ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 14:00
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އަނބިކަނބަލުން ސިޔާސީ މައިދާނަކަށް ނުނުކުންނަވާނެ: އިބޫ
އިޖުތިމާއި ދާއިރާގައި މަސައްކަތްކޮށް، ގައުމަށް ޚިދުމަތްކުރުމުގައި ފަޒޫ ވެސް މަސްއޫލުވެ އުޅޭނެ

އަނބިކަނބަލުން ސިޔާސީ މައިދާނުގެ އިސް ސަފަށް ނުނުކުންނަވާނެ ކަމަށް މިއަހަރުގެ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އިން ކޮންމެ ހުކުރު ދުވަހެއްގެ ރޭ ގެނެސްދޭ "އިބޫ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިފަހަކަށް ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަނބިއަނބިކަނބަލުން ސިޔާސީ ހަރަކާތްތަކުގައި، އިސް ސަފުގައި މަސައްކަތް ކުރައްވާ ތަން ފެންނަ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމްދު، ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުގައި މަސައްކަތްކުރެއްވުމަށް ނުނިކުންނަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އަނބިކަނބަލުން ފަޒޫ މިހާރު އިސްލާހީ މަސައްކަތުގައި އެމްޑީޕީގެ މަސައްކަތްތަކުގައި ބައިވެރިއުޅުއްވާ ކަމަށާއި، ނަމަވެސް އިސް ސަފަށް ނުނިކުންނަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި، ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ސިޔާސީ މައިދާނުން އަނބިކަބަލުން ނުފެންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އެއީކީ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެން. ގައުމެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅެއް އަނބިކަބަލުން ނޫނިއްޔާ ފިރިކަލުން އެހެން ނުކުމެ އުޅުން އެއީކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑުމެން އަމަލުކުރާނީ އެގޮތަށް،" އިބޫ ވިދާޅުވިއެވެ.

އިބޫގެ އަނބިކަނބަލުންނަކީ ތައުލީމީ ދައިރާގައި މަސައްކަތްކުރައްވާ ބޭކަނބަލެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިޖުތިމާއި ދާއިރާގައި މަސައްކަތް ކުރައްވާނެ ކަމަށާއި، ގައުމަށް ޚިދުމަތްކުރުމުގައި ފަޒޫ ވެސް މަސްއޫލުވެ އުޅުއްވާނެ ކަމަށެވެ. ނަމަވެސް ސިޔާސީ މައިދާނުގައި އިސް ސަފުގައި ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. 

ސިޔާސީ ދާއިރާގެ ކުރީ ސަފަށް އަނބިކަނބަލުން ނުނެރުއްވާނެ ކަމަށް އިބޫ ވިދާޅުވި އިރު މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ފެނިގެން ގޮސްފައި ވަނީ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޕީޕީއެމްގެ ގިނަ ކަންތައްތަކެއް އެކަމާ ކޮންޓްރޯލްކުރައްވައެވެ. ރައީސް ޔާމީން ޕްރޮމޯޓްކުރެއްވުމުގައި އެންމެ ވަރުގަދަ އަށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަނީ ވެސް އެކަމަނާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް