ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 00:04
ރޮޖަރ ގޮޑްސިފް: އޭނާއަކީ ޔޫކޭ ޕާލަމެންޓްގެ އެންމެ ކަންނެތް މެމްބަރުގެ ގޮތުގައި އިނގިރޭސި މީޑިއާއިން ވަނީ ސިފަކޮށްފައި
ރޮޖަރ ގޮޑްސިފް: އޭނާއަކީ ޔޫކޭ ޕާލަމެންޓްގެ އެންމެ ކަންނެތް މެމްބަރުގެ ގޮތުގައި އިނގިރޭސި މީޑިއާއިން ވަނީ ސިފަކޮށްފައި
ސޯޝަލް މީޑިއާ
ރިޔާސީ އިންތިޚާބު 2018
ދިވެހި ސަރުކާރު ދިފާޢުކޮށްދިނުމަށް އަންނަނީ އިނގިރޭސި ޕާލަމެންޓްގެ އެންމެ ކަންނެތް މެމްބަރު!
ގޮނޑިއަށް އިންތިޚާބުވުމުގައި ނަހަމަ ކަންތައްތަކެއް ކުރެއްވިކަމަށް ތުހުމަތުކުރެވުނު
ގިނަ ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގަންނަވާ

ދިވެހި ސަރުކާރުގެ ދިފާޢުގައި ވާހަކަ ދެއްކުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ 2 މެމްމަރަކު ގެންނަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރެއިން އެއް މެމްބަރަކީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތީ އިނގިރޭސި މީޑިއާއިން އެޤައުމުގެ އެންމެ ކަންނެތް މަޖިލިސް މެމްބަރުގެ ގޮތުގައި ލޭބަލްކޮށްފައިވާ މެމްބަރު ރޮޖަރ ގޮޑްސިފްކަން ހާމަވެއްޖެއެވެ.

2016 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާޢުކުރެއްވުމުގެ މަސައްކަތްކުރެއްވި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އޭމިސްއާއި ރޮޖަރ ގޮޑްސިފް ރާއްޖެއަށް މިމަހުގެ 18 ނުވަތަ 19 ވަނަ ދުވަހު ވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބޭފުޅުން ފުރާވަޑައިގަންނަވާނީ ރާއްޖޭގައި ހަފްތާއެއްހާ ދުވަހު މަޑުކުރެއްވުމަށްފަހުކަމަށް އެނގިފައިވެއެވެ. 

ބައިނަލްއަޤްވާމީ ޕްރެޝަރ ބޮޑުވެ، ދިވެހި ސަރުކާރާއި ދެކޮޅަށް ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާ ހިސާބަށް ގޮސްފައިވާއިރު، އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ 2 މެމްބަރަކު ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރުގެ ދިފާޢުގައި ވާހަކަ ދެއްކުމަށްކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މި ދެ މެމްބަރުންގެ ތެރެއިން ގޮޑްސިފްއަކީ 1992 ވަނަ އަހަރު އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތުމުގައި ނާޖާއިޒް ކަންތައްތަކެއް ހިންގެވިކަމަށް ތުހުމަތުކުރެވުނު ބޭފުޅެކެވެ. އޭނާގެ ގޮނޑިއާއިމެދު މައްސަލަތަކެއް އުޅޭކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީއިން ފަހުން އެއްބަސްވިނަމަވެސް، އޭރު އޮތީ ޝަކުވާ ހުށަހަޅާ މުއްދަތު ފަހަނައަޅައި ގޮސްފައެވެ. 

މީގެ އިތުރުން 2009 ވަނަ އަހަރު ފެންމަތިވި މެމްބަރުންގެ ޚަރަދުތަކުގެ މައްސަލައިގައި، ގޮޑްސިފް އޭނާގެ އަމިއްލަ ގޭގެ ފުރާޅު ހެދުމާއި އެނޫންވެސް އަމިއްލަ ބައެއް ކަންކަން ދައުލަތުގެ ޚަރަދުގައި ކޮށްފައިވާކަން ވަނީ ފަޅާއަރާފައެވެ. އަދި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ 647 މެމްބަރުންގެ ތެރެއިން ދައުލަތުން 2009 ވަނަ އަހަރު 2 ވަނަ އަށް އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނު ބޭފުޅަކީވެސް ގޮޑްފިސްއެވެ. 

އިދިކޮޅު ލޭބަރ ޕާޓީގައި ހުންނަވައި، އެމަނިކުފާނުގެ ވޯޓަކީ އެހާ މުހިއްމު ވޯޓެއް ނޫންކަމަށް ވިދާޅުވެ، ޤާނޫނު ހަދާ މަޖިލީހުގެ ގިނަ ވޯޓުތަކުގައި ގޮޑްސިފް ބައިވެރިވެޑައި ނުގަންނަވައެވެ. އެގޮތުން 2011 ވަނަ އަހަރު ވޯޓުތަކުގެ 88 އިންސައްތައިގައި ބައިވެރިވެވަޑައިގެންފައި ނުވާތީ ގޮޑްސިފްއަކީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ކަންނެތް މެމްބަރުގެ ގޮތުގައި ގާޑިއަން ނޫހުން ވަނީ ސިފަކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 އޯގަސްޓް 2018 | އާދީއްތަ 00:46
އަންނި
ރާޢްޖޭގެ ކަންނެތް މެންބަރުންވެސް މަޖިލިސް ނުފެންނަތާވީ ދުވަހެން އިގެނީ ކާކައްބާ. އެމެންބަރުންގެ ވޯޓާނުލާ ބަޖެޓު ފާސްވެ އަހަރުމެން ރަށޫަތަރައްގީވާތީ މަ ޔާމިނަށް ވޯޓުލަނީ