ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 13:58
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ހުސައިން ނަސީރު
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ހުސައިން ނަސީރު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ނަސީރުގެ ކެނޑިޑެސީ ފޯމް ބާތިލުކުރި މައްސަލަ ހައިކޯޓަށް!
މައްސަލަ ހުށަހެޅީ ހޯމަ ދުވަހު
އަލުން ފޯމު ހުށަހަޅުމުގެ ފުރުސަތު ހޯދަން އެދިފައިވޭ
ނަސީރުގެ ފޯމު ހުށަހެޅީ 1800 މީހުންގެ ސޮޔާއެކު

އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން ކުރިމަތިލެއްވި ހުސައިން ނަސީރުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ނަސީރުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުއެވެ.

ހުސައިން ނަސީރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމް އެކޮމިޝަނުން ބާތިލުކުރީ މައުލޫމާތު ސައްހަނުވުމާއި ހުށަހެޅި ސޮއިތަކުގައި މައްސަލަތަކެއް ހުރުމުންނެވެ. 

އިންތިހާބަށް ކުރިމަތިލުމަށް ހުސައިން ކެންޑިޑެސީ ހުށަހެޅުއްވީ 1،800 މީހުންގެ ސޮޔާ އެކުއެވެ. ހުސައިންގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ޝެއިޚް ނަސްރުﷲ މުސްތަފާއެވެ. މީގެ އިތުރުން ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލިފައިވާ ނަސްރުﷲގެ ޕޮލިސް ރިޕޯޓް ފުރިހަމަނުވާ މައްސަލަ ވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.

ހުސައިން ނަސީރުގެ ކެމްޕޭން ޓީމުގެ ތަރުޖަމާނު އަމްޖަދު ހުސައިން ވިދާޅުވެފައި ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ފޯމުގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ފޯމު ހުށަހަޅަން ފުރުސަތު ދިނުމަށް އެދި ކަމަށެވެ.

އަމްޖަދު ވިދާޅުވެފައި ވަނީ ފޯމު ބާތިލު ކުރިކަން އިލެކްޝަނުން އެންގީ ހުކުރު ދުވަހު ކަމަށާއި އެހެންވެ ފޯމުގައި ސަރުކާރުގެ އޮފީސްތަކުން ފުރިހަމަ ކުރަން ޖެހޭ ގިނަ މައުލޫމާތުތަކެއް ހުރުމުން އެކަން ކުރެވިފައިވާ ނުވާ ކަމަށެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަނޑި މިހާރު ވަނީ ހަމަވެފައެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެކަން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެ މީހަކަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމީ ނިންމުމެއް، ފަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމާށާއި އެއިން ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް