ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 11:20
ގާނޫނީ ވަކީލު މަހުފޫޒް ސައީދު
ގާނޫނީ ވަކީލު މަހުފޫޒް ސައީދު
ރާއްޖެއެމްވީ
ފެބްރުއަރީ އެކެއްގެ ހުކުމް
ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ހުކުމްގައި ސޮއިކުރި ސަބަބު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ކިޔައިދޭން ޖެހޭ: މަހުފޫޒް ސައީދު
އެކެއް ފެބްރުއަރީގެ ހުކުމްގައި ސޮއި ކުރެއްވި ތިން ފަނޑިޔާރުން އަދިވެސް ތިއްބެވީ ސުޕްރީމް ކޯޓުގައި
މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް އެ ހުކުމްގައި ސޮއި ކުރައްވާފައިވޭ

ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ހުކުމްގައި ސުޕްރީމް ކޯޓުގެ މިހާރުގެ ތިން ފަނޑިޔާރުންގެ ސޮއި އޮތް އިރު އެހުކުމްގައި ސޮއި ކުރަންޖެހުނު ސަބަބު ރައްޔިތުންނަށް އެތިން ފަނޑިޔާރުން ކިޔައި ދޭންޖެހޭ ކަމަށް ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހުފޫޒް ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ފެބްރުއަރީ 1 ވަނަ ދުވަހު ހުކުމް ނެރެފައިވާއިރު އެހުކުމްގައި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސޮއި ވެސް ހިމެނޭ ކަމަށެވެ. އެ ހުކުމްގައި ފުލުހުންނާއި ކޯޓުތަކަށް އަދި ޕްރޮސެކިއުޓަރ ޖެނެރަލް އަށް އެކި ގޮތްގޮތަށް ސިޔާސީ ނުފޫޒް ފޯރާފައިވާކަން ހާމަވެފައިވާ ކަމަށެވެ.

"މިހާރުގެ އުއްތަމަ ފަނޑިޔާރުގެ ސޮއި އެބައޮތް އެހުކުމްގައި. އަދި އަދަށް ދާންދެން ވެސް ވިދާޅެއް ނުވޭ އެއީ ތިމަން މަނިކުފާނުގެ ސޮއެއް ނޫނޭ. ނުވަތަ އެހުކުމްގައި ތިމަން މަނިކުފާނު ސޮއިކުރައްވަން ޖެހުނީ މިވެނި ސަބަބުތަކާ ހުރެއޭ. ހަމަ އެހުކުމް މިއަދު އެމަނިކުފާނު އިންނަވައިގެން ފަހަރަކު ބައެއް ބާތިލް ކުރައްވަމުން ދަނީ ވެސް،" މަހުފޫޒް ވިދާޅުވިއެވެ.

މަހުފޫޒް ވިދާޅުވީ އެހުކުމްގައި ސޮއި ކުރެއްވީ ކީއްވެގެން ކަމެއް ވިދާޅުނުވާ އިރު އެ ތިން ބޭފުޅުން އަދިވެސް އިންސާފު ގާއިމް ކުރުމަށް ތިއްބެވުމަކީ މިކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ކިޔާންދޭން ޖެހޭ ކަމެއް ކަމަށެވެ.

"އޭގެ ތެރެއިން ދެ ފަނޑިޔާރަކު އެ ހުކުމްގައި ސޮއި ކުރުމުން ވަރަށް ބޮޑު ކުށަކަށް ވެގެންދިޔައީ. އެ ދެ ފަނޑިޔާރުން މިހާރު ތިއްބެވީ، އެކުށުގެ އަދަބުގައި ކަމަށް ޖުޑިޝަރީން އެ ބުނަނީ. އަނެއް ތިން ފަނޑިޔާރުންގެ ހާލަކީ ކޮބައިތޯ. އެ ތިން ފަނޑިޔާރުން އެ ތިއްބެވީ އަދިވެސް އަދުލްއިންސާފު ގާއިމްކޮށްދޭ އެންމެމަތީ ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރުންގެ ގޮތުގައި،" މަހުފޫޒް ވިދާޅުވިއެވެ.

މިއީ އިންސާފު ކަމަށް ހަމަ ބުއްދި ހުރި އެއްވެސް ފަރާތަކުން ގަބޫލުނުކުރާނެ ކަމަށާއި ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ހުކުމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލުގައި އޮންނަން ޖެހޭ ކަމުގައިވާ ނަމަ ފެބްރުއަރީ އެކެއްގައި އެކޯޓުން ނެރުނު ހުކުމްގައި ސޮއިކުރި އަނެއް ތިން ބޭފުޅުން ވެސް އެ ދެ ބޭފުޅުންނާ އެކު ޖަލުގައި ތިބެންޖެހޭނެ ކަމަށް އިންސާފަށް ވާހަކަދައްކާ ފަރާތްތަކުން ބުނާނެވެ. އެތިން ބޭފުޅުން ތިއްބަވަނީ އިއްޒަތާއި ޝަރަފުގައި ސުޕްރީމް ކޯޓުގައި ކަމުގައިވާ ނަމަ އަނެއް ދެ ފަނޑިޔާރުން ޖަލުގައި އޮތުން ހައްގެއް ނޫން ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް