ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 08:54
މަހާ ޖައްރާފު މާފިނޮޅު ސަރަހައްދު ހިއްކަނީ
މަހާ ޖައްރާފު މާފިނޮޅު ސަރަހައްދު ހިއްކަނީ
ފޭސްބުކް
މާފިނޮޅު އެއާޕޯޓް
މާފިނޮޅު އެއާޕޯޓަކީ ރިޔާސީ އިންތިޚާބަށް ސަރުކާރުން ދެއްކި ހުވަފެނެއް: ކައުންސިލް
އެއާޕޯޓަށް ހަދަން ބޭނުންވާ ބިން ހިއްކަން ފެށި ނަމަވެސް މިހާރުވަނީ ހުއްޓާލާފައި
ބިން ހިއްކުމަށް އަޅަފައި އޮތް ހޮޅިތައް ވެސް ވަނީ ނަގާފައި
ހއ. ރައްޔިތުންނަށް މާފިނޮޅުގައި އަޅާ އެއާޕޯޓާއި މެދު އެއްވެސް އުންމީދެއް ނެތް

ހއ.ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި ހަދާ އެއާޕޯޓަކީ ރިޔާސީ އިންތިޚާބަށް ސަރުކާރުން ރައްޔިތުންނަށް ދެއްކި ހުވަފެނެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގެ ކައުންސިލަރަކު ވިދާޅުވީ، މާފިނޮޅުގައި މިމަހުގެ 6 ވަނަ ދުވަހު އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު، އިތުރު މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި މިހާރު އެސަރަހައްދުގައި އަޅާފައި އޮތް ހޮޅިތައް ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ މަހާޖައްރާފުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލާދީ ކައުންސިލަރު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ސަރުކާރުން ނިންމީ ބަލަންޖެހޭ ކަންތައްތަކަށް ނުބަލާ ކަމަށާއި، ހިއްކުމަށް ނިންމި ސަރަހައްދަކީ އާދަޔާ ހިލާފަށް އޮއިވަރު ގަދަ ސަރަހައްދެއް ކަމަށެވެ. އަދި މަހާޖައްރާފަށް ބިން ހިއްކުމުގެ މަސައްކަތް ނުކުރެވޭތީ މިހާރު ތ. އަތޮޅު ރަށަކަށް ދިއުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަހާޖައްރާފުގައި މަސައްކަތްކުރާ މީހުންވެސް ބުނޭ ވަރަށް ބޭކާރު ކަމެކޭ މިކުރެވުނީ، މިސަހަރައްދުގެ އޮއި އޮންނަ ގޮތުން ވަރަށް އުނދަގޫވާނޭ ހިއްކަން، މަހާޖައްރާފަކަށް މިކަން ނުވާނެތީ އޯ އެހެން ރަށަކަށް ގެންދަނީ، ދެން އަނެއްކާ ވެސް އެހެން އެއްޗެއް ގެންނާނެ ކަމަށް މައުލޫމާތު ލިބޭ، ދެން މިމަސައްކަތް ހުއްޓިފައި ފެށޭނެ ދުވަހެއް ވެސް ބުނާކަށް ނޭނގެ، އެހެންވީމަ މިބުނަނީ މީ ހުވަފެނެކޭ" ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ ހއ.ރައްޔިތުންނަށް މާފިނޮޅުގައި ހަދާ އެއާޕޯޓާއި މެދު އެއްވެސް އުއްމީދެއް ނެތް ކަމަށާއި، މިއީ ރިޔާސީ އިންތިޚާބަށް ރައްޔިތުންނަށް ސަރުކާރުން ދެއްކި ހުވަފެނެއް ކަމަށެވެ. މިއެއާޕޯޓަކީ ޒަމާންތަކެއް ވަންދެން ރައްޔިތުން ދެކުނު ހުވަފެނެއްކަން ފާހަގަކުރައްވައި ކައުންސިލަރު ވިދާޅުވީ މިމަޝްރޫޢަށް ވާނުވާ އެއް ނޭނގޭތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި ރައްޔިތުން ކައުންސިލާއި އެތަކެއް ސުވާލުތަކެއް ކުރިމަތި ކުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ އެއާޕޯޓުގެ މަޝްރޫޢު އާއިބެހޭ ގޮތުން ސަރުކާރުން މިހާތަނަށް ކައުންސިލާއި އެއްވެސް ކަމެއް ހިއްސާ ކޮށްފައި ނުވާ ކަމަށާއި، މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި ކައުންސިލުން އެއާޕޯޓުގެ މަޝްރޫޢުގެ ރިޕޯޓު ފޮނުވައިދިނުމަށް އެދުނު ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް