ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 18:03
ގުޅިފައިވާ ޕާޓީތަކުން ފެރިދޫގައި ބޭއްވި އެއްވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުން ފެރިދޫގައި ބޭއްވި އެއްވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓް ފޭރެން ކުރާ މަސައްކަތް ހުއްޓުވާފައި، އިންތިހާބު ކާމިޔާބުކުރާނީ 85 ޕަސެންޓާއި އެކީ: ހަސަން ލަތީފް
ވޯޓް ލާން އޮތީ ކޮންތަނެއްގަތޯ ބަލަން އެބަޖެހޭ
ރައީސް ޔާމީން އަކީ ރީތި ގޮތުގައި ކާމިޔާބުކުރައްވަން މިހާތަނަން ވިސްނެވި ބޭފުޅެއް ނޫން
ފެރިދޫން ފައިސަލް އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަފުދަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފޯޓް ފޭރެން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ފަހު، މި އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނީ 85 ޕަސެންޓްގެ ރައްޔިތުންގެ ތާއިދާ އެކީގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެރިދޫ ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންނަކީ އެއްވެސް އިރެއްގައި ވާދަވެރި އިންތިހާބެއްގައި ކެމްޕެއިންކުރައްވާއިގެން ރީތި ގޮތުގައި އިންތިހާބު ކާމިޔާބުކުރުމަށް ވިސްނުންފުޅު ގެންގުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. އެހެން ކަމުން ވޯޓް އޮޅުވާލަން ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަން އުޅުންވާ ކަންކަމަށް ފުރުޝަތު ނުދިނުމުގެ ގޮތުން ސެޕްޓެމްބަރ 23 ވަނަ ދުވަހު ވޯޓްލާން އޮތީ ކޮންތަނަކަށްތޯ ކޮންމެ ރައްޔިތަކު ވެސް ބަލަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

"ޢަޅުގަނޑުމެންނަން މި ދެ ދުވަހު ކޮއްލަން ޖެހޭ މުހިންމު މަސައްކަތެއް އެބަ އޮތް، މި މަސައްކަތްކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންނާ ދަތިތަކަކާއި ކުރިމަތުވާނެ، އެ މަސައްކަތަކީ އިގިލައްވާނެ ރައީސް ޔާމީނަކީ ހީލަތްތެރި މަކަރުވެރި ބޭފުޅެއް، ރައީސް ޔާމީންނަކީ އެއްވެސް އިރެއްގައި ވާދަވެރި އިންތިހާބެއްގައި ކެމްޕެއިންކޮންގެން ރީތި ގޮތުގައި، ވާދަކޮށްގެން އިންތިހާބު ކާމިޔާބު ކުރުމަށް ވިސްނެވި ބޭފުޅެއް ނޫން، އަދި އެކަން ކުރެއްވި ބޭފުޅެއް ވެސް ނޫން، ކުރައްވާނެ ބޭފުޅެއް ވެސް ނޫން، އެހެންވީމަ އަޅުގަނޑުމެން މިއަދު ކުރައްވަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން އެ ހައްދަވަން އުޅޭ ވަގު ހައްދަވަން ފުރުޝަތު ނުދިނުން، އެކަން ކުރުމަށްޓަކައި މިއަދު ކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެން 23 ސެޕްޓެމްބަރ ގައި ވޯޓްލާން އޮތީ ކޮންތަނެންގަ ތޯ ބެލުން" ހަސަން ލަތީފް ވިދާޅުވިއެވެ.

އއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ހަސަން ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުގައި ވޯޓްލާން ރަޖިސްޓްރީ ނުކުރާ މީހުންގެ ލިސްޓްތަށް ވެސް އިލެކްޝަން ކޮމިޝަނުން އޮޅުވާލަމުންދާ ކަމަށެވެ. އެއްފަރާތުން މަކަރު ހައްދަވަން މަސައްކަތް ކުރާއިރު ރައްޔިތުން ކަންކުރައްވާނީ ވަރަށް ފާރުވެރިގެންކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓްލާން ރަޖިސްޓްރީ ކުރި މީހުންނާއި، ވޯޓް ރަޖިސްޓްރީ ނުކުރާމީހުން ވެސް ވޯޓްލާން އޮތީ ކޮން ފޮއްޓަކަށްތޯ ބަލާ ޗެކްކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ފައިސަލް އާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަފުދުގައި ހިމެނިވަޑައިގަންވާ ބޭފުޅުން ދެން ވަޑައިގަންވާނީ އެ އަތޮޅު މަތިވެރިއަށެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިން ފައިސަލް ކުރިއަށް ގެންދަވާއިރު ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ. ބުރާސްފަތި ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ ހަމަންދޫ އަށެވެ. އެއަށް ފަހު މާޅޮސް އަދި ފެރިދޫ އަށް ވަނީ ވަޑައިގަންނަވާފައެވެ.

ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ފޮޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގަންނަވާނެއެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާނު ހުޅުއްވާ ދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.

ފައިސަލް އާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް