ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 21:47
ޙައްޖަށް ދިޔުމަށް ފުރަންގޮސް ތިބި ބަޔަކު އެއާޕޯޓުގައި މަޑުކޮށްލައިގެން
ޙައްޖަށް ދިޔުމަށް ފުރަންގޮސް ތިބި ބަޔަކު އެއާޕޯޓުގައި މަޑުކޮށްލައިގެން
ހައްޖު ކޯޕަރޭޝަން
ޙައްޖާއި އުމްރާ
ބައެއް ޙައްޖު ގްރޫޕްތަކުން އިތުރަށް ފައިސާ ނަގާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި
ހުއްދަދިނީ އަމިއްލަ 4 ފަރާތަކަށް
މައްްސަލަ ހުށަހެޅުމުން ބަލާނެ
ހުއްދަ ދޫކުރީ މީހަކަށް 69،965ރ ނެގުމަށް

ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ބައެއް ގްރޫޕްތަކުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގަމުންދާ އެކަމާއި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް ޒިންނޫރައިންގެ އިމާމް ޝޭޚް މުޙައްމަދު އަނީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް ބައެއް ގްރޫޕްތަކުން ފައިސާ ނަގަމުންދާ ކަމަށެވެ.

އެގޮތުން ބައެއް ގްރޫޕްތަކުން އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވާ އަދަދަށްވުރެ ތިރީސް ހާސް، ސާޅީސް ހާސް ރުފިޔާ އިތުރަށް ނަގާކަމަށް އަނިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީ ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް ބައެއް ގްރޫޕްތަކުން ފައިސާ ނަގަމުންދާއިރު، އެކަން ބަލާނެ މުއައްސަސާއެއް ރާއްޖޭގައި ނެއްތޯ ވިދާޅުވެ އަނީލް ވަނީ ސުވާލު އުފައްދަވާފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް މިހާރު ދެވޭނީ 69،000ރ. ދައްކައިގެންނެވެ. އެކަމަކު، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ދާނަމަ، އެއަށްވުރެ އަގު ބޮޑެވެ.

ބައެއް ގްރޫޕްތަކުން އިތުރަށް ފައިސާ ނަގަމުންދާ މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު މުޙައްމަދު އަހުސަން ރާއްޖެއެމްވީއަށް ވިދާޅުވީ އެފަދަ ކަމެއް ފާހަގަ ކުރެއްވިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެމިނިސްޓްރީއަށް ހުށަހެޅުމުން އެ މައްސަލައެއް ބަލާނެ ކަމަށެވެ.

އަހުސަނު ވިދާޅުވީ އިތުރަށް ފައިސާ ނަގާނަމަ އެކަމާއި ގުޅުންހުރި ލިޔެކިޔުންތަކާއި އެނޫންވެސް ފުރިހަމަ މައުލޫމާތާއިއެކު އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮތް ކަމަށެވެ.

ރާއްޖޭން މިފަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން 5 ބަޔަކަށް ދީފައިވެއެވެ. އެގޮތުން  ހައްޖު ކޯޕަރޭޝަނުގެ އިތުރުން 4 ގްރޫޕަކަށް ހުއްދަދީފައިވެއެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ނުވަ ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހެޅިއެވެ. ހުއްދައަށް އެދި ފޯމު ހުށަހެޅި ފަރާތްތައް އިވެލުއޭޓް ކުރުމަށް ފަހު ހުއްދަދީފައިވަނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒައީ ގްރޫޕަށެވެ.

އެގޮތުން ހައްޖަށް މީހުން ގެންދިޔުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލުމަށްފަހު މިއިން ކޮންމެ ޖަމާއަތަކަށް ހުއްދަ ދިނީ 100 މީހުން ހައްޖަށް ގެންދިއުމަށެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލި އުސޫލާއި އެއްގޮތަށް އެ ގްރޫޕްތަކަށް ހުއްދަދިނީ ކޮންމެ މީހަކަށް 69،965ރ. (ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަހެއް) ގެ މަގުން ފައިސާ ނަގައިގެން ހައްޖަށް ގެންގޮސްދޭ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް