ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 13:24
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ކެންޑިޑޭޓް ނަމްބަރު އެކެއް ރައީސް ޔާމީން، ދޭއް އިބޫ އަށް
ކެމްޕެއިން ކުރުމުގެ އަތްމަތީ ފޮތް ވަނީ ހަވާލު ކުރެވިފައި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ހޮނިހިރު ދުވަހު ބޭއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކެންޑިޑޭޓް ނަމްބަރު އެކެއް ލިބިލެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށެވެ. ކެނޑިޑޭޓް ނަމްބަރު ދޭއް ލިބިލެއްވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

މިރަސްމިއްޔާތުގައި ކެމްޕެއިން ކުރުމުގެ އަތްމަތީ ފޮތް ވަނީ ކެންޑިޑޭޓުންނާ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކެންޑިޑޭޓުގެ އިންތިހާބީ މަންދޫބެއްގެ ހައިސިއްޔަތުން ޕީޕީއެމް އިން ބައިވެރިވަޑައިގެންނެވީ ޓުއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މޫސާ ޒަމީރެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ބައިވެރިވީ އެމްޑީޕީގެ ލީގަލް އެފެއަޒް ޑައިރެކްޓަރ ގާނޫނީ ވަކީލް ހިސާން ހުސައިންއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު ރަސްމީކޮށް ވަނީ އިންތިހާބުގެ ކެމްޕެއިންނަށް ފުރުސަތު ހުޅުވާލާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، މި އިންތިހާބު ވެގެންދާނީ ފުރަތަމަ ބުރުން ނިމިގެންދާ އިންތިހާބަކަށް ކަމަށާއި މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.

އިންތިހާބުގައި ކެމްޕެއިން ހަރަކާތްތަކުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން އަންގައިދޭ އަތްމަތީ ފޮތެއް ދެ ކެންޑިޑޭޓުންނަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވާލުކޮށްފައެވެ.

އެފޮތުގައި ތަފްސީލުކޮށް އިންތިހާބުގައި ތާއީދު ހޯދުމަށް ކަންކަން ކުރައްވާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ގާނޫނީ އިމުގެ ތެރެއިން ކެމްޕެއިން ހަރަކާތްތައް ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާފައިވާނެއެވެ.

ޝަރީފު ވިދާޅުވީ، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކާއި އެއްވެސް ކެންޑިޑޭޓަކު އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ހަގީގަތާއި ހިލާފު ވާހަކަތައް ވެސް ފަތުރައިގެން ނުވާނެ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް