ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 12:42
އަހުމަދު އަދީބު އަބްދުލް ޣަފޫރު: އޭނާ ހާލަތާ ގުޅިގެން އަނބިކަނބަލުން ކަންބޮޑުވުންފާޅު ކުރައްވާފައިވޭ
އަހުމަދު އަދީބު އަބްދުލް ޣަފޫރު: އޭނާ ހާލަތާ ގުޅިގެން އަނބިކަނބަލުން ކަންބޮޑުވުންފާޅު ކުރައްވާފައިވޭ
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ނުދޭތާ ދެ ހަފްތާ ވެއްޖެ
އަދީބުގެ ހާލަތާ ގުޅިގެން އަނބިކަނބަލުން ކަންބޮޑުވުންފާޅުކޮށްފައިވޭ
ނަޝްވާ ވަނީ ފުލުހުންނާ ސުވާލުތަކެއް ކުރިމަތި ކުރައްވާފަ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދޭތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ދީފައިނުވާއިރު، އެއްވެސް މީހަކާ ވާހަކަ ނުދެއްކެވޭ ގޮތަށް އަދި އޭނާއަށް ކާން ގެނެސްދޭ ޖަލު އޮފިސަރު ފިޔަވައި އެހެން މީހަކު ނުފެންނަ ގޮތަށް އެކަހެރިކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް ޓެގުކޮށް، ނަޝްވާ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ. އެގޮތުން އަދީބުގެ ހާލު ކިހިނެއްތޯ އާއި އޭނާގެ ސިއްހީ ހާލުކޮޅު ރަނގަޅުތޯ ފުލުހުން ކުރެ ނަޝްވާ ސުވާލު ކުރައްވާފައިވެއެވެ.

ތިން ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގެންދަވަނީ ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ބަލި، ތަހަންމަލް ކުރައްވަމުންނެވެ. އޭގެ އިތުރުން، އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ވެސް އާއިލާ ބުނެއެވެ. އެކަމާ ގުޅިގެން އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް އެދުމުން ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ބޭސްފަރުވާއިން މަހުރޫމްކޮށް، އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުރަސް އަޅަމުންދާތީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް