ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 12:40
އަބުރުފުޅު ފަންޑަށް މިހާރު ނޫހުން ފައިސާ ހަދިޔާ ކުރަނީ
އަބުރުފުޅު ފަންޑަށް މިހާރު ނޫހުން ފައިސާ ހަދިޔާ ކުރަނީ
ރާއްޖެ އެމްވީ
ރާއްޖެޓީވީ އަބުރުފުޅު ފަންޑު
ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ
ރާއްޖެ ޓީވީ އާ މެދު އަޅާފައިވަނީ އެއްވެސް އަސްލެއް ނެތް ފިޔަވަޅެއްކަން ފާހަގަ ކުރެއްވި
ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭނެ އެއްޗެއްކަމަށް ޤަބޫލު ކުރައްވާތީ ވެދެއްވި އެހީއެއް ކަމަށް ވިދާޅުވި

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން ހުޅުވާފައިވާ "ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް" "މިހާރު" ނޫހުގެ ފަރާތުން އެހީތެރިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު މިހާރު ނޫހުގެ ފަރާތުން ފައިސާގެ މި ރަމްޒީ އެހީ "ރާއްޖެޓީވީ އަބުރުފުޅު ފަންޑު" ފޮށްޓަށް ލެއްވީ މިހާރު ނޫހުގެ އެޑިޓަރ މޫސާ ލަތީފެވެ. މި ރަމްޒީ އެހީ ވެދެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ބައެއް އިސްވެރިންނާއި މިހާރު ނޫހުގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

އެހީ ވެދެއްވުމަށް ފަހު މޫސާ ލަތީފް ވިދާޅުވީ އެފަދަ އެހީއެއް ވެދެއްވި މައިގަނޑު ސަބަބަކީ ރާއްޖެ ޓީވީއާމެދު ބްރޯޑްކާސްޓިންގ ކޮމިޝަނުން އެޅިފިޔަވަޅަކީ ވަރަށް ބޭއިންސާފު އަދި އޭގެ މައްޗަށް އެއްވެސް އަސްލެއް ނެތް ފިޔަވަޅަކަށްވުން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފްރީ މީޑިޔާއަށް، ރާއްޖޭގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމަށް އެޅި ހުރަހެއް ކަމަށް ޤަބޫލުކުރައްވާތީ މިހާރު ނޫސް ވެސް އޮތީ ރާއްޖެ ޓީވީއާ އެކުކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން  ނޫސްވެރިންނަކީ އެއްބަޔަކު އަނެއްބަޔަކު ކުރާ ކަންކަމަށް އިހްތިރާމްކޮށް އެއްބަޔަކު އަނެއްބައެއްގެ މިނިވަންކަމާ ނުބެހި އުޅެމުންދާ ބައެއް ކަމަށާއި އެޑިޓޯރިއަލް ޕޮލިސީ ތަފާތުވިނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭނެ އެއްޗެއްކަމަށް ޤަބޫލު ކުރައްވާތީ ވެދެއްވި އެހީއެއްކަމަށްވެސް މޫސާ ލަތީފް ވިދާޅުވިއެވެ.

މޫސާ ލަތީފް ވިދާޅުވީ ބްރޯޑްކޮމްއިން އެއެޅި ފިޔަވަޅު ނޫސްވެރިއެއްގެ ހައިސިއްޔަތުން އެއްވެސް ގޮތަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ މިހާރު ނޫހުން ރާއްޖެ ޓީވީއަށް އެފަދަ އެހީއެއް ވެދެއްވީތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އެކަމަށްޓަކައި މިހާރު ނޫހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފިޔާޒް ވިދާޅުވީ ރާއްޖެ ޓީވީއާއި މިހާރު ނޫހާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ޑިމޮކްރަސީ ދެމެހެއްޓުމަށާއި ރާއްޖޭގެ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް މިހާރު ނޫހުން މޫސަ އިސްކޮށް ހުންނަވައިގެން އެކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖެ ޓީވީއަށް މިހާރު ނޫހުން ވެދެއްވި ހަދިޔާއިން ވެސް އެކަން ދޭހަކޮށްދޭ ކަމަށެވެ.

ފިޔާޒް ވިދާޅުވީ މިހާރު ނޫހުގެ އެޑިޓަރ މޫސާ ލަތީފާއި ފިޔާޒް ދެފަރާތުގައި ހުންނަވައިގެން ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑެއްގެ ވާހަކަ ދައްކަވާއިރު އެކަން ރައްދުވަނީ އެދެބޭފުޅުންނާއެކު ކުރިން މަސައްކަތް ކުރެއްވި މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ކަމަށެވެ.

ފިޔާޒް ވިދާޅުވީ ޝަހީބަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށާއި ނަމަވެސް މިނިވަން ނޫސްވެރިކަން ނައްތާލުމަށް ޤާނޫން އަސާސީއާއި ޤާނޫންތަކާ ޚިލާފަށް މިފަދަ ބޮޑު ޖޫރިމަނާއެއް ކުރުމަށް ޝަހީބު އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތް ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެކަންކަން ހުއްޓާލުމަށް ގާތް އެކުވެރިއެއްގެ ހައްސިއްޔަތުން ޝަހީބަށް ގޮވާލައްވާކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
16 އޯގަސްޓް 2018 | ބުރާސްފަތި 07:27
ސަޅި
ތި އެއްބައެއް ވިއްޔަ