ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 22:59
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
މުހައްމަދު ޝަރުހާން
ފަލަ ސުރުޚީ
ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތަކަށް: އިބޫ
އިސްލާމްދީން ނޫން އެހެންދީނަކަށް ރާއްޖެއިން ފުރުސަތެއް ނުދޭނަން
ދީނީ ސިޔާސަތު އެކުލަވާލަނީ ރައްޔިތުން އިތުބާރުކުރާ ދީނީ އިލްމުވެރިންގެ މަޝްވަރާގެ މަތިން
ސައްޙަ އިސްލާމީ އަޤީދާއެއްގެ މަތީގައި މުޖުތަމައެއް ޤާއިމް ކުރެވޭނެ

ގުޅިފައިވާ ޕާޓީތަކުން ކުރާ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު ވެގެންދާނީ މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތަކަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިބޫގެ ދީނީ ސިޔާސަތު ހާމަނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް، ވިދާޅުވެފައި ވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ޤަބޫލުކުރިތާ 800 އެތައް އަހަރެއް ވެއްޖެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތަކަށް ވެގެންދާނީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. އެގޮތުން  ސައްޙަ  އިސްލާމީ އަޤީދާއެއްގެ މަތީގައި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން. އެއީ އެކަން ވާން ޖެހޭނެ ގޮތަކީ. ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ. އެއީ ރައްޔިތުން ޤަބޫލު ވެސް ކުރައްވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެއްވެސް މީހަކު ވެސް ޤަބޫލުކުރާނެ ކަމެއް ނޫން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެކަން އެގޮތަށް ކުރުމަށްޓަކައި ރައްޔިތުން އިތުބާރު ކުރައްވާ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް އެކަމުގައި ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ރައީސް މައުމޫނުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރު ކުރަމުންދާ ކަމަށާއި ދާދި އަވަހަށް އެ މެނިފެސްޓޯ ހާމަވެގެންދާއިރު މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ މެނިފެސްޓޯއަކަށް އެމެނިފެސްޓޯ ވެގެންދާނެ ކަމަށެވެ. 

"އަޅުގަނޑު މިހާރު ވެސް މިދަނީ ރާއްޖޭގައި ތިއްބެވި ރައްޔިތުން އިތުބާރުކުރައްވާ، ރައްޔިތުން ޤަބޫލުކުރައްވާ ދީނީ ޢިލްމުވެރިންނާ މަޝްވަރާކޮށްގެން ދީނީ ސިޔާސަތުތައް އެކުލަވާލަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އެއް ޕާރޓްނަރަކީ، އަދި ގުޅިފައިވާ ޕާޓީތަކުގެ އެއްބައިވެރިއަކީ އަދާލަތު ޕާޓީ. އަދާލަތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޕާޓީއެއް. އެޕާޓީގައި އެބައޮވޭ ދީނީ އިލްމުވެރިންގެ މަޖިލީހެއް. އެމަޖިލީހުގެ މަޝްވަރާގެ އަލީގައި، އަދި އެބަހުންނެވި ރައީސް މައުމޫން ވެސް. ރާއްޖޭގައި ހުންނެވި ދީނީގޮތުން ކުރިއަރާފައިވާ އެއްބޭފުޅާ. އެބޭފުޅުންގެ ވިސްނުމުގެ އަލީގައި އަޅުގަނޑުމެން މިގެންދަނީ އެސިޔާސަތުތައް ބައްޓަންކުރަމުން. އިރާދަކުރެއްވިއްޔާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ ހާމަވެގެންދާއިރު މިއަދާ ހަމައަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތެއް ލިޔެވިފައި އޮތް މެނިފެސްޓޯއެއް ފެނިގެންދާނެ. އޭގެ ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ އެމެނިފެސްޓޯ ވެގެންދާނީ ރާއްޖޭގެ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުން. އެއީ އަޅުގަނޑުމެންގެ ދީނީ ސިޔާސަތު އެކުލެވިގެންވާ ގޮތަކީ،" އިބޫ ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް