ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 15:17
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
އަޅުގަނޑުމެން ގެންނާނީ މުއިއްޒު ގެނަންވާ ކަހަލަ ތަރައްޤީއެއް ނޫން: މާރިޔާ
ޔާމިންގެ ވާހަކަފުޅުން ވެސް ޔާމިން ވެރިކަމުގައި ދެން ނުހުންނެވޭނެކަން ޤަބޫލުރައްވާކަން ހާމަވޭ
ރައީސް ޔާމީން އެޅުއްވި ފްލެޓެއް ފެންނާކަށް ނެތް
ޕްރޮޖެކްޓްތަކުގައި އިސްރާފެއް ނޯންނާނެ

ގުޅިފައިވާ ޕާޓީތަކުން ގެންނާނެ ތަރައްޤީއަކީ މިސަރުކާރުގެ ހައުސިންގ މިނިސްޓަރ ގެންނަވާ ފަދަ ތަރައްޤީއަކަށް ވެގެން ނުދާނެ ކަމަށާއި ތަރައްޤީ ގެންނާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރަށްރަށަށް ކޮށްދެއްވާނެ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވާ ކަންކަމާ ގުޅޭ ގޮތުން ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާރިޔާ ވިދާޅުވީ, ރައީސް ޔާމީން ފައިސާ ހޯދާ ގޮތް ބަލަން ނުޖެހޭނެ ކަމަށާއި ތަރައްޤީ ގެނައުމުން ނިމުނީ ކަމަށް މި ހުރިހާ ދުވަހަކު އެމަނިކުފާނު ދައްކަވަމުން ގެންދެވި ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީން އެހެން ވިދާޅުވަމުން ގެންދެވި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުން ގޯތި ގެދޮރާއި ބޯހިޔާވަހިކަން ރައްޔިތުންނަށް ދޭނެ ކަމަށް ބުނުމުން ރައީސް ޔާމީންގެ ވާހަކަ ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ރައްޔިތަކަށް ގެދޮރު ބިނާ ކޮށްދޭ ނަމޭ ބުންޏަސް އެފައިސާ ހޯދާނެ ގޮތަކާއި އެކަންކަން ކުރައްވާނެ ގޮތެއް ވިދާޅުވެދެއްވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ އެވާހަކަފުޅުން ހާމަވެގެންދަނީ ރައީސް ޔާމިން އާދައިގެ ރައްޔިތަކާ އެއް ހަމަވެގެން ދާތަން ކަމަށާއި މިހާރު ފެންނަމުންދާ މަންޒަރުތަކާއި ރިޔާސީ ކެންޑިޑޭޓް އިބޫ ރަށްރަށަށް ވަޑައިގަތުމުން އެފެންނަމުންދާ މަންޒަރުން، ދެން މާގިނަދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ނުހުންނެވޭނޭ ކަމުގެ އިހްސާސް އެމަނިކުފާނަށް ކުރެއްވޭކަން ޤަބޫލް ކުރައްވާކަން ދޭހަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ދެން މާގިނަ ދުވަހަކު ނުހުންނަވާނެކަން އެބޭފުޅާއަށް އިހްސާސް ވާތީހެން އަޅުގަނޑުމެންނަށް ހީވަނީ ތިމަން މަނިކުފާނަށް ވެސް ބޭނުންފުޅުވެޔޭ ފައިސާ ހޯދާ ގޮތެއް އަޅުގަނޑުމެންގެ ސަރުކާރަކުން ވިދާޅުވެދެއްވަން އެވިދާޅުވަނީ،" މާރިޔާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ބ. ކުޑަރިކިލުގައި ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ގެންނަ ތަރައްޤީގެ ކަންކަން ހަމަޖައްސާނީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ އެއްޗަކުން ކަމަށާއި އެކަން ކުރުމުގައި އިސްރާފާއި ކޮރަޕްޝަން އޭގައި ނުހިމެނޭ ގޮތަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ފްލެޓެއް ފެންނަން ނެތް ކަމަށާއި ރައްޔިތުންނަށް ނޭނގޭ ގޮތަށް ސިއްރު ލިސްޓަކަށް ރައީސް ޔާމީން ބައްސަވާލެއްވީ ވެސް ރައީސް ނަޝީދުގެ ކުރު ތިން އަހަރުގައި އެޅުއްވި ފްލެޓް ކަމަށެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަކަށް ރައްޔިތުން ބޭނުންވާނެ ކަންކަމާއި އާމްދަނީ ލިބޭ ވަރުން ފުދޭނެ ގޮތަށް ކަންކަން ކޮށްދެއްވަން އެނގޭނެ ކަމަށެވެ. އަދި ކަންކުރާނީ ހުރިހާ ފަރާތްތަކަކަށް ވެސް މައުލޫމާތު ފޯރުކޮށްދީގެން ދެ ފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އިބޫ ވެސް ވިދާޅުވި ދިވެހިން ބޭނުން ވަނީ ދިވެހިންނަށް ލިބޭ އާމަދްނީން ކަންކަން ހަމަޖައްސަވާށޭ، އެވަރުގެ އާމްދަނީއެއް އަޅުގަނޑުމެންނަށް ލިބެޔޭ. ޕްރޮޖެކްޓްތަކުގައި އިސްރާފެއް ނޯންނާނެ. މަސައްކަތް ކުރާނީ އޭގެ ހަމަ އަގުގައޭ ކުރާނީ ކޮރަޕްޝަނެއް ނޯންނާނެޔޭ،" މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް