ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 13:01
ރައީސް ޔާމީން: އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވި
ރައީސް ޔާމީން: އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވި
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ފޫހިފިލުވަން ވަގުތެއް ނުދޭނަން، ޖެހޭނީ އަޅުގަނޑުގެ ވާހަކަ އަޑުއަހަން: ރައީސް ޔާމީން
ކުޅުފުއްފުށި ސިޓީއަކަށް ހަދާނެ ކަމަށް އިބޫ ވިދާޅުވުމުން، ފާޑުވިދާޅުވި
ކުޅުދުއްފުށި ތަބީއީ ގޮތުން ސިޓީއަކަށްވާނެ ކަމަށް ވިދާޅުވި
ކޯލިޝަންގެ ސަރުކާރެއް ހިންގަން ދަތިވާނެ

އިދިކޮޅު ޕާޓީތަކަށް ފޫހިފިލުވަން ވަގުތެއް ނުދެއްވާނެ ކަމަށާއި ވާދަވެރިން ޖެހޭނީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް އަޑުއަހަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ބުރުންޏަށް ވަޑައިގެން، އެ ރަށުގެ ނަރުދަމާ ނިޒާމު އިފްތިތާހުކުރެއްވުމަށް ފަހު، ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ޖެހޭނީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދޭން ކަމަށެވެ. 

"ފޫހިވާނެ އެންމެ މިނެޓްކޮޅެއް ވެސް ނުދޭނަން. މި ކޮޅުމަޑުލުގެ ދަތުރު ނިމެންދެން އެ ބޭފުޅުން ޖެހޭނީ އަޅުގަނޑު ދައްކާ ވާހަަކަ އަޑު އަހަން.....އަޅުގަނޑު މި ދަތުރުތައް ނިމެމުންދާ އިރު، އެ ބޭފުޅުންނަށް ފޫހިފުލުވާލާކަށް ހުސް ވަގުތު ކޮޅެއް އަރުވާކަށް އަޅުގަނޑުގެ ހިޔާލެއް ނެތް. ދާދި ކައިރީގެ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި އަޅުގަނޑުގެ މެނިފެސްޓީގައި ހުރި ކަންކަމާ ބޮޅަކަށް ފަހު ބޮޅެއް އަޅުވަމުންދާނަން. އެބޭފުޅުން ޖެހޭނީ އެކަންކަމާ ވިސްނާ ވަޑައިގަންނަވަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތަކުން ޖެހޭނީ ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ރައްދު ދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވާހަކަތަކަށް އެންމެ ގިނައިން ރައްދު ދެއްވާ ބޭފުޅަކީ ވެސް ރައީސް ޔާމީނެވެ. އެގޮތުން ހދ. ކުޅުދުއްފުށީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އިބޫ ދެއްކެވި ވާހަކަފުޅުތަކަށް ވެސް ރައީސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ކުޅުފުއްފުށި ސިޓީއަކަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ތަބީއީ ގޮތުން ކުޅުފުއްފުށި ސިޓީއަކަށް ވާނެ ކަމަށެވެ.

"ތަބީއީ ގޮތުން އެކަން ވާނެ. 9000 އެތައް ބައެއް އުޅޭ ބައެއް ކުޅުފުއްފުއްޓަކީ، ހަމަ 10،000 ހަމަވާތަނުން މިހާރު ގާނޫނު އޮތް ގޮތުން ކުޅުފުއްފުށި ސިޓީއަކަށްވާނެ. އޭގަ އެ ބޭފުޅުން ނުޖެހޭ މުޑުއައްކުރައްވައިގެން، މީހުން ދުނިޔެއަށް އުފައްދައިގެން 10،000 ހަމަކުރާކަށް ނުޖެހޭ. އެއީ ތޮބީއީ ގޮތުން ވާނެ ކަންތައްތައް އެއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ގިނަ ޕާޓީތަކާ އެކު ކޯލިޝަންގެ ސަރުކާރެއް ހިންގުމަކީ އުނދަގޫ ކަމެއް ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ "އެއް ބަޔަކު ރުއްސައިގެން، އަނެއް ބަޔަކަށް ކަންތައްތަކެއް ފުއްދައިދީގެން" ސަރުކާރު ހިންގުމަކީ ދަތިކަމެއް ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން ބުނީ ކޯލިޝަން، އިއްތިހާދެއްގެ ސަރުކާރެއްގައި މަސައްކަތް ކުރާއިރު ހުންނަ އުނދަގޫތަކެއްގެ ވާހަކަ. ހަގީގަތަކަށް ދަންނަވާ ކަމުގައިވަންޏާ އެއީ ތެދު ވާހަކައެއް. ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، އެއް ބަޔަކު އަނެއް ބަޔަކު ރުއްސައިގެން، އެއް ބަޔަކު ބޭނުންވާ ކަންތައް އަނެއް ބަޔަކު ފުއްދައިދީގެން ކުރާއިރު، އެ ކަންކަމުގައި ހުންނާނެ ދަތިތަކެއް،"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް