަތުގެ ގެއްލުމާއި، އުނދަގޫތައް ހުއްޓާލުމަށްވެސް އެޕާޓީއިން ގޮވާލާ، އެފަދަ ޢަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް