ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 02:20
ރާއްޖެޓީވީގެ ފަލަސުރުހީގައި ޑރ. ޑީޑީ
ރާއްޖެޓީވީގެ ފަލަސުރުހީގައި ޑރ. ޑީޑީ
ސިމާހާ ނަސީމް
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރާ ބޭފުޅުން އެމަނިކުފާނަށް ވޯޓެއް ނުދޭނެ: ޑރ. ޑީޑީ
ވައްކަމުން ގެންނަ ތަރައްގީ ދިވެހިން ގަބޫލު ނުކުރާނެ
ދަރުބާރުގެ ފެކްޝަނުން ލީކުވާ ވީޑިއޯތަކުން ވެސް ރައީސް ޔާމިނަށް އެބޭފުޅުން ތާއީދު ނުކުރާކަން ކަށަވަރުވޭ
ގުޅިފައިވާ ޕާޓީތަކާއި ވާދަކުރައްވާ ޕްރޮޑަކްޓަކީ ކުނިވެފައިވާ ޕްރޮޑަކްޓެއް

ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރާ ބޭފުޅުން ވެސް އެމަނިކުފާނަށް ވޯޓު ނުދޭނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ރައީސް ޔާމިން ވައްކަމުން ގެންނަ ތަރައްގީ ދިވެހިން ގަބޫލު ނުކުރާ ކަމަށެވެ. އެގޮތުން ރައީސް ޔާމިންގެ އަހިރުގައި މަސައްކަތް ކުރައްވާ ދަރުބާރުގެ ފެކްޝަން ބޭފުޅުން އެމަނިކުފާނަށް ވޯޓު ނުދޭނެ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ދަރުބާރުގެ ފެކްޝަނުން ލީކުވާ ވީޑިއޯތަކުން ވެސް ރައީސް ޔާމިނަށް އެބޭފުޅުން ތާއީދު ނުކުރާކަން ކަށަވަރުވާ ކަމަށެވެ. ޑރ.ޑީޑީ ވިދާޅުވީ ރައީސް ޔާމިނަށް އިތުބާރު ކުރައްވާ ނަމަ އެބޭފުޅުން އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާ އަށް ލީކު ނުކުރާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. ޑީޑީ ވިދާޅުވީ ރައީސް ޔާމިންއަކީ އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ގެކޮޅަށް ވަތް ކަމަށް އަމިއްލައަށް ރައްޔިތުން ކުރިމަތީގައި އިއުތިރާފްވި ބޭފުޅެއް ކަމަށާއި، މިވަރުން މިސަރުކާރުން ރައްޔިތުންނަށް ހަރާންކޯރުވާފައިވާ މިންވަރު އެނގޭ ކަމަށެވެ.

"އެންޓިކޮރަޕްޝަން ވިދާޅުވި އެމްއެމްޕީއާރްސީސީ 16 މިލިއަން ރުފިޔާ ޖަމާކޮށްފައި ހުރި ކަމަށް. ރައްޔިތުން ތިބީ ވަރަށް ގާތުން ބަލަން. ރައްޔިތުންނަށް އޮޅުވާނުލެވޭނެ. ޔާމިންގެ އަނިޔާވެރިކަމާއި ކޮރަޕްޝަނަށް. ހަރާންކޯރުވެފައި މިންވަރު ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ. ވަޒީފާގެ ބިރުވެރިކަން ދެއްކި ނަމަވެސް ވޯޓުން ބަލިކުރާނަން." ޑރ.ޑީޑީ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޕްރޮޑަކްޓް މާބޮޑަށް އިސްތިހާރު ކުރަން ނުޖެހޭ ކަމަށާއި، އެޕްރޮޑަކްޓްގެ މަތިވެރި މާތް ސިފައިގެ ސަބަބުން މިހާރު ވެސް އެތަކެއް ރައްޔިތުންގެ ލޯބި ލިބިފައިވާ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކާއި ވާދަކުރައްވާ ޕްރޮޑަކްޓަކީ ކުނިވެ ފުޅަ އަޅާފައި އޮތް ޕްރޮޑަކްޓެއް ކަމަށާއި، އެޕްރޮޑަކްޓް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރަށް ޑރ. ޑީޑީ ވިދާޅުވީ ރައީސް ޔާމިންއަކީ ރައްޔިތުންނަށް ވާވައުދު ފުއްދަވާ ބޭފުޅެއް ނޫން ކަމަށާއި، ފަސް އަހަރުގެ ވެރިކަން ނިމެންކައިރި ވަމުންދާއިރު ވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

މަސްވެރިންނަށް މިސަރުކާރުން ދޭން ވައުދުވި ދިހަ ހާސް ރުފިޔާ އާއި، ދަނޑުވެރިންނަށް ދޭން ވައުދުވި އަށްހާސް ރުފިޔާއާއި، އަލަތު ކައިވެނި ތަޅުދަނޑިއަށް ވީގޮތް ނޭނގޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ވައުދުވި ރިސޯޓުގެ ހިއްސާއަށް ވީ ގޮތް ވެސް ނޭނގޭ ކަމަށް ޑީޑީ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް