ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 22:55
މީދޫގައި ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަދައްކަވަނީ
މީދޫގައި ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސި އިންތިޚާބު 2018
ފާޑު ފާޑުގެ ވާހަކަތައް ދައްކައިގެން ދެން ދިވެހިންގެ ސިކުނޑިތަކާ ނުކުޅެވޭނެ: ފައިސަލް
ވެރިއަކަށް ހުންނަ މީހާ ރައްޔިތުންނާ ވާހަކަ ދައްވަން ޖެހޭނީ ތެދު ބަހުން

ފާޑު ފާޑުގެ ވާހަކަތައް ދައްކައިގެން ދިވެހިންގެ ސިކުނޑިއަށް ސަވާރުވެވިދާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަކަމެއް ކަމަށް ވިދާޅުވެ ސަރުކާރުގައި ތިބި ފަރާތްތަކަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ފާޑު ވިދާޅުވެއްޖެ އެވެ.  

ދ.މީދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ވަކި ކާޑެއް ބޭނުން ކޮށްގެން ސިކުނޑިތަކާ ކުޅުމަށް ބައެއް މީހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކައިގެން ޒުވާނުންގެ ސިކުނޑިތަކަށް ސަވާރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އެހެން ނަމަވެސް ވެރިއަކަށް ހުންނަ މީހާ ރައްޔިތުންނާ ވާހަކަ ދައްވަން ޖެހޭނީ ތެދު ބަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

 

މީދޫގައި ކުރިއަށްދާ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

އިތުރު ފުރުސަތެއް މި ސަރުކާރަށް ދީފިނަމަ މި ގައުމު މިހާރު އޮތް ގޮތަށް އޮވެދާނެކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ބޭނުންވާ ނަމަ މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން މި ސަރުކާރަކީ އެއް ކަމެއް ތަކުރާރުކޮށް ކުރަން ވަރަށް ފަރިތަ ސަރުކާރެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއްގައި ކުރާ މަސައްކަތެއް ކުރާނީ ކޮލެޓީގައި ކަމަށާއި އަދި އެ މަސައްކަތް ދެ ދުވަހުން އެއްދުވަހު ކުރަން ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލަރުން ސަސްޕެންޑްކުރީ ސިޔާސީ ހިޔާލު ތަފާތުވުން ހުރުމުން ކަމަށާއި އެހެން ނަމަވެސް ކައުންސިލްތަކަށް ކޯލިޝަން ސަރުކާރެއްގައި ބާރުވެރިކަން ދޭނެ ކަމަށެވެ. މީގެ އިތުރުން ގައުމު ވަނީ ހިތާމައިގެ ފުން އަނދަވަޅެއްގައިކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އަނިޔާ ވެރިވުމަކީ ބަޔަކު ހިތްވަރުދޭ ކަމަކަށް ވެފައިވާކަމަށާއި، ދައުލަތުގެ ހަޒާނާ ހިތުހުރިގޮތަކަށް ބޭނުން ކުރަމުންދާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް