އާދީއްތަ ދުވަހު އެންމެ ބޮޑަށް ވައިގާ ހިފި އެއް ފޮޓޯއަކީ އެއީ އެވެ. ގިނަ ބައެއްގެ ސަމާލުކަން އެފޮޓޯއަށް ހުއްޓިއްޖެއެވެ. ޓްވިޓަރއާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގައި އެފޮޓޯ އިންތިހާއަށް ދައުރުވެއްޖެވެ. ފޮޓޯއާ ގުޅިގެން ތަފާތު ހެޔޮ ކޮމެންޓްތައް ގިނަ ބަޔަކު ކޮށްފިއެވެ. ހަމަ ހަޤީގަތުގައިވެސް އެފޮޓޯއަށް ގިނަ ބަޔަކު "ލައިކް" ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އާދީއްތަ ދުވަހު އެންމެ ގިނައިން ރީޓްވީޓްކުރި އެއް ފޮޓޯއަކީ އެއީއެވެ. ފޭސްބުކްއިން އެންމެގިނައިން ޝެއަރކުރި އެއް ފޮޓޯއަށްވެސް އެފޮޓޯ ވުމަކީ ދުރުކަމެއް ނޫނެވެ.
އެއީ ހދ ނައިވާދޫން ފެނުނު މަންޒަރެކެވެ. އާދައިގެ މަތިން ކެމްޕެއިންގައި އެރަށަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގެންނެވި ވަގުތެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން ތުއްތު ތުއްތު ކުއްޖަކު އިބޫ އުރުއްވާލައްވައެވެ. ކުޑައިރުކޮޅަކު އުރުއްވައިގެން ހުންނެވުމަށްފަހު އެކުއްޖާގެ މާމައަތަށް އެކުއްޖާ ދެއްވުމަށް މަސައްކަތް ކުރެއްވި ވަގުތެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެއްގޮތަކަށްވެސް އެކުއްޖާ އޭނާގެ މާމަ ގާތަށް ދާ ޚިޔާލެއް ނުކުރިއެވެ. މާމައަށް ފުރަގަސްދީ އިބޫއާ ދިމާލަށް އެނބުރުނެވެ. އިބޫގެ ގައިގާ ރަނގަޅަށް ތަތްކޮށްލައެވެ. ގަމީސްކޮޅުގައި ބާރަށް ހިފަހައްޓާލާ އިބޫއާ ވަކިނުވާން އެކުއްޖާފުޅަށް ކުރެވުނުހާ މަސައްކަތެއް ކުރެއެވެ. އޭނާ ބުނާ ކަހަލައެވެ. އިބޫ ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ.
ވަގުތުގެ ގޮތުން ކުއްޖާގެ މާމަ ގަދަކަމުން އޭނާ އުރައިގެން ހިނގައިގަތުމުންވެސް ފެނުނީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އެކުއްޖާ ހުއްޓައެއް ނުލިއެވެ. ދެވަނަ ފޮޓޯއިން ފެންނަނީ އެމަންޒަރެވެ. މާމަ ހިނގައިގަތުމުންވެސް އެކުއްޖާގެ ނަޒަރު ހުރީ އިބޫ އަށެވެ. ބާރުބާރަށް ރޮމުން އެކުއްޖާ އަތް ދިއްކުރަމުން ދިޔައީ އިބޫއަށެވެ. އޭނާ ދޫކޮށް ނުލުމަށް އެދިއެދިއެވެ. ހިނިތުންވެފައި ހުންނެވިނަމަވެސް އިބޫގެ އިޝާރާތުންވެސް ހާމަވަނީ އެކުއްޖާއާ ވަކިވާން ބޭނުން ނުވާކަމެވެ. އަދި އަތްދިއްކޮށްލައްވައިގެން އިބޫއަށްވެސް ހުރެވުނީ އެކުއްޖާއަށް ނަޒަރު ހުއްޓަވާ ލައްވައިގެންނެވެ.
އިބޫއަކީ ހިތްހެޔޮ ބޭފުޅެކެވެ. މަޑުމަތިރި މިޒާޖެއްގެ ވެރިއެކެވެ. ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި ހޭދަކުރައްވާތާ 25 އަހަރު ފުރެންދާއިރު އެމަޖިލީހުގެ ހުރިހާ ދައުރެއްގައިވެސް އެއްކޮޅާއި އިދިކޮޅުގެ ހުރިހާ މެމްބަރުން އެއްމެމްބަރަކަށް އެވަރުގެ ބޮޑު އިހްތިރާމެއް ކުރައްވާ އެއްބޭފުޅަކީ އިބްރާހީމް މުހައްމަދު ސޯލިހެވެ. އިދިކޮޅާއި އެއްކޮޅުން ދެކެވޭ މަޝްވަރާތައް އިބޫ ނެތިއެއް ބޭއްވިފައެއް ނެތެވެ. މަޖިލިސް ތެރޭގައި ކިތައްމެ ހޫނުވާ ވަގުތުތަކުގައިވެސް އިބޫއާއެކު ގިނަފަހަރަށް ފިނިވެޔެވެ. އެތައް ތަފާތު ވިސްނުމެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްގަލަކަށް އެރި އެއް ކެންޑިޑޭޓެއްގެ ގޮތުގައި ނެގުމަށް ފަސޭހަ ކަމާއެކު ޕާޓީތަކަށް އެއްބަސްވެވުނީ އެހެން ވެގެންނެވެ.
ކޮންމެއަކަސް މިފޮޓޯގެ ސަބަބުން އިބޫގެ މަޤްބޫލުކަން އެތައް ތަނަކުން އިތުރުވެއްޖެއެވެ. ކުރައްވާ ދަތުރުފުޅުގައި އެކިއުމުރު ފުރާތަކުގެ މީހުންނާއެކު އުޅުއްވާ ގާތްގޮތުންނެވެ. ޚާއްޞަކޮށް މި ފޮޓޯގައި ނޫނަސް ކުޑަކުދިން އެހުންނަނީކީ އިބޫއަށް އަމަށަކު ވަރެއް ނޫނެވެ.