ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 12:52
ރީ-ރެޖިސްޓްރީކުރުމުގެ ފަހު ދުވަހު އިލެކްޝަންސްގައި މީހުން ކިޔު ޖެހިފައި
ރީ-ރެޖިސްޓްރީކުރުމުގެ ފަހު ދުވަހު އިލެކްޝަންސްގައި މީހުން ކިޔު ޖެހިފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމީންގެ ވާހަކަފުޅު ދިފާއުކޮށް އިލެކްޝަންސް ކޮމިޝަނުން ވާހަކަ ދައްކައިފި
ހަމަނުޖެހުމެއް ހިނގިކަން ހާމަކުރީ ރައީސް އެހެން ވިދާޅުވުމުން
އިންތިޚާބީ މަރުކަޒުގެ އެތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ
މަޖިލީހުގެ ކުރީގެ ބައެއް މެންބަރުން ތިއްބެވި ކަމަށް ވިދާޅުވި

ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި ދުވަހުގެ ރޭ ރީ-ރެޖިސްޓްރޭޝަން ފޯމުތައް ނުލެވިގެން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން "އިލެކްޝަންސް ކޮމިޝަނަށް އަރައިގަތް" ކަމަށް ހޯމަ ދުވަހު ރައީސް އަބުދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅު ދިފާއުކޮށްފިއެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެ ފަހު ވަގުތަށް ބެހެއްޓި ރީ-ރަޖިސްޓްރޭޝަން ފޯމްތައް ނުލެވިގެން "އެތަނަށް އަރައިގަތީ" ކަމަށެވެ.

"ދާދިފަހުން އެ ނިންމީ ރީ-ރަޖިސްޓޭޝަން 23 ވަނަ ދުވަހު ލާ ވޯޓަށް، ކިހިނެއްތޯ އެކަން ވެސް ނިމިގެން ދިޔައީ. އަޅުގަނޑުމެން ހުށަހަޅާ ފޯމުތައް ދައުލަތުން އެ ނިންމާ ގޮތަކަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާ އެ އޮންނަ މުއްދަތަކަށް ލެވޭތޯ ބަލަން. އެބޭފުޅުން އެންމެ ފަހު ދުވަހަށް ބަހައްޓާފައި ހުރި ފޯމްތައް ނުލެވިގެން އެތަނަށް އަރައިގަތީ، އެންމެ ފަހުން ފުލުހުން ގޮސްގެން އެކަން ހުއްޓުވަން ޖެހުނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ސުންގަނޑި ހަމަވެފައި ވަނީ އޮގަސްޓް 11 ގައެވެ. އެރޭގެ 12:00 ޖެހުމާ ހަމައަށް އިލެކްޝަނުން ވަނީ ވަގުތު އިތުރުކޮށްދީފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އެތަނަށް އަރައިގަތް ކަމަށް ރައީސް ޔާމީން މިމަހުގެ 13 ވަނަ ދުވަހު ވިދާޅުވުމާ ހަމައަށް އެފަދަ އެއްވެސް ކަމެއް އިންތިޚާބީ މަރުކަޒުގައި ހިނގާފައިވާ ކަމުގެ އެއްވެސް ވާހަކައެއް، އިލެކްޝަނުން ވެސް އަދި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރި-ރެޖިސްޓްރީވާން ފުރުސަތު ދިން އެންމެ ފަހު ރޭ އިންތިޚާބީ މަރުކަޒުގައި ހަމަނުޖެހުން ހިންގަން ބައެއް ފަރާތްކުން މަސައްކަތް ކުރި ކަމަށެވެ.

އަކްރަމް ވިދާޅުވީ ބަޔަކު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބައެއްކަން ހާމަކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެހެން ނޫހަކަށް އަކްރަމް ވިދާޅުވެފައި ވަނީ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ހަމަނުޖެހުން ހިންގި ކަމަށެވެ.

އަކްރަމް ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން 12 ޖަހަން 10 މިނިޓަށް ވެފައި ވަނިކޮށް އެތަނުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. އެނބުރި ފޯމުތައް ލާން އެތަނަށް ދިޔައީ އެކެއް ޖެހި ފަހުން ކަމަށެވެ. އެކަން އެނގިވަޑައިގަތީ ކިހިނެއްތޯ ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ އޭނާ އެރޭ 4 ޖަހަންދެން އެތަނުގައި އުޅުއްވި ކަމަށެވެ.

ނަމަވެސް 12:45 ކަންހާއިރު، އިންތިޚާބީ މަރުކަޒުން ބޭރަށް ނުކުންނަވައި ރާއްޖެއެމްވީގެ ނޫސްވެރިއަކާއި ވާހަކަ ދައްކަވަން މަޑުކޮށްލައިގެން ހުންނެވުމަށް ފަހު އަކްރަމް ވަނީ އެތަނުން ވަޑައިގަންނަވާފައެވެ.

އެ ސުވާލު އަކްރަމާ ކުރުމުން އޭނާ ވިދާޅުވީ އަލުން އަނބުރާ އިންތިޚާބީ މަރުކަޒަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެތެރެއަށް ވަދެވަޑައިގަތީ އެހެން ދޮރާއްޓަކުން ކަމަށެވެ. އެހެންވެ އިންތިޚާބީ މަރުކަޒުގެ މައި ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ތިބޭ ބަޔަކަށް އޭނާ ނުފެނިދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބީ މަރުކަޒުގެ އެތެރޭގައި ހުރިހާ ކަމެއް ވެސް ދިޔައީ "ވަރަށް ސުމޫތު" (އޮމާން) ކޮށް ކަމަށާއި ހަމަނުޖެހުމެއް ހިނގާފައި ވަނީ އިންތިޚާބީ މަރުކަޒަށް ވަންނަ މައިދޮރާށި ކައިރީގައި ކަމަށެވެ. އަދި އެތަނުގައި ކުރީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ތިއްބެވި ކަމަށް އަކްރަމް ވިދާޅުވިއެވެ

އެތަނުގައި ކުރީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ތިއްބެވި ކަމަށް އަކްރަމް ވިދާޅުވުމުން އެއީ ކޮންބައެއްތޯ ސާފުކޮށްދިނުމަށް ތަކުރާރުކޮށް ސުވާލުކުރުމުން އަކްރަމް ވިދާޅުވީ "މަސްލަހަތު ގެއްލިދާނެތީ އެވާހަކަ ދެއްކުން އެހާ ރަނގަޅު ނުވާނެ" ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް