ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 18:20
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2018
ރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތައް މަނާކުރާނެ ކަމުގެ ރަނގަބީލު ޖަހަން ފަށައިފި: ރައީސް ޔާމީން
ފިޔަވަޅު އެޅުމާ ދެކޮޅަށް އިދިކޮޅުން އެއްޗެއް ބުނަން ނުކެރޭ
އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ލިބިފައިވޭ

ރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތައް މަނާކުރާނެ ކަމުގައި ރަނގަބީލު ޖަހަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ތ. ދިޔަމިގިލީ ނަރުދަމާ ނިޒާމުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ހުރަސް އަޅާނެކަމުގެ ބިރުވެރިކަން ނުވަތަ އިންޒާރުތައް ލިބެމުންދާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިފަދަ ދަތިކުރުމުގެ އަމަލުތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. "މިއީ ގައުމެއްގެ ދާޚީލީ ކަންކަން ނުފޫޒު ފޯރުވުމަށް ކުރާ ކަންކަމެއް ނޫންތޯ. ކީއްވެގެންބާ މިކަންކަން ނުކުރެވޭނެ ކަމަށް ނުވަތަ އެކަން ކުށްވެރިކޮށް އިދިކޮޅު ފަރާތްތަކުން ވާހަކަ ނުދައްކަނީ. ބަހެއް ވިދާޅުނުވަނީ ކީއްވެގެންތޯ. އެބޭފުޅުން ނުވިދާޅުވާނެ ބަހެއް." ރައީސް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ރާއްޖެއާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން އިން ނިންމަވާފައިވަނީ، ސިޔާސީ ފައިދާތަކެއް ހާސިލް ކުރުމަށް ބަޔަކު ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމާއި އަދި މަޖިލީހުގެ ތެރެއިން ނިންމާ ނިންމުންތައް ނިންމުމަށް މަގުފަހި ކޮށްދިނުމާއި އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށް ހުރަސްތަކެއް ހުރުން ކަމަށް ބަޔާން ކޮށްފައިވެއެވެ

ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ގާނޫނުން ލިބިދޭ ބާރުތައް ހަނިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ސިޔާސީ ހަމަޖެހުން ގެނައުމަށް ހުރަސްއަޅާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ވަކިވަކި މުއައްސަސާތަކާއި މީހުންނަށެވެ.

މިކަން މިހެން ހާމަކޮށްފައިވާ އިރު ފިޔަވަޅު އަޅާނެ ވަކި ވަކި އިދާރާތަކާއި މީހުންގެ މައުލޫމާތެއް އީޔޫއިން އަދި ހާމައެއް ނުކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް