ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 10:22
ތިނަދޫ ކައުންސިލްގެ ނައިބް ރައީސް ޝިފާގު ހުސެއިން
ތިނަދޫ ކައުންސިލްގެ ނައިބް ރައީސް ޝިފާގު ހުސެއިން
ރާއްޖެއެމްވީ
ވ. ތިނަދޫ
ތިނަދޫ ރައްޔިތުން އެންމެ ބޭނުންވަނީ ގޯތި، އެކަމަކު އެކަން މިސަރުކާރުން ނުކޮށްދޭ: ކައުންސިލް
ގޯތި ދޫކުރުމުގެ ހުއްދައަށް އެދޭތާ އަހަރަކަށްވުރެ ގިނަ ދުވަސް
100 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ބިން އެބައޮތް
މިސަރުކާރާއި ގުޅިގެން މަސައްކަތް ކުރި ނަމަވެސް ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ނުވި

ވ. ތިނަދޫ ރައްޔިތުން އެންމެ ބޭނުންވަނީ ގޯތި ކަމަށާއި، އެކަމަކު މިސަރުކާރު އެކަން ކޮށްދީފައި ނުވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ ދާއިރާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސެއިން ވިދާޅުވީ ތިނަދޫ ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި ގޯތި ދޫކުރުމުގެ ހުއްދައަށް އެދޭތާ އެއްއަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

ޝިފާގު ވިދާޅުވީ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުއްދަ ހޯދުމަށްޓަކައި ކައުންސިލުން ކުރެވޭނެ ހުރިހާ ކަމެއް ކުރި ކަމަށާއި، ނަމަވެސް މިސަރުކާރުން ދައްކަނީ އުޒުރު ކަމަށެވެ. އޭނަ ވިދާޅުވީ ތިނަދޫގައި ބިމުގެ ޖާގަ އެބައޮތް ކަމަށާއި، ދޭން ބޭނުންވާ ނަމަ މިހާރު އެކަން ކުރެވިދާނެ ކަމަށެވެ.

"ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަކީ ރައްޔިތުން އަމިއްލައަށް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުން. އެގޮތުން ރައްޔިތުންނަށް އުދަނގޫތަކެއް ދިމާވެފައި ހުރި ނަމަވެސް އެންމެ ބޮޑަށް އެދުމުންދިޔައީ ހަރަދުކުރާނެ އެއްވެސް ކަމެއް ތިނަދޫއިން ބޭނުމެއް ނޫނޭ. ތިނަދޫއިން ބޭނުންވަނީ ރައްޔިތުންނަށް ކުރިއަށްދެވޭނެ މަގެއް ހުޅުވައިދެއްވުމޭ." ޝިފާގު ވިދާޅުވިއެވެ.

ތިނަދޫއަށް މިސަރުކާރުގެ ފިނޭންސް މިނިސްޓަރު ޒިޔާރަތް ކުރުމުން މިނިސްޓަރާއި ބައްދަލުކޮށް މިމައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރިކަން ފާހަގަކުރައްވާ ޝިފާގު ވިދާޅުވީ ތިނަދޫ ރައްޔިތުންނަށް ގޯތި ދޫނުކުރަމަށް ސަރުކާރުން މަސައްކަތް ކުރަނީ ކުއްޔަށްދޭން އުޅޭތީ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"އެއެއް ނުނިންމޭނެއްނުންތޯ މިހާރުގެ ސަރުކާރަކަށް ނުވަތަ ފިނޭންސް މިނިސްޓަރަކަށް. މާލޭގައި ވެސް މީހުން ގެދޮރު ހަދައިގެން ކުއްޔަށްދީގެން އެގޮތަށް ވިޔަފާރި ކުރަމުންދަނީ. ކީއްވެގެންހޭ ތިނަދޫ ރައްޔިތުންނަށް ގެދޮރުގައި ވިޔަފާރީ ނުކުރެވެނީ" ޝިފާގު ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 13 ގޯތި ދޫކުރިފަހުން އެރަށުން ގޯތި ދޫނުކުރާ ކަމަށާއި، މީހާރު ވެސް 60 މީހުންނަށްވުރެ ގިނަ މީހުން ގޯތި ބޭނުންވެގެން އުޅޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުން 100 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ބިން އެބައޮތް ކަމަށެވެ.

ތިނަދޫއަކީ ލޯކަލް ޓޫރިޒަމަށް ޚާއްސަ ރަށަކަށްވާއިރު ޒުވާނުން މިއަދު ބޭނުންވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދާނެ ގޮތެއް ކަމަށާއި، ލިބޭ ގޯއްޗެއްގައި ދިރިއުޅުމަށް ތަންކޮޅެއް ހެދުމަށްފަހު ވަކިން އެގޯތީގައި ފަތުރުވެރިންނަށް ޚާއްސަކޮށް ތަނެއް ހެދޭނެ ކަމަށް ޝިފާގު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާގު ވިދާޅުވީ ތިނަދޫ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި ކަމަށާއި، އިންޖީނުގެ އަޅާނެ ބިން ދެއްކި ނަމަވެސް އެކަން ކޮށްދީފައިވާ ނުވާ ކަމަށެވެ.

ރައީސް ޔާމިންގެ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުން ރަށަށް ތަރައްގީ ލިބޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ޝިފާގު ވިދާޅުވީ މިހުރިހާ ދުވަހު މަސައްކަތް ކުރީ ސަރުކާރާއެކު ކަމަށާއި، ރައީސް ޔާމިންގެ ސަރުކާރުގައި ތިނަދޫ ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް ކޮށްދީފައިވާނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް