ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 22:24
އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވެރިކަމުގެ ފުރަތަމަ ދުވަހު އިބޫ ކުރައްވާނެ ތިން ކަމެއް އިއުލާން ކުރައްވައިފި
ލީޑަރުން މިނިވަން ކުރައްވާނެ
ދައުލަތުން ގެއްލުނު ފައިސާ ހޯއްދަވަން މަސައްކަތް ފައްޓަވާނެ
މަރުތަކުގެ ހަގީގަތް ހޯދަން މަސައްކަތް ފައްޓަވާނެ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރެއްވާނެ ތިން ކަމެއް އެމަނިކުފާނު ހާމަ ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ހައްޔަރުކޮށް، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ހަތަރު ލީޑަރުންނާއި ސިޔާސީ ކުށްވެރިންނާއި ނުހައްގުން އަނިޔާ ދެމުންދާ ހުރިހާ އެންމެން މިނިވަން ކުރައްވާނެ ކަމަށެވެ. ދޮރުން ދޮރަށް ވަޑައިގެންނެވުމުން ރައްޔިތުން ދައްކަމުންދަނީ އިންސާފު ނެތުމާއި އަނިޔާވެރިކަން ހައްދު ފަހަނަ އަޅާފައިވާ ވާހަކަ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ހަމަޖެހިގެން އުޅެވޭނެ ދުވަސްތަކެއް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު ތަހުގީގު ކުރާނެ ދެ ވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ކޮމެޓީއެއް އެކުލަވާލާނެ ކަމަށާއި އުސޫލުތަކެއްގެ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހަގީގަތް ނޭނގޭ 30 ވަރަކަށް މަރު ހިނގާފައިވާ ކަމަށް ފާހަގަ ކުރައްވައި، އިބޫ ވިދާޅުވީ އެ މަރުގެ ތަކުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށެވެ. ތަހުގީގު ކުރާނެ މަރުތަކުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ގެއްލުވާލާފައިވާ ނިމިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ ނަން އިބޫ ވަނީ ފާހަގަ ކުރައްވާފައެވެ.

އިބޫ ރައީސް ކަމަށް ހޮވިވަޑައިގެންފިނަމަ، އެކުލަވާލައްވާނީ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް، ޕީޕީއެމުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އިބޫ ވިދާޅުވީ އެމަނިކުފާނު އަމަލު ކުރައްވާނީ ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުގެ ލަފަ އާއި އިރުޝާދުގެ މަތިން އަދި ގާނޫނުއަސާސީއާއެއް ގޮތަށް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް