ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 03:53
ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އިބޫ އާއި ފައިސަލް ބައިވެރިވަޥައިގަންނަވަނީ
ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އިބޫ އާއި ފައިސަލް ބައިވެރިވަޥައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އަޅުގަނޑުމެންގެ ވެރިކަމެއްގައި ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހަދާދޭނަން: އިބޫ
ޒުވާނުންނަށް ފަހި ފުރުސަތު ހޯދާދެއްވާނީ އިބޫ: ފައިސަލް

އެމަނިކުފާނުގެ ސަރުކާރުގައި މިހާރު ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސް ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ބުދަ ދުވަހުގެ ރޭ، ޒުވާނުންގެ ޖަގަހަ ހުޅުއްވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިބޫ ވަނީ ޒުވާނުންނަށް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެ ބައެއް ކަންކަންވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން ޒުވާނުންނަށް މީގެ ކުރިއެކޭ އެއްގޮތައް ސްކޮލަޝިޕްތައް ދީ އެ ޒުވާނަކު ބޭނުންވާ ގައުމަކުން ކިޔެވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާލޭގެ ކައިރީގައި ދަތުރުދާން ރަށެއް ހަމަ ޖައްސަވާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ފެނިގެން މިދިޔައީ ޒުވާން ކުޅުންތެރިން ޖަލަށްލާ މަންޒަރު. ޒުވާން ލޯޔަރުން ސަސްޕެންޑްކުރާ މަންޒަރު. ޒުވާން ކައުންސިލަރުން ސަސްޕެންޑްކުރާ މަންޒަރު. ގެޓް ސެޓް ނަމުގައި ދޭން ފެށި ލޯން ނާޖައިޒުގޮތުގައި ބޭނުން ބަޔަކަށް ދޭން ފެށި މަންޒަރު. އިރާދަ ކުރެއްވިއްޔާ މި ހުރިހާ ކަމަކަށް ހައްލު ހޯދާ ދޭނަން،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 45 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށްވާއިރު އޭގެ ތެރޭގައި 19 ޕަސެންޓާއި 23 ޕަސެންޓްގެ ޒުވާނުންނަކީ ވަޒީފާ ނެތް މީހުން ކަމަށް އިބޫ ވިދާޅުވި އެވެ. ޒުވާނުނަށް ވޯޓުލުމުގެ ހައްގު ހޯދާދެއްވި މީހުން ތިބީ ކޯލިޝަންގެ ތެރޭގައި ކަމަށްވެސް އިބޫ ވިދާޅުވި އެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކީ ޒުވާނުންނާ އެހެން ހުރިހާ އުމުރެއްގެ މީހުންގެ ވެސް ކޯލިޝަނެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ކޯލިޝަނުން ނިކުމެ ތިބީ ޒުވާނުންނަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ކަމަށެވެ.

މި ޖަގަހަ ހުޅުވުމުގައި ބައިވެރިވަޑައިގެންނެވި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ މި ފަހަރަކީ ޒުވާނުންގެ ފަހަރު ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެއްގައި ދިވެހި ޒުވާނުންނަކީ ދިވެހި ގައުމުގެ ހަލުވި ދުވެލީގައި 24 ގަޑިއިރު މަސައްކަތް ކުރެވޭ ބަޔަކަށް ހަދާނަން. ދިވެހި ޒުވާނުންނަކީ ވަޒީފާއެއްނެތި އުޅެން ޖެހިފައިވާ ބައެއްގެ ކަމުގައި އޮންނަ އޮތުން ނިމުމަކަށް ގެންނާނަން،" ފައިސަލް ވިދާޅުވި އެވެ. 

ޒުވާނުންނަކީ އަމިއްލަ މަސައްކަތުން ހަމަ ޖެހިގެން ދިރިއުޅޭ ބަޔަކަށް ވުމަށްޓަކައި މިފަހަރު ކޯލިޝަނަށް ވޯޓު ދިނުމަށްވެސް ގޮވާލައްވާފައިވެ އެވެ.      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް