ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 22:52
މަތިވެރީގެ ޖަލްސާގެ ތެރެއިން
މަތިވެރީގެ ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
މަތިވެރިން 75 ޕަސެންޓް ވޯޓުން ރައީސް ޔާމީން ބަލިކުރާނަން: އާތިފް
ރައީސް ޔާމިންގެ ވެރިކަމުގައި ކޮށްދޭން ވައުދުވި އެއްވެސް ކަމެއް ކޮށްދީފައިނުވޭ

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އއ. މަތިވެރިން ރައީސް ޔާމީން ބަލިކުރާނީ 75 ޕަސެންޓް ވޯޓުން ކަމަށް އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އއ.މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް  އާތިފް ވިދާޅުވީ އެރަށުގެ ރައްޔިތުން ގުޅިފައިވާ ޕާޓީތަކާއެކު ނުކުތީ ވަރަށް ޖޯޝާއި ފޯރިއާއެކު ކަމަށާއި މީގެ ކުރިން ރައީސް ޔާމިނަށް ތާއީދު ކުރި ފަރާތްތަކުން ކޯލިޝަނާ ގުޅިފައިވާ ކަމަށެވެ. އެގޮތުން ކޯލިޝަނަށް 75 ޕަސެެންޓް ވޯޓު އެ ރަށުން ހޯދާނެ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި އެރަށަށް ކޮށްދޭން ވައުދުވި އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށާއި، މާލެ އައުމަށް ހަމަޖައްސައިދިން ފެރީގެ ނިޒާމަށް ވެސް ވީ ގޮތް ނޭނގޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ރަށްވެހީގެ ފޮތުން ވަރަށް ރަނގަޅަށް ފެންނަން އެބަހުރި މަތިވެރިއަށް ކޮށްދީފައި ހުރި ކަންތައް. ވުޖޫދަށް ނާންނަކަންތައް ވެސް އޭގަ އެބަހުރި. ވުޖޫދަށް އައިސްފައި. މިއީ ހަގީގަތް އޮޅުވާލުން އިނގޭތޯ،" އާތިފް ވިދާޅުވިއެވެ.

މަތިވެރީގައި ސަރުކާރުން ފުޓްސަލް ދަނޑެއް ހަދައިދީފައި ނުވާއިރު، އާތިފް ވިދާޅުވީ އެރަށުގައި ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހިމް ހަދައިދީފައިވާ ފުޓްސަލް ދަނޑެއް އޮންނަ ކަމަށެވެ. މަތިވެރީގެ ޒުވާނުންގެ ތާއީދު ހޯދުމުގެ ނަމުގައި ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް އެ ފުޓްސަލް ދަނޑު ގެންދިޔަ ކަމަށާއި، ޔޫތް މިނިސްޓްރީން އެދަނޑަށް ހަރަދުކުރީ ތިން ލައްކަ އައްޑިހަ އެއްހާސް ރުފިޔާ ކަމަށެވެ. ނަމަވެސް ޔޫތް މިނިސްރީއަށް އެދަނޑުގެ މަސައްކަތް ނުނިންމުނު ކަމަށާއި، ދަނޑުގެ ފެންސް ޖެހުމާއި ގާ ޖެހުމުގެ މަސައްކަތް ކުރީ ކައުންސިލުން ކަމަށް އޭނަ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުން ވަނީ ކައުންސިލްތައް ވަރަށް ބޮޑަށް ނިކަމެތިކޮށްލާފައި ކަމަށާއި، ކައުންސިލްތައް އޮތީ ކޯމާއެއްގައި ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. ކައުންސިލްގެ ބާރާއި، ފައިސާ ލިބޭނެ ހުރިހާ ނިޒާމަކަށް ސަރުކާރުން ހުރަސްއަޅާފައިވާކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ ސަރުކާރު ކުރާ މަސައްކަތްތަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމަށެވެ.

އޭނަ ވިދާޅުވީ ކައުންސިލަށް ބާރުދީފިނަމަ ސަރުކާރަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށާއި، ރަށުގެ ތަރައްގީއަށް ކުރާ ހުރިހާ މަސައްކަތްތަކެއް ކައުންސިލުން ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް