ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 10:39
ގދ. ފިޔޯރީގައި ބެހެއްޓި ފަންޑު ފޮށި
ގދ. ފިޔޯރީގައި ބެހެއްޓި ފަންޑު ފޮށި
މުހައްމަދު ޝަރުހާން
ގދ.ފިޔޯރީ
ފިޔޯރީގައި ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮށި ބަހައްޓައިފި
ތިން ދުވަސް ވަންދެން މިފޮށި ބަހައްޓާނެ
ފިޔޯރީ ގިނަ ބަޔަކު ބަލަނީ ރާއްޖެ ޓީވީ

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމާނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން ހުޅުވި "ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް" އެހީވުމުގެ ގޮތުން ގދ ފިޔޯރީގައި ވެސް "އަބުރުފުޅު ފަންޑު" ފޮއްޓެއް ބަހައްޓައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނީ އެރަށު އެމްޑީޕީ ހަރުގޭގައި ފަންޑުފޮށި ބެހެއްޓީ އާދީއްތަ ދުވަހު ހަވީރު ކަމަށާއި 3 ދުވަސްވަރު ވަންދެން އެފޮށި ބަހައްޓަން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ލިބެމުންދާ ތަރުހީބާ އެކު އެރަށަށް އަންނަ އެހެން ރަށްރަށުގެ މީހުންނަށް ވެސް އެފޮށްޓަށް އެހީތެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިތުރު ދުވަސްކޮޅަކު ފަންޑުފޮށި ބެހެއްޓުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. 

އޭނާ ބުނީ އެރަށުގެ ގިނަ ބަޔަކު ބަލަނީ ރާއްޖެ ޓީވީ ކަމަށާއި އެމީހުން ދެކޭ ގޮތުގައި ރާއްޖެ ޓީވީން ކުރަނީ ޤައުމީ މަސައްކަތެއް އަދި ޤައުމީ ޖިހާދެއް ކަމަށެވެ. އެގޮތުން ރާއްޖެ ޓީވީ ޖުރިމާނާ ކުރުމަކީ އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ކުރި ޖެއްސުމެއް އަދި މަލާމާތެއް ކަމަށް އެމީހުން ދެކޭ ކަމަށެވެ. އަދި ޖާނާއި މާލު ދީގެން ވެސް ރާއްޖެ ޓީވީ ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް ވެސް އެމީހާ ބުންޏެވެ.

ރާއްޖެ ޓީވީ ޖުރިމާނާ ކުރުމުން އަބުރުފުޅު ފަންޑު ހުޅުވައިދެއްވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކައި އަބުރުފުޅު ފަންޑު އިބޫ ހުޅުއްވައިދެއްވުމާ އެކު، ރާއްޖެޓީވީއަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ވަނީ ރާއްޖެޓީވީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މީގެ އިތުރުން ރާއްޖެ ޓީވީއަށް އެހީވުމަށް އެކި ރަށްރަށުގައި ފަންޑުފޮށި ބަހައްޓަމުންދާއިރު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފޅުތަކުގައި ވެސް ދަނީ ރާއްޖެ ޓީވީގެ ފަންޑު ފޮށި ބަހައްޓަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް