ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 14:32
މިދިޔަ އަހަރު ހައްޖަށް ދިޔަ ދިވެހިންގެ ބަޔަކު އަރަފާތު ބިމުގައި
މިދިޔަ އަހަރު ހައްޖަށް ދިޔަ ދިވެހިންގެ ބަޔަކު އަރަފާތު ބިމުގައި
ފޭސްބުކް
ހައްޖުގެ އަޅުކަން
ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
ހައްޖަށް ނުފުރި ތިބީ ހައްޖު ކޯޕަރޭޝަނުންދާ ބަޔަކަށް
އެއީ އިތުރަށް ލިބުނު ކޯޓާގައި ދާ ބައެއް
މައްސަލައަކީ ސައުދީ އެއާލައިންގެ މައްސަލައެއް ކަމަށް ކޯޕަރޭޝަނުން ބުނޭ

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށް ދާ 396 މީހުންނަށް ފުރޭނެ ގޮތެއް ނެތި ހާއްސްކަން ބޮޑުވެއްޖެ އެވެ.

ރާއްޖެ އަށް ލިބުނު އިތުރު ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 396 ހައްޖާޖީން ފުރުމަށް ހަމަޖައްސާފައި އޮތީ މިއަދު ހަވީރު 3:30 ގައި ސައުދީ އެއާލައިނުންނެވެ. އެ މީހުންގެ ފޮށި ވެސް ވަނީ އިއްޔެ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. އަދި މިއަދު 11:00 އަށް އެއާޕޯޓަށް ދިއުމަށް ވެސް ހައްޖުވެރިންނަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް މިއަދު ހެނދުނު ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންނަށް  އެންގީ ސައުދީ އެއާލައިނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކުރިން ހަމަޖެހިފައިވާ ގަޑީގައި ނުފުރޭ ކަމަށެވެ.

"ސައުދީ އެއާލައިނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ގަޑީގައި (3:30) ފުރޭ ގޮތް ހަމަނުޖެހޭ ކަމަށް ވަނީ އަންގައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ސައުދީ އެއާލައިންއާ ގުޅިގެން މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ހައްޖުވެރިންނަށް ފުރާވަޑައިގެންނެވޭ ވަގުތެއް ހަމަޖެހުމާއެކު މި ކޯޕަރޭޝަންއިން ހައްޖުވެރިންނަށް ދަންނަވާނަމެވެ،" ހައްޖު ކޯޕަރޭޝަންގެ މެސެޖްގައިވެ އެވެ.

ރާއްޖެ އަށް ފުރަތަމަ ލިބުނު 1000 ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ފަރާތުން 600 މީހުން ވަނީ މައްކާއަށް ގޮސްފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިތުރު ކޯޓާގައި ދާ ހައްޖުވެރިންނަށް ނުފުރިނީ ސައުދީ އެއާލައިންގެ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށެވެ. ގައުމުތަށް ދަތުރުކުރާ ސައުދީ އެއާލައިންގެ ފްލައިޓްގެ ތާވަލަށް ބުރޫއަރައިފައިވާ ކަމަށް ސައުދީ އެއާލައިނުން މައުލޫމާތު ދީފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.  

"މި މައްސަލަ މި ދިމާވީ ހައްޖުވެރިން ފުރުވުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް. ވިސާ ހަމަޖެހި، މައްކާ އަދި މަދީނާއިން ހޮޓެލް ވެސް ބުކްކޮށްފައި ހުއްޓައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހައްލު ކުރެވި، ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ދިވެހި ހުރިހާ ހައްޖުވެރިންނަށް ފުރޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު މިއީ ހައްޖު މަހުގެ ހަ ވަނަ ދުވަހެވެ. ހައްޖުގެ އަޅުކަން ހައްޖު މަހުގެ އަށް ވަނަ ދުވަހު ފަށާނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް