ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 13:19
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓާސް ލިސްޓުގައި ސޮއިކުރާނީ ސައްހަކަން ކަށަވަރުވުމުން: އިބޫ
ރީރަޖިސްޓްރޭޝަން ލިސްޓްުގެ ތަފްސީލެއް އީސީން ހާމަކޮށްފައެއް ނުވޭ
ރީރަޖިސްޓްރޭޝަންގެ ލިސްޓް ހާމަކުރަނީ ސޮއިކުރާ ދުވަހު ކަމަށް މައުލޫމާތު ލިބޭ
ލިސްޓް ކަށަވަރުކުރަން ބޭނުންވަނީ އޮޅުވާލަން ގިނަ ކަންތައްތަކެއް ކުރާ ކަމަށް ތުހުމަތުކުރެވޭތީ

ވޯޓާސް ލިސްޓްގައި ސޮއިކުރާނީ ރީރަޖިސްޓްރޭޝަން ކުރި މީހުންގެ ލިސްޓްގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަން ހުށައަޅާފައިވާ ޝަކުވާތައް އިސްލާހުކުރުމަށް ފަހު ރީ-ރަޖިސްޓްރޭޝަންކުރި މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުނުކުރާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. މިއަދާ ހަމައަށް އައި އިރު ރީ-ރަޖިސްޓްރޭޝަންގައި އުޅެނީ ކޮން މައްސަލައެއްކަން އެނގެންޖެހޭ ކަމަށާއި، އެހެންކަމުން އިލެކްޝަން ކޮމިޝަނުން ރީ-ރަޖިސްޓްރޭޝަންގެ ލިސްޓް ހާމަކުރުމަށް އިބޫ ގޮވާލެއްވިއެވެ.

"އިންތިހާބު މި އޮތީ ކުރިމަތީގައި، އަޅުގަނޑުމެން މި މަހުގެ 10 ވަނަ ދުވަހު ރީރަޖިސްޓްރޭޝަންގެ މަސައްކަތް މި ނިންމާލީ، އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން އެއްލައެއްކައެއްހާ މީހުން ވަނީ ރަޖިސްޓްރީކޮށްފައި. އެހެންމަވެސް މިއަދާ ހިސާބަށް އައިރުގައި އަދިވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރޭ. ތިން ހަތަރު ދުވަސްވެގެން ދިޔައީ. ރަޖިސްޓްރީ ކުރެވިފައި ވަނީ ކިތެއް މީހުންތޯ، ރިޕީޓުވެފައި އޮތީ ކިތެއް މީހުންތޯ، އޭގަ އުޅެނީ ކޮން މައްސަލަތަކެއްތޯ، އެބަ އަޅުގަނޑުމެންނަން ހާމަކުރަންޖެހޭ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރީރަޖިސްޓްރޭޝަންގެ ލިސްޓް ލިބޭނެ ކަމަށް މައުލޫމާތު ލިބެނީ ކެންޑިޑޭޓް ސޮއިކުރާ ދުވަހުގައި ކަމަށެވެ. އެހެންނަމަވެސް ސައްހަކަން ކަށަވަރުނުވާ ލިސްޓެއްގައި "ސޮއިކުރާނީ ކިހިނެތްތޯ" އިބޫ ސުވާލު އުފެއްދެވިއެވެ.

އިބޫ ނޮޅިވަރަމްއަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވަނީ

"މިއަދާ ހިސާބަށް އައިރުވެސް އޭގެ ތަފްސީލެއް ނުލިބޭ. އަދި މިހާރު މައުލޫމާތު ލިބެމުން މި ދަނީ، އެ ލިސްޓް ހާމަކުރުމަށް ފަހުގައި، ދެން އިސްލާހުކުރުމަށް މި ލިބޭ ތިންދުވަހަށް ފަހުގައި، އެ ފައިނަލްކުރާ ލިސްޓް އެއީ ހާމަކުރާނެ އެއްޗެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އޭގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުން އަޅުގަނޑުމެންނަން ލިބެންޖެހޭ. މައްސަލަތަކެއް ހުރިކަން އެނގި، މައްސަތަކަށް އިސްލާހު ހުށައެޅުމަށް ފަހުގައި، އެ އިސްލާހުކޮށްފައި އޮންނަ ލިސްޓް އަޅުގަނޑުމެންނަން ލިބެންޖެހޭނެ. އޭރުން އަޅުގަނޑުމެންނަން ކަށަވަރުވާނީ އެއީ އަސްލު ހަގީގީ އެއްގޮތަށް އޮތް ލިސްޓެއް ކަން، މިހާރު މިހާރު އަޅުގަނޑުމެންނަން މައުލޫމާތު ލިބެނީ އެ ލިސްޓް އަޅުގަނޑުމެންނާއި ހަމައަށް ލިބޭނީ ކެނޑިޑޭޓް ސޮއިކުރާ ދުވަހުގައި އެކަންޏޭ. ސޮއި ކުރާނީ ކިހިނެތްތޯ އަޅުގަނޑުމެން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިފަދަ ކަންކަން ކަށަވަރުކުރަން ބޭނުންވަނީ ވޯޓް އޮޅުވާލުމަށް ގިނަ ކަންތައްތަކެއް ކުރަމުންގެންދާތީ ކަމަށެވެ.

ސުޕްރީމް ކޯޓުން  2013 ވަނަ އަަހރުގެ ރިއާސީ އިންތިހާބާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައި ވަނީ އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓްގެ ސައްހަކަން ގަބޫލުކޮށް ކެންޑިޑޭޓުން ސޮއިކުރައް ޖެހޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް